އިންޑިއާ އަކީ މިދިޔަ ފަސްއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމު / ފޮޓޯ:ސޯސަލް މީޑިއާ

އަވަށްޓެރި އިންޑިއާ އާއި ޖައްސާލައިގެން ހަމަ އުޅެވިދާނެތަ!

ބުރާސްފަތި 06 ޖޫން 2024 | އަހުމަދު ދާއޫދު

ދިވެހިރާއްޖޭގެ އިޤްތިޞަދަކީ ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ، އެކަމުން ނަފާ ހޯދަމުން އަންނަ ޤައުމެކެވެ. އެ ޤައުމަކަށް އެންމެ ގިނަ ބަޔަކު އަންނަށް ބޭނުންވާ، ދުނިޔޭގެ އެންމެ މަޤްބޫލު އެއް މަންޒިލްވެސް މެއެވެ. ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ކަންތައްތައް ހަމަލޮލުން ދެކިލައި އަމިއްލައަށް ތަޖުރިބާކޮށްލަން ބޭނުންވާ އެތައް ބަޔަކު ދުނިޔޭގައި ވެއެވެ. ދުނިޔޭގެ މަޝްޙޫރު ޓްރެވަލް އެޖެންސީތަކުގެ ތަފާސް ހިސާބުތަކަށް ބަލާލުމުން މިކަންތައް ހާމަވެގެން ދެއެވެ.

Advertisement


ކަންމިހެން އޮތްއިރު މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ހިންގި އެންމެ ބޮޑު ކެންޕެއިނަކީ "އިންޑި އައުޓް" އެވެ. ދެން ދައްކަން ފެއްޓީ އަވަށްޓެރި އިންޑިއާ މުހިއްމު ނޫން ވާހަކައެވެ. ރާއްޖެއަށް އިންޑިޔާގެ ފަތުރުވެރިން ނަޔަސް ރާއްޖޭގެ ޓުއަރިޒަމް ކުރިއަށްދާނެ ވާހަކައެވެ. އިންޑިއާއަށް ބޭސްފަރުވާއަށް ނުދިޔަޔަސް އެކަން ތައިލެންޑުން ހަމަޖެހޭނެ ވާހަކައެވެ. އިންޑިޔާގެ ސިފައިން ހެލިކޮޕްޓަރު ދުއްވަން ނެތަސް އެކަންވެސް ކުރެވޭނެ ކަމުގެ ވާހަކައެވެ.

މިއަދު މިވަނީ މި ސަރުކާށރުން ދެއްކި ވާހަކަތަކާއި، އަވަށްޓެރި އިންޑިއާ އާއި ދެމެދު ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. މި ސަރުކާރުގެ މޫނުމަތި ރީތިކުރުމުގެ މަޤްޞަދުގައި ސްޓޭޓް މިނިސްޓަރުކަން ދިން ތިން މީހެއްގެ ސަބަބުން ރާއްޖެއަށް މާލީގޮތުން އެތަށް ގެއްލުންތަކެއް ލިބެން ފަށާފައެވެ. މި ކުޑަކުޑަ ދިވެހިރާއްޖެއ އާއި އެންމެ އަވަށްޓެރި އެއް ޤައުމުކަމަށްވާ އިންޑިއާ އާއި އޮތް ގާތް ގުޅުން އެތައް ތަނަކުން ހީނަރުވާން ފަށާފައެވެ.

މިކަމުގެ އެންމެ ބޮޑު ހެއްކަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިންޑިއާގެ 73,785 ފަތުރުވެރިން ޒިޔާރަތް ކުރި ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ 42،627 މީހުން ޒިޔާރަތް ކޮށްފައި ވުމެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 42 އިންސައްތަ ދަށް އަދަދެކެވެ. މިއީ މާލީގޮތުން ރާއްޖެއަށް ލިބިގެން ދިޔަ ބޮޑު ހީނަރުކަމެކެވެ. ހާއްޞަކޮށް އާއްމު ރައްޔިތުން މީހާއަށް ލިބުނު ބޮޑު ނިކަމެތި ކަމެކެވެ.

ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި މިދިޔަ ފަސް އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑަށް އިންޑިއާ މާރކެޓް ފުޅާވެގެން އައިސްފައިވާއިރު، ލޯކަލް ޓުއަރިޒަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ. ސަބަބަކީ އިންޑިޔާ މާރކެޓްގެ އެވްރެޖް ފަތުރުވެރިންނަކީ ލޯކަލް ޓުއަރިޒަމަށް ލޯބިކުރާ ބަޔަކަށްވާތީއެވެ. ކަންމިހެންއޮތް އިރު ގެސްޓްހައުސްތަކުގެ ވިޔަފާރި އިންތިހާއަށް ދަށަށް ހިނގައްޖެއެވެ. ގެސްޓުހައުސް ވިޔަފާރިއަށް އިންވެސްޓްކުރި އާއްމު ރައްޔިތު މީހާ ބިކަވާން ފަށައިފިއެވެ.

ޤަބޫލުކުރަންޖެހޭ ޙަޤީގަތަކީ އަދި ދުވާލު މެންދުރު އިރު ފެންނަ ފަދައިން ހާމަވާން އޮތް ކަމަކީ މިކުޑަކުޑަ ދިވެހިރާއްޖެއަށް އިންޑިއާ އާއި ޖައްސާލައިގެން އުޅެވެން ނެތްކަމެވެ. އިންޑިއާއަށް ކަންތައްތަކު ކިޔަން ޖެހޭނެކަމެވެ. އިންޑިއާއަކީ ދިވެހިރާއްޖޭ ތަރައްޤީ އާއި އިޤްތިޞާދުގައި މުހިއްމު ބައިވެރިއެއްކަމެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.