އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ކުރީގެ މެމްބަރު ނިހާދު އައްޔަންކުރައްވައިފި

ހޯމަ 08 ޖުލައި 2024 | އަހުމަދު ދާއޫދު

އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރައްވައިފިއެވެ.

Advertisement


މި މަޤާމަށް އޭނާ ހަމަޖެއްސެވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވަނީ އެނގިފައެވެ.

ނިހާދު މި މަޤާމަށް އައްޔަންކުރެއްވުމާއެކު، މިހާރު ޓޫރިޒަމް މިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ. އެއީ ނިހާދުގެ އިތުރުން ހާރިޒް މުހައްމަދާއި އަހްމަދު ނާޒިމް މުހައްމަދެވެ.

އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނިހާދު ވާދަކުރައްވާފައެއް ނުވެއެވެ. ކުރިން އެމްޑީޕީގައި ހުންނެވި ނިހާދު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުއެވެ. އެ ދުވަސްވަރު އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީއާ ގުޅިވަޑައިގެންނެވިއެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 43,500ރ. ދައުލަތުގެ ބަޖެޓުން ހަރަދުކުރެ އެވެ. އެއީ އަހަރަކަށް 522،000ރ. އެވެ.

ސިޔާސީ އިސް މަގާމުތަކަށް މީހުން އައްޔަންކުރުން މަޑުޖައްސާލާނެ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާނުގައި، ފަސް މަސް ކުރިންވެސް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އޭގެފަހުން އެތައް ސިޔާސީ މުވައްޒަފުންނެއް ވަނީ އައްޔަންކުރައްވާފަ އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2,000 އާއި ގާތްކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.