ޕޯޗުގަލުގެ ކީޕަރ ވަނީ އިދިކޮޅު ޓީމުން ޖެހި 3 ޕެނަލްޓީވެސް ހިފަހައްޓާފަ

ޕޯޗުގަލް ކުއާޓާއަށް، ހީރޯއަކީ ކީޕަރު

އަންގާރަ 02 ޖުލައި 2024 | އަހުމަދު ދާއޫދު

ޕެނަލްޓީޖަހައި ސްލޮވާކިއާ ބަލިކުރުމަށްފަހު ޕޯޗުގަލްއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

Advertisement


ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހެއެވެ. އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު ވެސް އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހުނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ޕޯޗުގަލް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ޕެނަލްޓީގައި ޕޯޗުގަލްއިން ވަނީ ތިން ޕެނަލްޓީ ވެސް ގޯލަށް ވައްދައިފައެވެ. ސްލޮވާކިއާއަަށް އެންމެ ޕެނަލްޓީއެއް ވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އެ ޓީމުން ޖެހި ތިން ޕެނަލްޓީ ވެސް ދިފާއުކުރީ ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޯސްޓާއެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކީޕަރަކު ޖެހިޖެހގެން ތިން ޕެނަލްޓީ ގޯލަށް ވަނަ ނުދީ ޓީމެއް މޮޅުކޮށްދިން ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްއިން ވަނީ ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ޓީމަށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފުރަތަމަ ހާފުގައި އުފެއްދިފައެއް ނުވެއެވެ.

ނަމަވެސް ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބާރުހަމަލާ ދިފާއުކުރީ ސްލޮވޭނިއާގެ ކީޕަރު ޖެން އޮބްލެކްއެވެ.

މެޗުގައި ސްލޮވާކިއާއަަށް ލިބުނު އެންމެ ހުސް އެއް ފުރުސަތު މެޗުގެ 61 ވަނަ މިނެޓުގައި ލިބުނީ އެ ޓީމުގެ ބެންޖަމިން ސެސްކޯއަށެވެ. އޭނާ ޕޯޗުގަލް ޑިފެންސް ފޫ އަޅުވައިލައި އޭރިއާ ތެރެއަށަ ވަދެ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލްއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސްލޮވާކިއާ އޭރިއާތެރެއިން ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާއަށް ސްލޮވާކިއާ ކުޅުންތެރިން ކުރި ފައުލަކަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލި ނަމަވެސަ ހުޝިޔާރުކަމާއެކު އޮބްލަކް ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ.

ކުއާޓާ ފައިނަލުގައި ޕޯޗުގަލުން ވާދަކުރަން ޖެހޭނީ ފްރާންސްއާއެވެ. އެ ޓީމު ވަނީ ރޭކުޅެވުނު މެޗުގައި ބެލްޖިއަމް އަތުން 1-0 ން މޮޅުވެފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.