އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ

ރާއްޖެއަށް އެއާބަސް އޭ330 މަތިންދާބޯޓެއް ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ހުކުރު 26 ޖުލައި 2024 | އަހުމަދު ދާއޫދު

ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމަށްޓަކައި ރާއްޖެއަށް އެއާބަސް އޭ330 މަތިންދާބޯޓެއް ގެނައުމަށް، ބައިނަލްއަގުވާމީ ވައިގެ އުޅަނދު ކުއްޔަށްދޭ ކުންފުނި ޓްރޫނޯޑްއާއެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Advertisement


މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ގައުމީ އެއާލައިންގެ ފްލީޓު އިތުރަށް ވަރުގަދަ ކުރުމަށް އެޅިގެން ދިޔަ ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ.

ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށްޓަކައި ގައުމީ އެއާލައިންއަށް ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން ސަރުކާރުން އެހީވާ ގޮތަށް ކެބިނެޓުން ވަނީ ކުރިން ނިންމާފައެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއްވެސް މެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި އެއާބަސް އޭ330 އިން ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެއެވެ. އަދި މި އެއްބަސްވުމާ ގުޅިގެން، ރާއްޖޭގައި ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށްދާކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެއާބަސް އޭ330 އަކީ ދެ އިންޖީނުލީ، ލޯންގް-ރޭންޖް ބޯޓެކެވެ. މިފަދަ ބޯޓުތަކުގައި އާންމުކޮށް 210 އާއި 250އާ ދެމެދުގެ އަދަދަކަށް ފަސިންޖަރުން އުފުލެއެވެ. ގިނަ ފަސިންޖަރުން އުފުލަން ބޭނުން ނަމަ 406 ގޮނޑި ބަހައްޓާ ގޮތަށް ބޯޓުގެ ލޭޔައުޓް ބަދަލު ވެސް ކުރެވެއެވެ.

މިނިސްޓަރު އަމީން މިދިޔަ އޭޕްރިލް މަހު ވިދާޅުވެފައިވަނީ މި އަހަރުގެ އޮކްޓޫބަރު ހިސާބުގައި ވައިޑް-ބޮޑީ ބޯޓުތަކުގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންތައް ފެށުމަށްޓަކައި، ދިގު ދަތުރުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބޮއިން 787 މަރުކާގެ ބޯޓެއް ކުއްޔަށް ނެގުމަށް އައިލެންޑް އޭވިއޭޝަނުން މިދިޔަ ޖެނުއަރީގައި އިއުލާންކުރިއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް އެއާބަސް އޭ330 މަރުކާގެ ބޯޓެއް ޑްރައި ލީޒް ކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.