ޔަމާލް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޔަމާލް އަށް ރެކޯޑެއް، ސްޕެއިން އަށް ފައިނަލް!

ބުދަ 10 ޖުލައި 2024 | ޒީރޯ

ފަޚުރުވެރި ރެކޯޑަކާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފި އެވެ. ސްޕެއިން ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ފަހަތުން އަރާ 2-1 ން ފްރާންސް ބަލިކޮށްގެންނެވެ.

Advertisement


މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފްރާންސުންނެވެ. މެޗު ފަށައިގެން އެންމެ އަށް މިނިޓްގެ ތެރޭގައި ފްރާންސަށް ކުރި ހޯދައިދިނީ ކޯލޯ މުއާނީ އެވެ. އެމްބާޕޭ އަރިމަތިން ނަގައިދިން ހުރަސް ގޯލްއޭރިޔާ ތެރޭގައިހުރެ މުއާނީ ބޮލުން ޖެހީ ފްރާންސް ދެ ކުޅުންތެރިން ވިއްދާފައި ތިއްބައެވެ. އެކަމަކު އެލީޑްގައި މާގިނައިރު ފްރާންސަށް ނޯވެވުނެވެ. މުޅި ސްޓޭޑިއަމް ގުގުމާލީ އެންމެ 16 އަހަރުގެ ޔަމާލް ޑީއޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލްގެ މަތީ ކަނަށް ވަނުމުންނެވެ. ނަތީޖާ ހަމަހަމަވި މި ލަނޑާއެކު ޔަމާލް ވެފައިވަނީ ޔޫރޯގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިން އިން ލީޑް ނެގީ އޮލްމޯ ޖެހި ލަނޑުންނެވެ. ނަތީޖާ ހަމަހަމަ ކުރިތާ ހަތަރު މިނިޓްގެ ތެރޭގައި އޮލްމޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފްރާންސްގެ ކޫންޑޭ ފައިގަ ޖެހިފައެވެ. ފުރަތަމަ ޔުއެފާއިން ނިންމީވެސް ބައި ގޯލެއްގެ ގޮތުގައެވެ. އެނިންމުން ބަދަލުކުރީ މެޗުގެ ހާފް ޓައިމްގައެވެ.

ފައިނަލްގައި ސްޕެއިން ވާދަކުރާނީ އިންގްލެންޑް ނުވަތަ ނެދަލެންޑްސްއާ އެވެ. ސްޕެއިން ފައިނަލަށް ދަތުރު މިކުރީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.