ބީއެމްއެލް އިން ބޭއްވި އަހަރީ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ:ބީއެމްއެލް

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި ބާއްވަނީ

ބުރާސްފަތި 09 މެއި 2024 | އަހުމަދު ދާއޫދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަހަރީ އާންމު ޖަލްސާ މި ހިނގާ މެއި 28 ގައި ބާއްވަން އެ ބޭންކުން ނިންމައިފިއެވެ.

Advertisement


ބީއެމްއެލް އިން ކުރި އިއުލާނެއްގައި ބުނީ މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

ބީއެމްއެލްއިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 20 މެއި ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށެވެ.

މި ޖަލްސާގައި ދުރާލާ ރަޖިސްޓްރީ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ހާޒިރުވެގެންނާއި، މޯލްޑިވްސް ސެކުއިރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ. މިއީ އޮންލައިންކޮށް ވެސް ބައިވެރިވާ ޖަލްސާއެއް ކަމުން ބީއެމްއެލް އިން ބުނީ ވޯޓުލުން ކުރިއަށް ގެންދާނީ "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޕްރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އެ ބޭންކުން ބުނީ މި ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ވެސް ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުމާއި 2023 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުމާއި މިއަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުން ހިމެނޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.