ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ ގިނަވަމުން

މިއަހަރު މިހާތަނަށް 1.1 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ހޮނިހިރު 27 ޖުލައި 2024 | އަހުމަދު ދާއޫދު

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

Advertisement


މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.0 މިލިއަން ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާ ގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް މަޑުޖެހުމެއް އައުމަށްފަހު، މިހާރު އަނެއްކާވެސް ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

މިއަހަރުގެ ވަކިވަކި މަސްތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖަނަވަރީ މަހު 192,385 ފަތުރުވެރިން، ފެބްރުއަރީ މަހު 217,392 ފަތުރުވެރިން، މާރިޗު މަހު 194,227 ފަތުރުވެރިން، އޭޕްރީލް މަހު 168,366 ފަތުރުވެރިން، މޭ މަހު 119,875 ފަތުރުވެރިން، އަދި ޖޫން މަހު 123,284 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 120,518 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ވަކިވަކި ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 147,241 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިން 120,366 ފަތުރުވެރިންނެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 101,402 ފަތުރުވެރިން، އިޓަލީވިލާތުން 85,014 ފަތުރުވެރިން، އަދި ޖަރުމަނުވިލާތުން 84,345 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހާއި ޖޫންމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މެއި މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 3,867 ފަތުރުވެރިންނެވެ. އަދި ޖޫން މަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 4,109 ފަތުރުވެރިންނެވެ.

ނަމަވެސް، ތަފާސްހިސާބުތައް ދައްކާގޮތުން މިއަދަދު މިހާރު މިވަނީ އަލުން 5,000އިން މައްޗަށް އަރާފައެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5,240 ފަތުރުވެރިން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހެޔޮ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.