ޕީއެސްސީ ޕާލިމެންޓްރީ ގްރޫޕް / ފޮޓޯ:ޕީއެންސީ

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޤަތުލުއާންމަކީ ދެ ޤައުމެއްގެ ދޭތެރޭ ހިނގާ މައްސަލައެއް ނޫން

ހޯމަ 03 ޖޫން 2024 | އަހުމަދު ދާއޫދު

ފަލަސްޠީނުގެ ކުށެއްނެތް މައުސޫމު އެތައް ބަޔަކު ކޮންމެ ދުވަހަކު ޝަޙީދުކޮށް އެބައި މީހުންގެ ބިމުން އެބައި މީހުން ނެރެލައި ، އެބައިމީހުން ދިރިއުޅެމުންގެންދާ ގެދޮރުތަޅާ ސުންނާފަތިކޮށް ހަދަނީއެވެ. ހުރަގެއެއްގައި ބަންދުކޮށްފައި ބައިތިއްބުމެކޭ އެއްފަދައިން ޤައުމު ވަށައިގެން ނަރުދަލުގެ ބޮޑު ފާރެއް ހަދައި އިންސާނިއްތުކަމެއް ނެތް އެތަށް ކަމެއް ކުރަމުން ގެންދާއިރު އެކަންތައްތަކަކީ ހަމަ ދެ ޤައުމެއްގެ ދޭތެރޭގައި ހިނގަމުންދާ ކަންތައްތަކެކޭ ބުނެވިދާނެތޯއެވެ.

Advertisement


ކުޑަވެސް ޝައްކެތްނެތެވެ. ހަމަ ބުއްދި ހުރި ހެޔޮ ވިސްނޭ އެކަކަށްވެސް ޒަޔަނިސްޓް އިސްރާޢިލުން މިހާރު ފަލަސްޠީނުގައި ހިންގަމުން އެގެންދާ އަނިޔާވެރި ނިރުބަވެރި ހަމަލާތަކަކީ ދެ ޤައުމެއްގެ ދޭތެރޭގައި ހިނގަމުންދާ ކަންތައްތަކެކޭ ނުބުނެވޭނެއެވެ. އަދި އެހެން ބުނެގެންވެސް ނުވާނެއެވެ.

އިޒްރޭލުން މުސްލިމުންގެ ހައްގުތައް ފޭރިގެންފައިވަނީ ކިހާ ވަރަކަށް ކަން "އަސްލު މުސްލިމުން"ގެ ހަނދާނުގައި އެބަހުއްޓެވެ. ޔަހޫދީން މުސްލިމުންގެ ބިންތައް ފޭރިފައިވަނީ ކޮން ފަދަ އަނިޔާވެރި ގޮތަކަށް ކަން ވެސް "އަސްލު މުސްލިމުން" ހަނދާނެއް ނުނެތެއެވެ. ވީއިރު ދުނިޔޭގެ ޔަހޫދީ ދައުލަތްތަކުން، ދެކޭގޮތް ނުވަތަ ޒަޔަނިސްޓުންގެ ފައިސާއިން އޮޕަރޭޓްކުރާ މީޑިއާގެ ވަސީލަތްތަކުން ފަތުރަމުންދާ ވާހަކަތައް އަޑުއަހައި އެކަންތައް ޤަބޫލުކުރެވޭކަން ނެތެވެ.

ރާއްޖޭގެ މަޝްޙޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް އަހުމަދު ސަމީރު ވިދާޅުވީ ފަލަސްތީނުގައި ހިނގާ ހަނގުރާމައަކީ ދެ ޤައުމެއްގެ އިމުގެ ހަނގުރާމައެއް ނޫން ކަމަށެވެ. އެއީ މުޅި އިސްލާމީ އުންމަތުގެ އަޤީދާއާއި، މުޤައްދަސާތުތަކާއި ތާރީހާ ގުޅުންހުރި، މުޅި އުންމަތާ ދެކޮޅަށް އުންމަތުގެ އެންމެ ބޮޑު ދުޝްމަނުން ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށެވެ. އަދި ވިދާޅުވީ މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި އެއްވެސް ކަމެއް، ނުކޮށް ހުންނަ ކޮންމެ މީހަކު ފާފަވެރި ވާނެ ކަމަށެވެ.

ޝެއިހް މުހައްމަދު ޝާފިއު ވިދާޅުވީ ފަލަސްތީނަށް ނަސްރު ދިނުމަށްޓަކައި ބޭނުން ވަނީ އިހުލާސްތެރިކަމެވެ. ތިމަންނާމެން މިތިބީ ފަލަސްތީނާއެކުއޭ ދުލުން އަބަދާއަބަދު ކިޔުމުގެ ބަދަލުގައި އަމަލުން އެކަން ދައްކާލަދިނުމެވެ. ނަސްލު ނައްތާލާ މީހުންނަށް ދަތިކުރުމެވެ. ގައުމެއް އިހުތިރާމް ކުރެވޭ ގައުމަކަށް ވަނީ އެގައުމެއްގެ އަސްކާރީ ބާރާއި އަނިޔާވެރިކަމަކުން ނޫނެވެ. އަދި ކިޔެއްތަ ގައުމެއް ކިތަންމެ ކުޑަނަމަވެސް އެގައުމަކުން ގަބޫލުކުރާ ރިވެތި އަހުލާގާއި އަދުލް އިންސާފަށް ލޯބިކުރުމުގެ މާތް ސިފައިގެ ސަބަބުންނެވެ.

އައްޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ ގާޒާގައި ގަތުލު އާއްމު ހިންގައި، މައުސޫމު އެތައް ބައެއްގެ ފުރާނަ ދުއްވާލުމަށްފަހު، ހަނގުރާމަ ހުއްޓައިލާނޭކަމަށް އިޒްރޭލްގެ ފަރާތުން ވާހަކަ ދައްކަމުން އެމެރިކާއިން ހާމަކުރުމުން، އަނެއްކާވެސް ދުނިޔޭގައި ސުލްހަ ގާއިމުކުރާ ބަޔަކަށް އެމެރިކާއާއި ހުޅަނގުގެ ބައިގަނޑު ބަދަލުވީ އެވެ. ކުޑަކުންދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރާނޭ ގޮތްތައް ގައުމުތަކަށް ކިޔައިދޭން ބަޔަށް އެމީހުން ބަދަލުވީ އެވެ.

އައްޝެއިހް އާދަމް ނިޝާނު ބިން އަލީ އާދަމް ވިދާޅުވާ ގޮތުން ފަލަސްތީނުގައި ހިނގާ ހަނގުރާމަ އުނގަންނައިދޭންވީ ދަރީންނަށްވުރެ ކުރިން، ޤައުމުތަކުގެ އިސްފަޑީގައި ތިބި ސިޔާސީ ބޮޑުންނަށެވެ. އިޒްރޭލަކީ ދައުލަތެއް އަދި ޤައުމެއް ނޫންނެވެ. އެއީ ފަލަސްތީނުގެ ބިން ފޭރިގަނެގެން ތިބި އަނިޔާވެރި ނުބައި ނުލަފާ ޖައްބާރު އިސްތިއުމާރީނެވެ.

ފަލަސްތީނަކީ އެތަން ނަބީންނާއި ރަސޫލުންނެއް އުޅުއްވި އަޅުގަނޑުމެންގެ މުސްލިމުންގެ މާތް މުޤައްދަސް ބިމެކެވެ. މުސްލިމެއްގެ ހަޔާތުގައި ދަތުރުކޮށްފައި އެ މިސްކިތަކަށް ދިއުމަށް އަންގަވާފައިވާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމެވެ. ހުރިހާ ގޮތަކުންވެސް މުޅި އިސްލާމީ އުއްމަތާ ގުޅިފައިވާ ބިމެކެވެ.

މިއަދު ފަލަސްޠީނުގެ ހިތްވަރުގަދަ މުޖާހިދުން މަސައްކަތް ކުރަމުން އެގެންދަނީ މިސްލިމުންގެ މުޤައްދަސްބިން ހިމާޔަތްކުރުމަށެވެ. މުޅި އިސްލާމީ އުންމަތުގެ ޙައްޤުގައެވެ. ޔަހޫދީ އެމެރިކާއިން އަޑީގައި އޮވެގެން ޒަޔަނިސްޓު އިސްރާއިލުން ކުރަމުން އެގެންދާ މަސައްކަތަކީ ދުނިޔޭގެ ޗާޓުން ފަލަސްތީނު ފޮހެލައި، ޤުދުސް އާއި މަސްޖިދުލް އަޤްޞާ އެ މީހުންގެ ބާރުގެ ދަށަށް ގެނެސް އަޅުވެތި ކުރުމަށެވެ.

މިހެން މިކަންތައްތައް އޮތްއިރު އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޤަތުލުއާންމަކީ ދެ ޤައުމެއްގެ ދޭތެރޭ ހިނގާ މައްސަލައެކޭ ބުނެވިދާނެތޯއެވެ. ހަމަ ޔަޤީނެވެ. ނުބުނެވޭނެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.