
ދިމީ މި ކިޔައިދެނީ ފޮތް ކިޔަން ދަރިފުޅު އާދަކުރުވާނެ ގޮތްތަކެއް
ފޮތް ކިޔުމާއި ކުޅިވަރު ކުޅެއުޅުމަށް ކުދިން ހޭދަކުރާ ވަގުތައްވުރެ، ސްކްރީންދޮށުގައި ހޭދަކުރާ ވަގުތު ގިނައެވެ. ސްކްރީން ޓައިމް ގިނަވުމަކީ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެއް ނަމަވެސް، ސްކްރީން ޓައިމް މަދުކުރުން ވަނީ އުނދަގޫކަމަކަށެވެ. ސްކްރީން ޓައިމް މަދުކޮށް ކުދިންގެ ވިސްނުން ރަނގަޅުކުރުމަށް ކުރެވޭނެ އެންމެ މުހިންމުކަމަކީ ކުދިން ކިބައިގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމެވެ.

ފޮތް ކިޔުމަކީ ކުދިންގެ ސިކުނޑީގެ ދުޅަ ހެޔޮކަމަށް މުހިންމު ކަމެއް ނަމަވެސް ގިނަ ބެލެނިވެރިންނަށް އެއީ ދަރިން ކިބައިގައި އަށަގަންނުވަން އުދަނގޫ ކަމެކެވެ. ސަބަބަކީ ޓީވީ، ޓެބްލެޓް ފަދަ އެއްޗެއްސަށް ހުންނަ ޝައުގުވެރިކަން ފޮތް ކިޔުމަކަށް ކުދިން ނުހުންނާތީއެވެ. ނަމަވެސް ކުދިން ކިބައިގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަކީ ކުރެވިދާނެކަމެއްކަން ސްކިލް ޓްރެއިނިންގ ސެންޓަރ ގެ ފައުންޑަރ ދިމްނާ ފާކިރު (ދިމީ) އަންނަނީ ސާބިތުކޮށްދެމުންނެވެ.
އެނގޭ ހެއްޔެވެ؟ ދިމީގެ ދަރިފުޅު ޓީވީ، ޓެބްލެޓް ތަފާތު އެކި ކަހަލަ ކުޅިވަރާއި ކުޅޭ އެއްޗެއްސައްވުރެ ފޮތައް ޝައުގުވެރިވެއެވެ. ފޮތް ބޭނުންވެއެވެ. ނައުޝީން އަތައް ފޮތެއް ދިން އިރު، ނައުޝީންއަށް އެންމެ ތިން މަހެވެ. އެންމެ ހަ މަހުގައި ނައުޝީން ބުކްޝޮޕްތަކަށް ގެންދަން ފަށައިފިއެވެ. ޕްލޭ ސްކޫލުން ފެށިގެން ސްކޫލަށްދާއިރު، ކޮންމެ ދުވަހަކުވެސް ސްކޫލަށްދަމުން ނައުޝީން ދަނީ ފޮތް ހިފައިގެންނެވެ. ދާ މަގުމަތީގައި ބްރޭކް ގަޑީގައިވެސް ނައުޝީން ބޭނުންވަނީ ފޮތް ކިޔާށެވެ. ތަންތަނަށް ދަތުރުކުރާއިރު، ހޮސްޕިޓަލްގެ ކިއުގައި އަދި ރެސްޓޯރަންޓް ފަދަ ތަންތަނަށް ގޮސްވެސް ކާތަކެތި އަންނަންދެން ނައުޝީން ކިޔަނީ ފޮތެވެ. ނައުޝީން މިހާތަނަށް ވަނީ ހާހަކާ ގާތްކުރާ ވަރަށް ތަފާތު އެކި ކަހަލަ ފޮތް ކިޔައިފައެވެ.
"ގަޑިއެއްގެ ތެރޭގައި ނައުޝީންގެ އުމުރަށްވުރެ މަތީ ލެވެލްގެ ގާތްގަނޑަކަށް 40 ފޮތް ކިޔާލާ،" ދިމީ ބުންޏެވެ.
ދިމީ އަކީ ތައުލީމާއި ވިޔަފާރި ކައުންސެލިން އަދި އައިޓީފަދަ އެތައް ދާއިރާއަކުން ތަފާތު އެކި ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތެކެވެ. އެޑިޔުކޭޝަން ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ދިމީ މިހާރު ގެންދަވަނީ ބިޒްނަސް ހިއުމަން ރިސޯސަސްއިން މާސްޓާސްއަށް ކިޔަވަމުންނެވެ. ދަރިންބެލުމާއި ދަރިންނަށް އުނގަންނައިދިނުމާއި ގުޅޭ ތަފާތު އެކި ކަހަލަ ޓިޕްސްތައް ދިމީ އަންނަނީ ބެލެނިވެރިންނަށް ފޯރުކޮށްދެމުންނެވެ. ދިމީއަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ އަލީގައި އެތައް ބަޔެއްގެ ސުވާލުތަކަށް ޖަވާބު ހޯދައިދެމުންނެވެ.

ދިމީގެ ފަރާތުން ގިނަ ބެލެނިވެރިން އޮޅުން ފިލުވުމަށް ބޭނުންވާ އެއް ކަމަކީ ކުދިން ކިބައިގައި ކިޔުންތެރިކަން އަށަގަންނަވާނީ ކިހިނެތް ކަމެވެ. ކިޔުންތެރިކަން އަށަގެންނެވުމަށް ބެލެނިވެރިންނަށް އެހީވުމަށް ދިމީ އާއި ނައުޝީން އަންނަނީ "ދިމީ އެންޑް ނައުޝީން ޕްރޮމޯޓިން ރީޑިންގ" ނަމުގައި ފޭސްބުކު ގުރޫޕެއް ހިންގަމުންނެވެ. މި ގުރޫޕްގެ ޒަރީއާއިން އެ ދެ މައިން އަންނަނީ ކިޔުންތެރިކަން އަށަގެންނެވުމަށް ތަފާތު އެކި ކަހަލަ ޓިޕްސް އާއި ޓްރިކްސް ފޯރުކޮށްދެމުންނެވެ. ކުދިންގެ ކިބައިގައި ޅައުމުރުގައި ކިޔުންތެރިކަމުގެ އާދަ އަށަގެންނެވުމަށާއި ފޮތްދެކެ ލޯބިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކުދިންނާއިއެކު ކުޅެވިދަނެ ގޭމްސްތައްވެސް ހިއްސާކުރަމުންނެވެ. މި ކިޔައިދެނީ ކިޔުންތެރިކަން އަށަގެންނެވުމަށް ދިމީ ގެންގުޅުނު ބައެއް އުކުޅުތަކެވެ.

ކިޔުންތެރިކަން އަށަގެންނެވުމަށް ކުރެވިދާނެ ކަންތައް
-ޅައުމުރުގައި ފޮތް ކިޔައިދޭން ފެށުން.
-ދަރިފުޅަށް ރަނގަޅު ނަމޫނާއަކަށްވުން.
- ދަރިފުޅު ފޮތް ކިޔާ ވަގުތު ވީޑިއޯކުރުން.
- ދަރިފުޅާއެކުވެސް އަދި އެކަނިވެސް ކޮންމެ ދުވަހަކު ފޮތް ކިޔުން.
- ކުދިން އަތުޖެހޭ ހިސާބުގައި ފޮތް ބެހެއްޓުން.
-ލައިބްރަރީއަށް ގޮވައިގެން ދިޔުމާއި ލައިބްރަރީއާއި ގުޅޭ ގޮތުން ވާހަކަ ދެއްކުން.
-ހަދިޔާއަށް ފޮތް ދިނުން.
-ފޮތް ފިހާރަޔަށް ގެންދިޔުން.
-ކުއްޖާ އިހްތިޔާރު ކުރާ ފޮތް ގަނެދިނުން.
-ދަރިފުޅު ބޭނުން ކޮންމެތާކު ކިޔުމުގެ ފުރުސަތު ދިނުން.
-ރޯޑް ސައިން، ފިހާރަތަކުގެ ނަން، އެއްޗެހީގެ ލޭބަލް، ފޮތުގެ ނަން ފަދަ އެއްޗެހި ކިޔުމަށް ބާރުއެޅުން.
-ތަންތަނަށް ދާއިރުވެސް ފޮތް ގެންދިޔުން.
-އެކި ލެވެލްގެ ފޮތް ދިނުން (ކުއްޖާއަށް މާ ބޮޑަށް ފޯސް ނުކޮށް، ކުއްޖާ ބޭނުންވާނަމަ).
-އަޑު ބާރުކޮށް ދުވާލަކު އެއް ފޮތް ނަމަވެސް ކުއްޖާއަށް ކިޔައިދިނުން.
"ބާރަށް ކުދިންނަށް އިވޭ ވަރަށް ފޮތް ކިޔައިދިނުމުން ސައިޓް ވޯޑްސްތައް ނަގައިގަނެ، ބަސްކޮށާރު އިތުރުކޮށްދީ، ބަސްތައް ހަނދާނުގައި ބަހައްޓަން ފަސޭހަވެގެންދާނެ. ކިޔަމުންދާއިރު ބަސްތަކުގައި އިނގިލި ޖައްސަން ހަނދާން ނައްޓާނުލާތި،" ދިމީ ބުންޏެވެ.

ފޮތްކިޔުމުގެ އާދަ އަށަގެންނެވުމަށް އެންމެ ރަނގަޅު ވަގުތު
-ނިންދަވާ ވަގުތު
-ނެޕް ޓައިމް
ސްނެކް ޓައިމް
-ކާ ވަގުތު
-ދަތުރުކުރާ ވަގުތު

އައު ފޮތެއް ގަނެދިނުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް
"އެންމެ މުހިންމު އެއް ކަމަކީ އެ ފޮތްދެކެ ކުއްޖާ ގަޔާވޭތޯ ބެލުން" އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދިމީ ފާހަގަކުރިއެވެ.
ދިމީ ބުނީ އޭނާ ދަރިފުޅަށް އަލަށް ފޮތެއް ގަނެދިނުމުގެ ކުރިން އެ ފޮތުގައި ބޭނުންކޮށްފައިވާ ބަހާއި، ކުއްޖާގެ އުމުރާއި ގުޅޭތޯ، އަދި ފޮތުގެ މުސައްނިފަކީ ކާކުތޯ ބަލާ ކަމަށެވެ. އަދި ދަރިފުޅު އަތައް އެ ފޮތްދެނީ އޭނާ ކިޔަފައި، އެއީ ދަރިފުޅު ކިޔަން ރަނގަޅު ފޮތެއްތޯ ބަލާކަމަށެވެ. އޭގެ އިތުރުން ފޮތް ގަންނަން ދާއިރު ކުއްޖާ ގޮވައިގެން ގޮސް ފޮތް ގަނުމާއި، ފޮތް ގަންނަނީ އޮންލައިންކޮށް ނަމަވެސް، އެ ފޮތް ކުއްޖާއަށް ދެއްކުމަށްފަހު ގަތުމަކީ މުހިންމު ކަމެއްކަމަށް ދިމީ ބުންޏެވެ.
"ކުއްޖާ އަމިއްލައަށް ބޭނުންވާ ފޮތެއް އިހްތިޔާރުކުރަން ދިނުމަކީ ކުއްޖާ އިތުރަށް ފޮތް ދެކެ ލޯބިވާނެ ކަމެއް" ދިމީ ބުންޏެވެ.
ދިމީގެ މި އުކުޅުތަކަކީ ކާބިޔާބު އުކުޅުތަކެއްކަން ނުއުޝިއާން ފޮތް ކިޔުމަށް ހުންނަ ޝައުގުވެރިކަމުން އެނގިގެންދެއެވެ. އޭގެ އިތުރުން ބައެއް ބެލެނިވެރިން ހިއްސާކޮށްފައިވާ ކޮމެންޓްތަކުންވެސް މިއީ ރަނގަޅު ޓިޕްސްތަކެއްކަން އެނގިގެންދެއެވެ.
"އަލްހަމްދުލިއްލާހި. ތެންކިޔު. ދިމީ ބުނިހެން ފޮތް ކިޔުވަން ޓްރައި ކޮށްގެން، ދަރިފުޅު މިހާރު ފޮތް ކިޔަން ފަށައިފި. ކުރިން އަބަދުވެސް ފްރީ ޓައިމްއެއް ލިބިއްޖާ ކާޓޫން ބަލަނީ. މިހާރު އެކަމް ފްރީ ޓައިމްއެއް ލިބިއްޖާ އަބަދުވެސް ފޮތެއް ހިފައިގެން އުޅޭނީ." ބެލެނިވެރިއަކު ބުންޏެވެ.
ޅައުމުރުގައި ފޮތް ކިޔަން އާދަކުރުވުމަކީ ކުދިންގެ ހިޔާލް ތަނަވަސްކޮށްދީ، ފޮތް ކިޔުމަށް ކުދިން ޝައުގުވެރިވެގެންދާނެ ކަމެކެވެ. ނަމަވެސް ގިނަ ބެލެނިވެރިންނަށް ކުދިންނަށް ފޮތް ތައާރަފްކޮށްދެވެނީ ކުދިން ވާހަކަ ދައްކަން ފަށާ ހިސާބުންނެވެ. އެކަމާއި ގުޅިގެން ފޮތް ކިޔުވުމަށް ކުދިން ޝައުގުވެރިކުރަން އުނދަގޫވެދެއެވެ. ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ މަސައްކަތް ފަށަން ލަސްވި ކަމަށް ނުދެކި، އަވަހަށް ފޮތް ކިޔައިދޭން ފެށުމަށް ދިމީ ލަފާދެއެވެ.
"ކޮންމެ ދުވަހަކުވެސް މަދުވެގެން 10 މިނިޓް ދަރިފުޅާއެކު ފޮތް ކިޔައި. ފޮތް ކިޔުން އާދައަކަށް ހެދުމަށް މަސައްކަތްކުރޭ،"