ލޯފަން ތިންބެއިން ފޮޓޯއަކަށް ހުއްޓިގެން

ލޯފަން އެކަމަކު ހިތްވަރުގަދަ ތިން ބެއިން

ބުރާސްފަތި 04 ނޮވެމްބަރ 2021 | އައުޓްރީޗް

މަތީގައިވާ ފޮޓޯގެ ކަނާއަތް ފަރާތުން އެންމެ ފުރަތަމަ އެއީ އިބްރާހީމް ރުޝްދީއެވެ. މެދުގައި އެއީ އަލީ ޝަމީމްއެވެ. ދެން އެހުރީ ޝާހީން މުޙައްމަދެވެ. އެއީ ހދ.ކުރިނބީ އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ. ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ތިން ބެއިންނެވެ. އެއްބަނޑު އެއްބަފާ ފަސް ބެއިންގެ ތެރެއިން އަނެއް ދެބެއިންގެ ރަނގަޅެވެ.

Advertisement


މީގެތެރެއިން އެންމެ ދޮށީ އަލީ ޝަމީމެވެ. އޭނާގެ އުމުރުން މިހާރު 40 ގެ އަހަރުތައް ގުނަން ފެށީއެވެ. 40 އަހަރު އޭނާ ކަޑައްތު އެކުރީ ފެނުމުގެ ނަސީބު ނުލިބިއެވެ. ދުނިޔެއަށް އުފަންވިއިރުވެސް އޭނާގެ ލޮލަކަށް ނުފެނެއެވެ. ކުޑައިރުގެ ދުވަސްތަކާއި ޒުވާން ދުވަސްތައްވެސް ހޭދަކުރީ ރަށުގެ އުފާވެރި ހިތްގައިމު މާހައުލުގައި އާއިލާއާއެކުއެވެ. އެކަމަކު މިހާރު އޭނާގެ ދިރިއުޅުމަށް ވަނީ ބޮޑަތި ބަދަލުތަކެއް އައިސްފައެވެ. އެއީ މިހާރު ދެ ކުދިންގެ ބައްޕައެކެވެ. ޒިންމާދާރު ފިރިއެކެވެ. ދެވަނަ ކައިވެންޏާއެކު އުޅެނީ އުފާވެރި ދިރިއުޅުމެކެވެ. އެކަމަކު ދެކުދިންނާއި، އަންހެނުންނާ ވަކިން އެމީހުންނާ މާދުރުގައި ވަޒީފާ އަދާކުރަން ޖެހުމުން އޮތް ހިތްދަތިކަމާއި، އުނދަގޫތައްވެސް ބޮޑެވެ. މީހަކާ އިނދެގެން އުޅުނަސް އަހަރުގެ ބޮޑުބައި ވަކީން އުޅެން ޖެހުމުން އަމިއްލަ ކަންކަން ކުރަން ޖެހެނީ އަމިއްލައަށެވެ. އޭގެތެރޭގައި އުނދަގޫ އެތައްކަމެއް ހިމެނެއެވެ. އޭނާ އަކީ ކ.ދޫނިދޫ މިސްކިތުގެ މުދިމެވެ. އަނބިދަރީން ތިބީ އުފަން ރަށް ކުރިނބީގައި ޝަމީމްގެ އާއިލާ ކައިރީގައެވެ.

ޝަމީމް ޖަމްއިއްޔާގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަނީ

2014 ވަނަ އަހަރު ދިރިއުޅުން މާލެ ބަދަލުވުމުގެ ކުރިން ޝަމީމްއަކީ ރަށުގައި ރައްޔިތުންގެ ކަންކަމުގައި ބައިވެރިވެ އުޅުނު ޒުވާނެކެވެ. މިއަދުވެސް އޭނާގް ހިތް އޮތީ އުފަން ރަށުގައެވެ. ދިރިއުޅެން ބޭނުންވަނީވެސް އެރަށުގައެވެ. އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ މާދަމާވެސް ރަށަށް ފުރަން ޝަމީމް ހުރީ ތައްޔާރަށެވެ.

ޝަމީމަކީ މިއަދު އޭނާފަދަ ފެނުމުގެ ނަސީބު ލިބިފައި ނެތް އެތައް ބައެއްގެ ޒިންމާ ބޮލުގައި އަޅައިގެންހުރި ލީޑަރެކެވެ. ލޯފަން ކުދިންގެ ޖަމްއިއްޔާގެ ރައީސްއެވެ. އެޖަމްއިއްޔާގެ މެންބަރުންނަށް ފަހި ރަނގަޅު ގޮތްތައް ހޯދައިދޭން އޭނާ ކުރާ މަސައްކަތަށް މަޑުޖެހުމެއް ނެތެވެ.

ކޮންމެ ކަހަލަ ނުކުޅެދުންތެރިކަމެއް ހުއްޓަސް މިހާރަށްވުރެ ފަހި ފުރުޞަތުތަކެއް ލިބުން އެދެން. ކިޔެވުމުގެ ފުރުޞަތާއި، ތަމްރީނުގެ ފުރުޞަތުތައް ލިބުން. ވަޒީފާގެ ފުރުޞަތު ލިބުން. އަޅުގަނޑުމެން ޖަމްއިއްޔާއިންވެސް މިކުރަނީ އެމަސައްކަތް. ޝަމީމް ބުންޏެވެ.

ޝާހީން މުޙައްމަދަށް މިހާރު 33 އަހަރެވެ. އޭނާ އަކީ ރަށު ފެނަކަ ބްރާންޗްގައި ވަޒީފާ އަދާކުރާ ޒުވާނެކެވެ. އެތަނުގެ އިސް މީހަކަށް ނުވިއަސް ތަނުގެ މުވައްޒަފުން ގޮވައިގެން ލީޑަރޝިޕް ދައްކާ ޒުވާނެކެވެ. ފެނެކަ ރެކްރިއޭޝަން ކްލަބްގައިވެސް އިސްނަގައިގެން މަސައްކަތްކުރެއެވެ. ރަށު ކައުންސިލްގެ ލަފާދޭ ކޮމިޓީގައިވެސް ޝަހީންއަކީ މުހިއްމު މެންބަރެކެވެ. ރަށުގެ އެމްޑީޕީ ގޮފީގެ ރައީސްއަކީވެސް ޝާހީނެވެ. ޝާހީނަކީ ރަށުގައި ބަސްވިކޭ ޒުވާނެކެވެ. އޭނާގެ އެއް ލޮލަށް އެއްގޮތަކަށްވެސް ނުފެނެއެވެ. ކަނާއަތު ލޮލަށް ކުޑަކޮށް ފެނެއެވެ. އެކަމަކު އެއީ ކައިރިއެވެ. އާއިލާގެ އެހީތެރިކަމާއެކު ޝާހީންގެ ދިރިއުޅުން އުފާވެރިއެވެ. އޭނާގެ ދިރިއުޅުމުގައި ފުރިހަމަ ނުވެ ދެން އޮތީ ދިރިއުޅުމެއް ފެށުމެވެ. އެކަމަކު އޭގެކުރިން އޭނާގެ އެހެން އުއްމީދެއް އެބައޮތެވެ.

ޤާނޫނުތައް ތަންފީޒު ކުރެވޭނެ ދުވަހެއް ދެކެން ބޭނުން. އަޅުގަނޑުމެންގެ ހައްޤުތައް ބަޔާންކުރާ ޤާނޫނުތައްވެސް ފުރިހަމައަށް ތަންފީޒެއް ނުކުރެވޭ. މަދު ކަމެއް ތަންފީޒު ވަނީ. ޝާހީން އުއްމީދުކުރަނީ ޤާނޫނުތަކަށް އަހުލުވެރިވެ، އެޤާނޫނުތައް ތަންފީޒުވެ، އޭނާފަދަ މީހުންގެ ހައްޤުތައް ކަށަވަރުވުމެވެ.
އިއްބެ ބޭބެ ޝަމީމްއާއެކު

ފަސް ބެއިންގެ ތެރެއިން އިބްރާހީމް ރުޝްދީ (އިއްބެ) އަކީ ހަތަރުވަނަ މެންބަރެވެ. އޭނާއަށް މިހާރު 31 އަހަރެވެ. އޭނާގެ ހާލަތަކީ ޝާހީންގެވެސް ހާލަތެވެ. އެއްލޮލަށް ނުފެނެއެވެ. އެއް ލޮލަށް ކުޑަކޮށް ފެނެއެވެ. އެކަމަކު އެއީ ކައިރިއެވެ. ވަޒީފާއެއް އަދާނުކުރިޔަސް އޭނާގެ އުއްމީދަކީ ވަޒީފާ އަދާކޮށްގެން އަމިއްލަ މަސައްކަތުން ދިރިއުޅުމެވެ. ރަށުގައި ހުރެ އެފަދަ ފުރުޞަތެއް ދާދި އަވަހަށް ފަހިވާނެކަމަށް އިއްބެ އުއްމީދުކުރެއެވެ. އިއްބެއަކީވެސް ރަށުގައި ލީޑް ކުރާ ޒުވާނެކެވެ. ބޮޑު ބެރު ޖެހުމާއި، ނެށުމުގައިވެސް ބައިވެރިވެއެވެ. ކުޅިވަރުތަކުގައިވެސް އޭނާއަށް ވީވަރަކުން ބައިވެރިވެއެވެ. މިއަދުވެސް އޭނާ އެންމެ ހިތާމަކުރާ ކަމަކީ އެކަށީގެންވާ ތައުލީމެއް ލިބިފައި ނެތުމެވެ. އެފުރުޞަތު ކުރިން ފަހިނުވުމެވެ. އެކަމަކު އަދިވެސް އޭނާ އުއްމީދު ދޫކޮށެއް ނުލައެވެ. ލޯފަން ކުދިންގެ ޖަމްއިއްޔާ ވުޖޫދުވެ، ހަރަކާތްތެރި ވުމާއެކު ޖަމްއިއްޔާގެ ތެރެއިންވެސް ކުރި މަސައްކަތުން ތައުލީމީ ފުރުޞަތު ކޮންމެސްވަރަކަށް ފަހިވާން ފަށައިފިއެވެ. އެގޮތުން އިއްބެ މިހާރު ދަނީ ޕޮލިޓެކްނިކުން ލޯފަން ކުދިންނަށް އަމާޒުކޮށް ހިންގާ އިނގިރޭސި ކޯހެއް ފުރިހަމަކުރަމުންނެވެ. އިއްބެ ޤަބޫލުކުރާ ގޮތުގައި އޭނާފަދަ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކާމެދު އަދިވެސް މުޖުތަމައު ހޭލުންތެރިއެއްނޫނެވެ.

އަދިވެސް މުޖުތަމައު ހޭލުންތެރިއެއްނޫން. މުޖުތަމައު ދެކޭގޮތް ބަދަލުކުރަން ޖެހޭ. ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދޭން އެބަޖެހޭ, އެކަމަށް މުޖުތަމައު މަސައްކަތްކޮށްދޭން ޖެހޭ. ކޮންމެ މީހަކީވެސް އެހީތެރިވާ މީހަކަށް ވާން ޖެހޭ. އިއްބެގެ އެދުމަކީ މިއީއެވެ.

ތިން ޒުވާނުންގެ މެދުގައިވެސް އަދި އާއިލާގެ އެހެން މެންބަރުންނާ މެދުގައިވެސް އޮތީ ބަދަހި ގުޅުމެކެވެ. އިއްބެއާއި ޝާހީންވެސް ރަށުގައި ދިރިއުޅޭތީ އެކުގައި ކޮފީތަކަށް ގޮސް ހަދައެވެ. އެކަމަކު ޝަމީމްއަށް އެފުރުޞަތު ލިބެނީ ވަރަށް މަދުންނެވެ. އުއްމީދަކީ އަބަދުވެސް އެކުގައި ތިން މީހުނަށް އުފަން ރަށުގައި އުޅެވޭނެ ގޮތް ވުމެވެ. އެކަކު އަނެކަކަށް އެހީތެރިވެދީގެން އެމީހުންގެ ދިރިއުޅުން އަދިވެސް އުފާވެރި ކުރުމެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.