ކުޅުންތެރިޔާ ވަނީ ދެ މެޗަށް ސަސްޕެންޑުކުރެވިފައި

ތުރުކީގެ ދެ ލަނޑުޖެހި ކުޅުންތެރިޔާ ދެ މެޗަށް ސަސްޕެންޑްކޮށްފި

ހުކުރު 05 ޖުލައި 2024 | އަހުމަދު ދާއޫދު

ޔޫރޯ 2024ގެ ކުއާޓަރ ފައިނަލަށް ތުރުކީ ގެންގޮސްދިން ދިފާއީ ކުޅުންތެރިޔާ މެރިހް ޑެމިރަލް ދެ މެޗަށް ސަސްޕެންޑްކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާއިންނެވެ.

Advertisement


ޔުއެފާއިން މި ފިޔަވަޅު އަޅާފައިވަނީ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ކަމަށް ބެލެވޭ ސެލިއުޓެއް ނެގުމުންނެވެ. މިއީ ތުރުކީގައި ވެރިކަން ކުރަމުންދާ ނެޝަނަލް މޫވްމަންޓް ޕާޓީއާ ގުޅުންހުރި ގްރޭ ވުލްވްސްއަށް ނިސްބަތްވާ ސެލިއުޓެކެވެ. މި ސެލިއުޓަކީ ފްރާންސާއި އޮސްޓްރިއާގައި މަނާކޮށްފައިވާ އެއްޗެކެވެ.

ޔުއެފާއިން ބުނެފައިވަނީ ޑެމިރަލްގެ ޢަމަލަކީ ކުޅިވަރުގެ ތެރެއަށް އެހެން ހަރަކާތްތައް ވެއްދުން ކަމަށާއި، މިއީ ކުޅިވަރާ އެއްވެސް ގުޅުމެއް ނެތް ކަމެއް ބޭނުންކޮށްގެން އިހުތިރާމް ކުޑަކުރުން ކަމަށެވެ.

އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޑެމިރަލް ޖެހި ދެ ލަނޑަކީ ތާރީޚީ ގޮތުން ފާހަގަކުރެވޭ ދެ ލަނޑެވެ. އެއީ 2018 އަށް ފަހު ވޯލްޑް ކަޕް/ޔޫރޯ ފަދަ ބޮޑު މުބާރާތެއްގެ މެޗެއްގައި ދިފާއީ ކުޅުންތެރިޔަކު ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އަދި މި ދެ މުބާރާތުގެ ނޮކްއައުޓް މެޗެއްގައި 1998 ގެ ފަހުން ދިފާއީ ކުޅުންތެރިޔަކު ދެ ލަނޑު ޖެހި ފުރަތަމަ ފަހަރުވެސް މެއެވެ.

މި ސަސްޕެންޝަނާ ގުޅިގެން، މާދަމާ ރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ ކުއާޓަރ ފައިނަލް މެޗާއި، ސެމީ ފައިނަލަށް ދިޔަ ނަމަ އެ މެޗުގައި ޑެމިރަލްއަށް ނުކުޅެވޭނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.