
އިލޮށިފަތި ހިފައިގެން ނިކުންނަން ނުޖައްސަވާ ފަރުދީ ޒިންމާ އަދާކުރައްވާށެވެ!
ކޮވިޑް-19 ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވެ، ޤައުމުތަކުން ހާސްކަމެއްގައި ތިބި އިރު ދިވެހިންނަށް ކަހާތަން ހިރުވާވެސް ނުލައެވެ.

ސަރުކާރަށް ހެޔޮ އެއްކަމެއްވެސް ކޮށްދެވޭކަމަށް ބައެއް މީހުންނަށް ހީނުވާއިރު، އިދިކޮޅުން ވެސް ބުނަނީ ހިޔާނަތް ތެރިއަކު ޖަލު ބަންދުން ދޫކޮށްލައިގެން ނޫނީ މި ބަލިމަޑުކަމުން އަރައި ނުގަނެވޭނެ ކަމަށެވެ.
މިސްކިތްތަކާއި، ކެފޭ، ރެސްޓޯރެންޓުތަކުގެ އިތުރުން ޕާކުތަކާއި ކުޅިވަރުކުޅޭ ތަންތަން ބަންދު ކުރުމުންވެސް މާލޭގެ މަގުމަތީގަ މީހުން ހަމަ ތޮއްޖެހިފައެވެ. ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނިކުންނާށޭ ބުނާވަރަކަށް މީހުން އިތުރުވާހެންވެސް ބައެއްފަހަރު ހީވެއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ކޮންމެ ރެއަކު ޓީވީއަށް އަރައި ގޭގައި ތިބުމަށް ނަސޭހަތްތެރިވާއިރުވެސް ބައެއް ދިވެހިންނަށް މާބޮޑު އަސަރެއް ނުކުރެއެވެ. ދެންވީ އިލޮށިފަތި ހިފައިގެން މަބުރޫކް ނުކުންނަވަން ތޯއެވެ.
ދިވެހިންނަށް ހެޔޮ ހަމަ އެއްގޮތެއްވެސް ނެތޭ ނުބުނެވެންވީ ސަބަބެއް ނެތެވެ. ކޮންމެކަމެއް ސިޔާސީ ކޮށްލައިގެން ވާހަކަ ދައްކާއިރު، ސަރުކާރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ހޯދާ ބަލައިލުން ކީއްތޯއެވެ.
ވިސްނައިފި މީހަކަށް، ކަންކަން ހޯދާ ބަލާ މީހަކަށް ހަޤީޤަތް ފެންނާނެއެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖެއިން ބޭރުން ފަތުރުވެރިން ރާއްޖެއައުން ހުއްޓުވައިފިއެވެ. ގޮންޖެހުން ބޮޑު ނަމަވެސް އާމްދަނީ ލިބޭ އެންމެ މައި ދޮރާށި ކަމަށްވާ ރިސޯޓުތަކާއި، ގެސްޓު ހައުސްތައް ބަންދުކޮށް، އެތަންތަނުގައި ތބި މުއައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވައިފިއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ހާލުގައި ޖެހެން ދޫކޮށްނުލައި، ކަރަންޓީނު ފެސިލިޓީތަކުން ޖާގަ ލިބޭ މިންވަރަކުން ދިވެހިންވެސް ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކުރަނީއެވެ. ރާއްޖެ ގެނައުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ދުވަސްތަކުގައި އެހީތެރިވުމަށް، އެކި ޤައުމުތަކުގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖުތައް ފޮނުވުމުގައިވެސް ސަރުކާރާއި މުއައްޒަފުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަނީއެވެ.
ވިސްނާ ބައްލަވާށެވެ! ސަރުކާރުން އަޅާނުލާނަމަ މިއަދު ދިވެހިން ތިބޭނީ އަދު ތިބި ހާލުގައި ތޯއެވެ. ރާއްޖެއަކީ މެދުފަންތީގެ ކުޑަ ޤައުމެކެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ނުކުރެވިގެން އުޅޭއިރު ހިކުމަތްތެރިކަމާއި، ވިސްނުންތެރިކަމާއެކު ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ފޮނި ނަތީޖާ ނުފެނޭތޯއެވެ.
އެންމެންގެ ވެސް ހައްޤުތަކެއްވެއެވެ. މި ޤައުމުގައި އެންމެން ހަމަހަމައެވެ. ވަކި މީހަކަށް ވީތީ ވަކި ގޮތެއް ނުހަދައެވެ. މޯލްޑިވިއަންގެ ފްލައިޓުތަކުން މީހުން ރާއްޖެ ގެނައުމުގައި ބާރުގެ ބޭނުން ކުރުން ކުއްވެރިކޮށް އެކަމަށް އަޅަންޖެހޭ ފިޔަވަޅު ސަރުކާރުން ނާޅާތޯއެވެ.
ތިމާގެ އަމިއްލަ ފައިދާއަށް ނުވިސްނާ ދެން ހުންނަމީހާގެ ހާލަށް ވިސްނާނަމަ އެންމެފުރަތަމަ ދުވަހު ގޮސް ފިހާރާގައި ހުރިނަމަހުރިހާ ކާޑެއް ނުގަތީހެވެ. ހިތެކޭ ކިޔައި އިންސާނިއްޔަތު ކަމެއްނެތް ބައެއް ދިވެހިންގެ އަމަލުތަކުގެ ސަބަބުން އަހަރުމެއްނަށް އަޅާލަންތިބި މީހުންގެ ފަސްބައި ކިލަނބު ނުކުރާށެވެ.
ދެންވެސް ގޭގައި މަޑުކޮށް، އެހީތެރިވާށެވެ. ހަމަ ނިދި ނުލިބި، ނުކައި ނުބޮއެ އަހަރުމެންނަށްޓަކައި އެ މަސައްކަތް ކުރަނީވެސް ހަމަ އިންސާނުންނެވެ.
އެއާޕޯޓާއި، ހޮސްޕިޓަލްތަކާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ މުއައްޒަފުންގެ އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ވައްޓާލައި، ރިސޯޓު މުއައްޒަފުން އާއިލާތަކާ ދުރުގައި އެވާ ޤުރުބާން ހަނދާކޮށްލާށެވެ. އެއީވެސް ހަމަ އަހަރެމެންގެ ތެރެއިން ބައެކެވެ.
އެއްބައިވަންތަކަން އިސްކުރާށެވެ. މަބުރޫކް އިލޮށިފަތި ހިފައިން ނުކުންނަވަން ނުޖައްސަވާ ގޭގައި މަޑުކުރައްވާށެވެ.