މަތިންދާ ބޯޓު ވެއްޓެމުން ދިޔައިރު އެމަންޒަރު ފޭސްބުކް ލައިވް ކުރަމުން ދިޔަ ސޯނީ ޖައިޝްވާލް --

ބިރުވެރި 6 ސިކުންތު: ނޭޕާލް ފްލައިޓް ވެއްޓުނު ހާދިސާ އިންޑިއާ ފަސިންޖަރަކު ވަނީ ލައިވް ސްޓްރީމްކޮށްފައި

ހޯމަ 16 ޖެނުއަރީ 2023 | އައުޓްރީޗް

އާދީއްތަ ދުވަހު ވެއްޓުނު ނޭޕާލްގެ ޔެޓީ އެއާލައިންސްގެ ATR-72 މަރުކާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާ އެބޯޓުގައި އިން އިންޑިއާގެ ފަސިންޖަރަކު ފޭސްބުކް ލައިވް ސްޓްރީމްކޮށްފައިވާ ވީޑިއޯ އާއްމުވެއްޖެއެވެ.

Advertisement


ބޯޓުގެ އެތެރޭގައި އިނދެ ބޯޓު ޖައްސަން ދިޔަވަގުތު ލައިވް ސްޓްރީމް ކުރި ފަސިންޖަރަކީ، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސޯނޫ ޖައިޝްވާލްއެވެ. ޕޮޚްރާގެ އައު އެއާޕޯޓަށް ބޯޓު ޖައްސަން ދިޔަ ވަގުތު އޭނާ ވަނީ ތިރިން ފެންނަ މަންޒަރު ވަގުތުން ލައިވް ސްޓްރީމްކޮށްފައެވެ. އަދި އެވީޑިއޯގައި އޭނާ ކެބިންތެރެވެސް ދައްކާލާއިރު، ސޯނޫގެ މޫނު މަތިންވެސް އުފާވެރިކަން ފެންނަން ހުއްޓެވެ، އެހެން ނަމަވެސް ހަމައެ ސިކުންތުގައި ފްލައިޓް އަރިއަޅާލުމާއި އެކު ކެބިންތެރޭގައި މީހުން ހަޅޭލަވައިގަތް އަޑު، އަޑާއި ބޯޓުގޮސް ބިންމަތީގައި ޖެހުމަށް ފަަހު، ރޯވި މަންޒަރުވެސް އެވީޑިއޯއިން ފެނެއެވެ. 30 ސިކުންތުގެ އެވީޑިއޯއިންވެސް އެނގޭ ގޮތުގައި ބޯޓު އަރިއަޅާލުމާއި، ބިންމަތީގައި ގޮސް ޖެހުމާއި ދެމެދު ހޭދަވީ އެންމެ 6 ސިކުންތެވެ.

ޔެޓީ އެއާލައިންސްގެ ATR-72 މަރުކާގެ މިމަތިންދާ ބޯޓު ޕޮޚްރާގެ އައު އެއާޕޯޓަށް ޖައްސަން އަންނަ މަންޒަރު ބިންމަތީގައި ހުރި މީހަކުވެސް ވަނީ ރެކޯޑްކޮށްފައެވެ. އެވީޑިއޯއިންވެސް އެނގޭ ގޮތުގައި ބޯޓު އަރިއަޅާލުމާއި ބިންމަތީގައި ޖެހުމާއި ދެމެދުވީ އެންމެ 6 ސިކުންތެވެ. ބޯޓު އަރިއަޅާލައިގެން ގޮސް ބިންމަތީގައި ޖެހިފައި ވަނީ، ފުރަތަމަ ބޯޓުގެ ވާތް ފަރާތުގެ ފިޔަގަނޑެވެ.

ޔެޓީ އެއާލައިންސްގެ ATR-72 މަރުކާގެ މިމަތިންދާބޯޓު، ކަތުމަންޑޫގެ ތުރިބުވަން އިންޓަރނޭޝަނަލް އެއާޕޯޓުން ފުރީ ހެނދުނު 10:33 ގައެވެ. 25 މިނިޓްގެ މިދަތުރުގައި ބޯޓު ވެއްޓިފައި ވަނީ 10:50 ހާއިރު، ޕޮޚްރާގެ އައު އެއާޕޯޓަށް ޖެއްސުމަށް ދޮޅުމިނިޓަށް ވެފައި ވަނިކޮށެވެ. ބޯޓު އަރިއަޅާލި އިރު، ލޭންޑް ކުރުމަށް އެބޯޓުގެ ލޭންޑިން ގިއަރުވެސް ތިރިކޮށްފައި ހުރި މަންޒަރު ވީޑިއޯއިން ފެނެއެވެ.

ޔެޓީ އެއާލައިސްގެ މިމަތިންދާ ބޯޓު ވެއްޓުނު ހާދިސާ ފޭސްބުކް ލައިވް ސްޓްރީމްކުރި އުމުރުން ސޯނޫ ޖައިޝްވާލްއަކީ، އިންޑިއާގައި ރާވިއްކާ ފިހާރައެއް ހިންގާ މީހެެކެވެ. އޭނާ ނޭޕާލަށް ދިޔައީ، މީގެ 6 މަސްކުރިން އޭނާއަށް ފިރިހެން ދަރިއަކު ލިބުމާއި ގުޅިގެން ޕަޝޫޕަތީނާތު ފައްޅިއަށް ޒިޔާރަތް ކުރުމަށް އޭނާބުނި ނަދުރު ފުއްދާށެވެ. ސޯނޫ ޖައިޝްވާލް އާއި އެކުގައި އެފްލައިޓުގައި އޭނާގެ 3 އެކުވެރިއަކުވެސް ދަތުރު ކުރިއެވެ.

މަތިންދާބޯޓު ވެއްޓުމުގެ މިހާދިސާ އާއި ގުޅިގެން ނޭޕާލްގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ އެކަމުގެ ތަޙްޤީޤުތައް ފަށާފައެވެ. މިބޯޓު ވެއްޓިފައި ވަނީ ނޭޕާލްގެ މަޝްހޫރު ރިސޯޓް ސިޓީކަމަށް ވާ ޕޮޚްރާގެ ޝެޓީ ކޯރުގެ އައްސޭރީގެ ސަރަހައްދަކަށެވެ. 4 ކުރޫއިންނާއި 68 ފަސިންޖަރުންނާއި އެކު ޖުމުލަ 72 މީހުން ދަތުރުކުރި މިމަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި އެބޯޓުގައި ތިބި އެންމެންވެސް ވަނީ މަރުވެފައި ކަމަށް ވަނީ ބެލެވިފައެވެ. ނޭޕާލުގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް 68 މީހުންގެ ހަށިގަނޑުވަނީ ފެނިފައެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.