
ލޯންޗު ހާދިސާގައި ނިޔާވި އެކަކީ ގއ އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފެއް
މިރޭ ގއ ވިލިގިލީ ނެރުފައިކަށީގައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވި ދެމީހުންގެ ތެރެއިން އެކަކީ، ގއ ވިލިގިލީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ މީހެއްކަމުގައި އައުޓްރީޗަށް މައުލޫމާތު ލިބިއްޖެއެވެ.

މިހާދިސާގައި ނިޔާވީ ގއ ވިލިގިލީ ދޫރެސް މިސްބާޙް މުހުސިނެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ، ގއ އަތޮޅު ހޮސްޕިޓަލްގެ މެއިންޓަނަންސް އޮފިސަރެއްގެ މަޤާމުގައެވެ. ވިލިގިލިން މައުލޫމާތު ދިން ގޮތުގައި ހާދިސާގައި ނިޔުާވި މިސްބާހަކީ އެކްސިޑެންޓްވި ލޯންޗުގެ ވެރިފަރާތެވެ. އެކްސިޑެންޓްވި އިރު ލޯންޗު ދުއްވަން އިނީ މިސްބާހުގެ ކޮއްކޮ ގއ ވިލިގިލީ ދޫރެސް މިޤުޞާދު މުޙުސިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާގެ ހާލުވެސް ވަރަށް ގޯހެވެ.
މިސްބާހު ނިޔާވީ ލޯންޗު އެކްސިޑެންޓްވި ވަގުތު ވިއްސައިގެން ގޮސް ނިއްކުރިއަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުންނެވެ. އަދި ހާދިސާ އާއި އެކު އޭނާ މޫދަށް ވެއްޓުނު އިރު އޭނާ ހޯދަމުން ދަނިކޮށްފެނުނީ ނެރުފައިކައްޓާއި ދިމާލުން މޫދުގެ އަޑީގައި އޮއްވައެވެ.
މިހާދިސާގައި ދެން ނިޔާވި އަނެއް މީހަކީ، ނ ލަންދޫ މީހެކެވެ. އޭނާ ނިޔާވީ ލޯންޗު އެކްސިޑެންޓްވި ވަގުތު ލޯންޗުގެ ކުރީގެ ބިއްލޫރިތައް ތަޅައިގެންގޮސް ބިއްލޫރިގަނޑަކުން ވަރަށް ބޮޑަށް ކަރު ޒަޚަމްވެގެން ކަމުގައި ވިލިގިލިން މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
މިހާދިސާގައި ނިޔާވި ނ ލަންދޫ އުރަހާ މުހައްމަދު ޝާފިއު ވިލިގިއްޔަށް އައީ އޭނާގެ ބޭބެއެއްގެ ކައިވެންޏަށެވެ. އޭނާގެ ބޭބެ ކައިވެނިކުރުމަށް ހަމަޖެހިފައި އޮތީ ހާދިސާގައި ނިޔާވި މިސްބާޙްގެ ދައްތައަކާއި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެކްސިޑެންޓްވި އިރު ލޯންޗުގައި އޭނާވެސް އިން އިރު އޭނާއަށްވެސް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ. އެކައިވެންޏަށް ޝާފިއުގެ އާއިލާގެ ބައެއް މީހުންވެސް ތިބީ ވިލިގިއްޔަށް އައިސް ކަމުގައިވެސް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
ލޯންޗު ދަތުރުކުރީ ކޫއްޑޫއިން ފުރައިގެން ވިލިގިއްޔަށް އައުމަށެވެ.

މިހާދިސާގައި ލޯންޗުގައި ތިބި އަނެއް ތިންމީހުންނަށްވެސް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހާދިސާގައި ނިޔާވި މިސްބާހުގެ ކޮއްކޮ އާއި ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ވިލިގިލީގެ ޒުވާނެކެވެ.
ފުލުހުން ބުނީ ހާދިސާގައި ޒަޚަމްވި ތިން މީހުންވެސް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމުގައި ގއ އަތޮޅު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެތިން މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.