ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އިންތިޙާބާއި މެދު އާއްމު މެމްބަރުންގެ ކަންބޮޑުވުން ވަަރަށް ގިނަ / ފޮޓޯ: ދަ ޑިމޮކްރެޓްސް

ނަމުން ޑިމޮކްރަސީ - ފެންނަ ފެނުމަށް ހުދުމުޙުތާރުކަން

ބުރާސްފަތި 07 ޑިސެމްބަރ 2023 | އަހުމަދު ދާއޫދު

ދިވެހިރާއްޖެއަކީ މިއަދު ޑިމޮކްރަސީ އަށް ފަރިތަވެ ފައްކާވަމުން އަންނަ ޤައުމެކޭ ބުނާތީ އިވެއެވެ. ހަމަ އެހެންމެ ޑިމޮކްރަސީއޭ ކިޔައިގެން ވާހަކަ ދައްކާ މީހުންވެސް ނިސްބަތުން މަދެއް ނޫނެވެ. އަދި ޑިމޮކްރަސީއޭ ކިޔައިގެން ތަފާތު ކަންތައްތައް ކުރާމީހުންވެސް ނިސްބަތުން ގިނައެވެ.

Advertisement


ނަމަވެސް ހިތާމައަކީ ޑިމޮކްރަސީ ފަރިވެ ފައްކާވަމުން އަންނަ ޤައުމަކުން ފެނިގެންދާ މަންޒަރުތައް ޑިމޮކްރަސީ އާއި އެއްވެސް ގުޅުމެއް ނެތްކަމެވެ. ޑިމޮކްރަސީ އޭ ކިޔައިގެން ބާރަށް ވާހަކަފުޅު ދައްކަވާ ބޭފުޅުން ޢަމަލުކުރައްވަމުންދާ ގޮތް ޑިމޮކްރަސީ އާއި މުޅިން އިދިކޮޅަށް ފެންނަމުންދާކަމެވެ. އަދި ޑިމޮކްރަސީއޭ ކިޔަިއގެން ކަންތައްތައް ކުރަމުންދާ މީހުން ކުރާ ކަންތައްތަކުން ޑިމޮކްރަސީގެ އެއްވެސް ސިފައެއް ފެންނަމުންނުދާކަމެވެ.

ރާއްޖޭގައި ދޮންވެ ފައްކާވަމުން އަންނަ ޑިމޮކްރަސީގައި އެންމެފަހުން ފެނިގެން ދިޔަ މި ދަންނަވާފަދަ އެއްކަމަކީ މި ޤައމުގައި ޑިމޮކްރަސީއޭ ، ރައްޔިތުންގެ ހައްޤޭ ކިޔައިގެން އެންމެ ގަދައަށް ވަކާލާތުކުރާ "ދަ ޑިމެކްރެޓްސް"ގެ ފަރާތުން ފެނިގެން ދިޔަ ހުތުރު ޢަމަލުތަކެވެ.

ޑިމޮކްރަސީގެ އެންމެ އަސާސީއެއް ހައްޤަކީ ދެފުށްފެންނަ ގޮތެއްގައި ހަމަ ހަމަކަމާއި އިންސާފުވެރިކަމާއި އެކު އެބަޔަކު ބޭނުންވާ ވެރިޔަކު އެބައެއްގެ ތެރެއަށް ގެނައުމަށް ވޯޓްލުމަށް ލިބޭ ފަރުދީ ހައްޤެވެ. އަދި ކަނޑައެޅިފައިވާ އުސޫލާއި ،ހަމަތަކާއި ، ޤަވާޢިދުގެ ތެރެއިން އެންމެންނަށް ޤަބޫލުކުރެވޭ އަދި ޝައްކު ކުރުމުގެ ފުރުޞަތު ނުލިބޭ ފަދަ ގޮތަކަށް ވޯޓްގެ ނަތީޖާ ހާމަކުރުމެވެ.

ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅުން އުފެއްދެވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމްޑީޕީގައި މި ދެންނެވި "ސިފަތައް" ނެތްކަމަށް ބުނެ އުފެއްދެވި ޕާރޓީ "ދަ ޑިމޮކްރެޓްސް" ގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުމާއި ، އަދި ވޯޓް ގުނާ ނިމުނުތާ 24 ގަޑިއިރު ވީއިރު ވެސް ނަތީޖާއެއް އިއުލާން ނުކޮށް ވޯޓު ލީ މީހުން "ވާނުވާ" އެއްގައި ބައިތިއްބި ތިއްބުމަކީ މިދެންނެވި ޑިމޮކްރަސީ އާއި އެންމެ ބީރައްޓެހި އެއް ކަންތަކެވެ.

ރާއްޖޭއަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ ބޮޑަށް ވަކާލާތުކޮށް ވާހަކަދެއްކި އިރު އެންމެ ބޮޑަށް މަލާމަތްކޮށް "ހަޖޫޖެހި" އެއްކަމަކީ އޭރު ވޯޓްލުމާއި ނަތީޖާ ހާމަކުރަމުން ދިޔަ ގޮތްތަކަށެވެ. "ކުޑަކާފު، ބޮޑުކާފު" މިއީ މިއަދުވެސް ދިވެހިންގެ ކަންފަތުގައި ހަރުލާފައިވާ ބަސްތަކެކެވެ. އޭރު އެކަންތަައްތަކަށް އެންމެ ބޮޑަށް ހަޖޫޖަހާ ޖޯކު ޖެހި މީހުންނަށް އާރާއި ބާރު ލިބުނު ދުވަހު ބޭއްވުނު ޕާރޓީއެއްގެ އެތެރޭގެ އިންތިޙާބެއްގެ ވަގުތީ ނަތީޖާވެސް އެގިގެން މިދަޔައީ ވޯޓްލީތާ އެއްދުވަސް ފަހުންނެވެ. އެވަރުވެސް ވީ ޕާރޓީ އުފެއްދުމުގައި އެތަކެއް ޤުރުބާނީތަކެއްވި ފަރާތްތަކުން ޕާރޓީގެ ލީޑރޝިޕަށް "ކޮޅު ދޮށިން " ދިނީމައެވެ. ނަތީޖާ އިޢުލާނު ކުރެވިގެން ދިޔަ އިރު އާއްމު މެންބަރުންނަށް އޮޅޭފަދަ އެތައްކަމެއް އެކުލެވިގެން ގޮސްފައިވެއެވެ.

މި ކުޑަކުޑަ ދިވެހިރާއްޖެ ޑިމޮކްރަސީގެ މަގަށް ގެނައުމުގައި އިސްކޮށް އުޅުއްވި ގިނަ މެންބަރުންތަކެއް އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާރޓީ އިން ފުރަތަމަ ފަހަރަށް ބޭއްވި އެތެރޭގެ ވާދަވެރި އިންތިހާބުގައި އެ ޕާރޓީގެ އިސްވެރިން ކަންތައްތައް ކުރެއްވި ގޮތުން މީހުންނަށް ސިފަވީ އެއީ އެއް ބަޔަކު އަޑީގައި ތިބެ "ސިއްރުން ހިންގި ޖަރީމާ" އެއް ގޮތުގަ އެވެ، ޑިމޮކްރަސީއަށް ލޯބިކުރާ މީހުން ބުނަނީ ދަ ޑިމޮކްރެޓްސްގެ ލީޑަރ ޝިޕްގެ މި ޢަމަލަކީ ޑިމޮކްރަސީގެ މިސާލު ދައްކަން ނުކުތް މީހުން ޑިމޮކްރަސީއަށް ކުރި މަލާމާތެއްކަމަށެވެ. އަދި އެއްބަޔަކު ފާހަގަކުރި ގޮތުގައި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޙާބުގެ ނަތީޖާއަކީ އެ ޕާރޓީގެ ލީޑަޝިޕުން ބޭނުންވި ގޮތަށް ނެރެފައިވާ "ހުދުމުހުތާރު" ނިންމުމެއް ކަމަށެވެ.

އެމްޑީޕީގައި ކަންތައްތައްވީ ގޮތުގެ ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ވޯޓްގެ ނަތީޖާ ލަސްވެގެން ދިޔައީ ޕާރޓީގެ އެތެރޭގެ އިންތިހާބެއްގައި މީގެ ކުރިން ވޯޓް ނުލާ މިންވަރަށް އެޕާރޓީގެ ފުރަތަމަ އެތެރޭގެ އިންތިޙާބުގައި ޢާއްމު މެމްބަރުން ވޯޓްލައިފައި ވުމުންކަމަށެވެ. އެބޭފުޅުން ސިފަ ކުރާ ގޮތުގައި އެއީ އެ ޕާރޓީގެ ޑިމޮކްރެޓިކުކަން ދައްކުވައިދޭ ކަމެކެވެ.

ދަ ޑިމިކްރެޓްސްގެ ލީޑަރޝިޕުގެ މި ބުނުންތަކަށް ގޮންޖައްސަވާ ރާއްޖޭގައި ބޭއްވޭ އިންތިޙާބުތަކުގެ އެންމެ އިސް ސަފުގައި އަދި ބައެއް ޕާރޓީތަކުގެ އެންމެ އިސް ސަފުގައި އުޅުއްވާ ފަރާތްތަކުން ބުނަމުންދަނީ ދެ ފުށް ފެންނަ ގޮތަށް އިންތިހާބެއްގެ ހުރިހާ މަރުހަލާއެއްގައި ކަންކަން ހިންގުމަކީ އެންމެ ޑިމޮކްރެޓިކް ގޮތްކަމަށެވެ. އަދި 3200 މީހުން ވޯޓްލީ އިންތިޙާބެއްގެ ވަގުތީ ނަތީޖާ އިޢުލާނުކޮށްލުމަށް އެއްދުވަހަށްވުރެ ގިނަވަގުތު ނެގި އިރު ރާއްޖޭގެ އެންމެން ބައިވެރިވާ ރިޔާސީ އިންތިޙާބު އަދި ކައުންސިލް އިންތިހާބުފަދަ ބޮޑަތި އިންތިޙާބުތަކުގެ ވަގުތީ ނަތީޖާ އިޢުލާނުކުރުމަށް ނަގަނީ ހަތަރު ފަސް ގަޑި އިރެވެ.

ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ގިނަ ސިޔާސީ ޕާރޓީތަކުން މިހާތަނަށް ބޭއްވި އެޕާރޓީތަކުގެ އެތެރޭގެ އިންތިޙާބުތަކުގެ ނަތީޖާތައް ވަނީ އިންތިޙާބު ބޭއްވިތާ 24 ގަޑިއިރު ވުމުގެ ކުރިން ވަގުތީ ނަތީޖާތައް އިއުލާނުކޮށްފައެވެ.

ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމްޑީޕީ ދޫކޮށް އެޕާރޓީގައި ނަގަކިޔަންތިބި 13 މެމްބަރަކު ނިކުމެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާރޓީއެއް އުފެއްދީ އެމްޑީޕީން ޑިމޮކްރަސީގެ އެންމެ އަސާސީ ކަންތައްތަކާއި ވެސް ޚިލާފުވާތީ ކަމަށް ބުނެއެވެ. "ދަ ޑިމޮކްރެޓްސް" ގެ ފަރާތުން ބޭއްވި ފުރަތަމަ އިންތިހާބުން ފެނިގެން މިދިއީ އެ ބޭފުޅުން ދެއްކި ހުރިހާ ވާހަކަތަކެއް އެކޮޅު ކޮޅުން ޖެހިގެން ދިޔަ ތަނެވެ. ފެނިގެން ދިޔައީ ޑިމޮކްރަސީ އާއި ވަރަށް ބީރައްޓެހި ނަމޫނާއެކެވެ. ޑިމޮކްރަސީގެ ބަދަލުގައި ޚުދުމަހުތާރު ކަންތައްތަކެކެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.