މުސްލިމް އޭނާގެ އަންހެނުން އަދި ދަރިފުޅާއެކު

ކައިވެންޏާއެކު ބަދަލުވި ލޯފަން ޒުވާނާގެ ދިރިއުޅުން!

ހޯމަ 15 ނޮވެމްބަރ 2021 | އައުޓްރީޗް

" އަޅުގަނޑު މަންމަ ކައިރިވެސް ބުނިން އަޅުގަނޑު ދެން މީހަކާވެސް ނީންނާނަމޭ، އަޅުގަނޑު ދެން މަންމަ ކައިރީގައޭ ހުންނާނީ. މަންމަ ދިން އެއްޗެއް ކާލައިގެން ދެން ހުންނާނީއޭ." މިއީ 2008 ވަނަ އަހަރުގެ ކުރިން އދ.ހަންޏާމީދޫ މުޙައްމަދު މުސްލިމް ޤަބޫލުކުރަމުން އައި ގޮތެވެ.

Advertisement


އޭނާގެ އެ ޤަބޫލުކުރުން ބިނާވީ އުފަންވިއިރުވެސް ލޮލަށް ފެނުމުން މަހުރޫމްވެފައި ވާތީއެވެ. އޭނާ ޤަބޫލުކުރީ އޭނާއަކީ މުޖުތަމައުން ބާކީ، އެއްވެސް ފުރުޞަތެއް ނެތް މީހެއްގެ ގޮތުގައެވެ. ހަޤީޤަތުގައި އޭނާފަދަ ކުދިންގެ ގިނަ މައިންބަފައިންނަށްވެސް އޭރު ޤަބޫލުކުރެވިފައި އޮތީ އެހެންނެވެ. ބޮޑުވީ ތައުލީމީ ފުރުޞަތެއް ނެތިއެވެ. ޒުވާން އުމުރަށް އައިއިރުވެސް ތައުލީމީ ފުރުޞަތެއް ނެތެވެ. އޭރު ބެލެނިވެރިންނަށް ޤަބޫލުކުރެވިފައި އޮތީ ލޯފަން ކުއްޖެއްނަމަ ޖެހޭނީ ގޭގައި ތިބެން ކަމަށެވެ. އެކުދިންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެކަމަށެވެ. ކައްކާ ކާން ދިނުމަށްފަހު ގޭގައި ބައިތިއްބުމުން އެނިމުނީ ކަމަށެވެ.

މުސްލިމްގެ އެވިސްނުން ބަދަލުވާން ފެށީ 2008 ހިސާބުގައި ރޭޑިއޯ ޗެނަލްތަކަށް ގުޅަން އުޅުމުގެ ތެރޭގައެވެ. އޭނާއަށް އެނގުނީ އޭނާފަދަ އެތައް ކުދިންނެއް ރާއްޖޭގެ އެކިކަންކޮޅުގައި ތިބިކަމެވެ. އޭގެތެރެއިން ބައެއް ކުދިން ވަޒީފާއަށް ދާކަމެވެ. އަދި މަދުން ނަމަވެސް މީހުންނާ އިނދެގެން އުޅޭ އޭނާފަދަ ކުދިން ތިބިކަމެވެ. އެކަންވީ އޭނާގެ ވިސްނުން ބަދަލުކުރަން މެދުވެރިވި ސަބަބަށެވެ.

މުސްލިމް ރަށެއްގެ ތުނޑީގައި: ފޮޓޯ-އައުޓްރީޗް

އެވިސްނުން ބަދަލުވުމާއެކު އޭނާ އަޒުމް ކަނޑައެޅީ މީހަކާ އިނުމުގެ ކުރިން ވަޒީފާއަށް ދިއުމަށެވެ. އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ދިރިއުޅުމެއް ފަށާށެވެ. އެއަޒުމުގައި އޭނާ ފުރަތަމަ ވަޒީފާއަށް ދިޔައީ ރިސޯޓަކަށެވެ. އެކަމަކު އެކަންވެސްވީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. ޗެލެންޖަކަށްވީ ވަޒީފާއަށް ރަށުން ބޭރަށް ދާން އާއިލާ އެއްބަސް ކުރުވުމެވެ.

"ވަޒީފާގައި ހުރެ ފޯނުން ދިމާވި ކުއްޖަކާ ކައިވެނިކުރެވޭގޮތް ދިމާވީ. އަލްހަމްދުالله، ވަރަށް އުފާވެރި. ކައިވެނި ކުރުމަކީ ދެން އަޅުގަނޑު ދަންނަވާނީ ލިބޭ ވަރަށްބޮޑު އުފަލެކޭ. ކައިވެނިކުރީމަ އަޅުގަނޑާއެކު އިތުރު މީހަކު ހުންނަކަމުގެ އިހުސާސް ކުރެވޭ، އަޅުގަނޑުގެ ހުރިހާކަމެއްގައިވެސް ޙިއްޞާވާނެ އިތުރު މީހަކު ހުންނަކަމުގެ އަޅާލާނެ އިތުރު މީހަކު ހުންނަކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭ." އެކަމަކު އެ އިހުސާސް ކުރެވުނީވެސް އުނދަގޫ އެތައްކަމެއް ތަހައްމަލުކޮށްފައެވެ.

މުސްލިމްއާ އިންނަން ބައިވެރިޔާ އެއްބަސްވިޔަސް އެކަމާ އޭނާގެ މައިންބަފައިން ދެކޮޅެވެ. އެކަމަކު މައިންބަފައިންނާ ދެކޮޅަށް، އަމިއްލަ ރަށުގައި އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށް މުސްލިމްގެ ބައިވެރިޔާ އައި އައުން ވެގެންދިޔައީ މުސްލިމްގެ ހަޔާތަށް އުފަލާއި، އުއްމީދު ލިއްބައިދިން ކަމަކަށެވެ. އޭނާއަށް މިއަދު ލިބޭ ވަރަށް ބޮޑު އެހެން އުފަލެއްވެސް އެބައޮތެވެ. އެއީ އަންހެނުންގެ މައިންބަފައިންގެ ރުހުން ލިބުމެވެ. އެމީހުންގެ އިތުބާރު ހޯދުމެވެ. އެމީހުންގެ ލޯބި ލިބުމެވެ. ދެފަރާތުގެ އާއިލާގެ ލޯތްބާއި، އެހީތެރިކަމާއި، އިތުބާރާއެކު މިއަދު މުސްލިމްއަކީ އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ޒުވާނެކެވެ.

މުސްލިމް އޭނާގެ ދަރިފުޅާއެކު

އޭނާގެ ދިރިއުޅުން އުފާވެރިވާ އެންމެ ބޮޑު އެއްސަބަބަކީ 4 އަހަރުގެ ފިރިހެން ދަރިފުޅެވެ. އެދަރިފުޅު ވެފައިވަނީ ޅަ އުމުރުގައިވެސް މުސްލިމްއަށް އެހީތެރިވާ މުސްލިމްގެ އުއްމީދަށެވެ. އެކަމަކު މުސްލިމްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. އޭނާގެ ދިރިއުޅުން އުފާވެރި ވިޔަސް، އަދި އޭނާގެ ހަޔާތުގެ ބައިވެރިއަކު ހުއްޓަސް، އޭނާގެ އުއްމީދުތައް އުފާވެރިކޮށްދޭނެ ދަރިއަކު ހުއްޓަސް އެނަސީބު ނެތް އޭނާފަދަ އެތައް ބަޔަކު ތިބުމެވެ. އެމީހުންނަށް އެއުފާވެރިކަން ހާޞިލްކުރަން ބޮޑަތި ގޮންޖެހުންތަކެއް ހުރުމެވެ.

"ކައިވެނިކުރުމުގައިވެސް އަދިވެސް ބްލައިންޑް މީހުންނަށް އެބަހުރި ވަރަށްބޮޑަތި ދަތިތައް. ކައިވެނިކޮށްގެން މިއުޅެނީ އަޅުގަނޑުމެން ކަހަލަ މަދުމީހަކު ކަންނޭންގެ ނިސްބަތުން. ވަރަށްބޮޑަތި ދަތިތައް އެބަހުރި. އެއީވެސް ހައްލުވާން ޖެހޭކަމެއްކަމަށް ޤަބޫލުކުރަން." މުސްލިމް އޭނާގެ ކަންބޮޑުވުންތައް ޙިއްޞާކުރިއެވެ.

މުސްލިމްއަކީ އޭނާފަދަ އެހެން މީހުންގެ ދިރިއުޅުން އުފާވެރިކޮށްދޭން މަސައްކަތްކުރާ ޒުވާނެކެވެ. އޭނާގެ އެކުވެރީންނަށް ރަނގަޅު ގޮތްތައް ހޯދަން މަސައްކަތްކުރާ، ވަކާލާތުކުރާ ޒުވާނެކެވެ. އެކަމުގައި އޭނާ ބައްދަލުކުރަން ޖެހުނު ކޮންމެ މީހަކާ ބައްދަލުކުރެއެވެ.

މުސްލިމް ރަށެއްގެ ގޮނޑުދޮށުގައި: ފޮޓޯ-އައުޓްރީޗް

މި ނޮވެމްބަރު މަހުގެ ރެއެކެވެ. މުސްލިމް ރަށްޓެއްސެއްގެ ގެއަށް ގެންގޮސްދިނުމަށް އެދުމުން އަހަރެން އޭނާ ސައިކަލް ފަހަތުގައި އެގެއަށް ގެންގޮސް ދިނީމެވެ. އޭނާއާއެކު އަހަރެންވެސް އެގެއަށް ވަނީމެވެ. އެގޭން އޭނާ ބައްދަލުކުރީ އޭނާ ފަދަ ފެނުމުން މަހުރޫމް ވެފައިވާ އެކަމަކު ކޮންމެސްވަރަކަށް ފެންނަ އޭނާއަށްވުރެ ހަގު ޒުވާނަކާއެވެ. އެޒުވާނާގެ ކޮޓަރީގައި އިށިއިނުމަށްފަހު އެދުނީ މަންމައާއި ބައްޕަ ގެނެސްދިނުމަށެވެ. އެމީހުންނާ ވާހަކަދައްކާލަން ބޭނުންވާކަމަށެވެ. އެޒުވާނާއަކީ މުޙައްމަދެވެ. އޭނާ އޭނާގެ މަންމައާއި ބައްޕަ އޭނާގެ ކޮޓަރިއަށް ހާޒިރުކުރިއެވެ.

"މުޙައްމަދުގެ ކަންކަން ކިހިނެއް؟ މުޙައްމަދު ބޭރަށް ފޮނުވަންތަ؟ ބޭރަށް ފޮނުވަންވާނެ. ރަށްޓެހިންނާ ބައްދަލުކުރުވަން ވާނެ. އަހަރެމެންގެ އެކި ހަރަކާތްތަކުގައި ބައިވެރިކުރުވަން ވާނެ. އެހެން މީހުންގެ އެހީތެރިކަމަށް އެދެން ބާރުއަޅަން ވާނެ. ފަސްޖެހިފަ ހުރެގެން ނުވާނެ." މިއީ މުޙައްމަދުގެ ހާޒިރުގައި މުޙައްމަދުގެ މައިންބަފައިންނާ މުހާތަބުކޮށް މުސްލިމް ދެއްކި ވާހަކަތަކުގެ ކުޑަކުޑަ ހުލާސާއެކެވެ. 

އޭނާ އެގޭގައި ދެގަޑިއެއްހާއިރު ހޭދަކުރިއެވެ. އެގެއިން ނިކުތީ އަހަރެންނަށް ލަސްވެގެންނެވެ. އެ ދެގަޑިއިރުން ކޮންމެ މިނިޓެއް މުސްލިމް ހޭދަކުރީ މުޙައްމަދަށް ރަނގަޅުގޮތް ކިޔައިދޭށެވެ. މުސްލިމްގެ ހަޔާތުން ލިބުނު ފިލާވަޅުތަކުގެ އަލީގައި މުޙައްމަދުގެ ހަޔާތް ބާއްޖަވެރިކުރުމަށް އެހީތެރިވެދޭށެވެ. މިއަދު މުސްލިމަކީ އޭނާފަދަ އެހެން ކުދިންގެވެސް އެހީތެރިއެކެވެ.

މުސްލިމް އޭނާފަދަ އޭނާގެ ބައެއް ރަށްޓެހިންނާއެކު: ފޮޓޯ-އައުޓްރީޗް

މުސްލިމްގެ ލޮލަށް ނުފެނުނަސް މިއަދު އޭނާގެ ދިރިއުޅުން ވަރަށް އުފާވެރިއެވެ. އެކަމަކު އެވަރަކުން އޭނާއަކަށް ނުފުދެއެވެ. މަސައްކަތްކުރަމުން އެދަނީ އޭނާފަދަ އެހެން ކުދިންގެ ދިރިއުޅުން އުފާވެރިކޮށްދެވޭތޯއެވެ.

މިއަދު މުސްލިމަކީ ރަށުގެ ސްޓެލްކޯގައި މަސައްކަތްކުރާ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅުން އާރާސްތުކުރަމުންދާ އުފާވެރި ޒުވާނެކެވެ. އޭނާގެ އޮފީހުގެ މުވައްޒަފުންނާއި، އާއިލާއާއި، ރަށްޓެހިންގެ އެހީތެރިކަން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.