މެނިންގޯކޮކަލް ބައްޔަކީ ވަރަށް ނުރައްކާތެރި ބައްޔެއް

މެނިންގޯކޮކަލް ބައްޔަކީ ސަމާލުވާންޖެހޭ ނުރައްކާތެރި ބައްޔެއް

ބުދަ 26 ޖޫން 2024 | އަހުމަދު ދާއޫދު

ބެކްޓީރިއާއެއްގެ ޒަރިއްޔާއިން ނޭވާލާ ނިޒާމަށް ޖެހޭ މެނިންގޯކޮކަލް ބައްޔަކީ ސަމާލުވާންޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އެހެނީ މިބަލި ފަތުރާ މިބެކްޓީރިއާގެ ސަބަބުން ސިކުނޑިއާއި މައިބަދައިގެ ވަށައިގެންވާ ޓިޝޫތައް ހަލާކުކޮށްލާ އިންފެކްޝަނެއްކަމަށްވާ މެނިންގޖައިޓިސް ހަށިގަނޑުގައި އަށަގަންނުވައެވެ. އޭގެ ސަބަބުން ލޭގެ އިންފެކްޝަން ޖެހުމަށްވެސް މަގުފަހިވެއެވެ. އެހެންކަމުން މިއީ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑަށް ބައްޔެކެވެ.

Advertisement


ބަލީގެ ނުރައްކާ އެންމެ ބޮޑީ ކޮން ބަޔަކަށް؟

ކުޑަކުދިންނާއި ދިފާއީ ނިޒާމު ދަށް މީހުންނަށް މި ބަލި ޖެހުމުގެ ނުރައްކާ ބޮޑު ނަމަވެސް ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި ބަލި ޖެހިދާނެ އެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުން، އަހަރު ނުވާ ތުއްތު ކުދިން، އުމުރުން 16 އަހަރާއި 23 އަހަރާއި ދެމެދުގެ ޒުވާނުން، ދާއިމީ ބޭސް ކާ މީހުންނާއި އެހެން ބަލިތަކުގައި އުޅޭ މީހުން، ބަލި ޖެހިފައިވާ މީހުންނާ އެންމެ ގައިގޯޅިކޮށް އުޅޭ މީހުން މިއީ ހަމަ ހައްތަހާވެސް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންނެވެ.

ބަލީގެ ފުރަތަމަ އަލާމާތްތަކަކީ ހަމަ ގިނަ ބަލިތަކުގެ ވެސް އަލާމާތްތަކެކެވެ. އެހެންވެ، ފުރަތަމަކޮޅު ބަލި ދެނެގަންނަން އުނދަގޫވެއެވެ.

ބަލީގެ އަލާމާތްތަކަކީ؟

ހުން އައުން އަދި ހޮޑުލުން، ނިދި ގިނަވުން، ނުވަތަ ހޭލަން އުނދަގޫވުން، އަބަދު ވަރުބަލިވެފައި ހުރުން، ބޮލުގައި ރިއްސާ ވާނުވާ އޮޅޭގޮތްވުން، އަވަސް އަވަހަށް ނޭވާލުން ނުވަތަ ނޭވާލާން އުނދަގޫވުން، ކަރު އަނބުރާ ހަދަން އުނދަގޫވުން، ގައިގެ އެކިތަންތަނާއި ހުޅުތަކުގައި ރިއްސުން، އަތްފައި ފިނިވުން ފަދަ އެތައް އަލާމާތްތަކެއް ހުރެއެވެ.

ބަލި ފެތުރެނީ ކިހިނެއް؟

މި ބަލި ފެތުރެނީ، ބަލި ޖެހިފައިވާ މީހާގެ ކުޅުންނެވެ. އެހެންވެ، ކެއްސާ ކިނބިހި އަޅާއިރު މާސްކް އަޅައިގެން އުޅުން މުހިއްމެވެ. އެކަމަކު މިއީ ކުޅުންފެތުރޭ ބައްޔަކަށް ވުމުން، އާއްމު ގޮތެއްގައި، އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ. ބަލިމީހާ އާ އެކު ގިނަ ވަގުތު ހޭދަކުރާ މީހުންނަށް އަދި އޭނާއާ ގައިގޯޅިވެ އުޅުނު މީހުންނަށް ފުރުސަތު ބޮޑެވެ.

ރައްކާތެރިވާނީ ކިހިނެއް؟

ބަލިން ރައްކާތެރިވުމަށް، ބައްޔަށް ހާއްސަ ވެކްސިން ޖެހުން މުހިއްމެވެ. ހާއްސަކޮށް ބައްޔަށް ހުށަހެޅިއްޖެ ނަމަ، ނުވަތަ ފެތުރެމުންދާ ނަމަ، ނުރައްކާ ބޮޑު އުމުރު ފުރާތަކުގެ މީހުންނަށް ވެކްސިން ދިނުން މުހިއްމެވެ. އެކަމަކު ވެކްސިންގެ އަސަރު ހަށިގަނޑަށް ކުރަން ދެ ހަފުތާވަރު ނަގަ އެވެ.

ކުރިއަށް އޮތީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ހައްޖާޖީން ރާއްޖެ އަންނަ ދުވަސްވަރުކަމުން މި ބައްޔަށް މީހުން ހޭލުންތެރިވެ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުޙިއްމެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.