
ދުޅަހެޔޮ ރޯދައަކަށް މިއާދަތައް
ރޯދަ ހިފުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެކަމުގައި ފައިދާ ތަކެއް ހިމެނޭ ކަމެކެވެ. އަހަރެމެންގެ ހަށިގަނޑު ރޯދައަށް ތައްޔާރު ކުރާގޮތް އެކި ބޭފުޅުން ތަފާތުވެދާނެއެވެ. ތިރީގައި މި ބަޔާންކުރަނީ ރޯދައިގެ ފައިދާ އެންމެ ހެޔޮގޮތުގައި ހިފުމަށް ސަމާލު ވާންވީ ބައެއް ކަންކަމެވެ.

1. ގިނައިން ފެން ބުއިން
ރޯދަވީއްލުމަށްފަހު ކަރު ނުހިއްކިނަމަވެސް އިރުއިރުކޮޅާ ކޮންމެވެސް ބުއިމެއް ބޯށެވެ. ކަރުހިއްކުމަކީ ހަށުގަނޑުގައި މާބޮޑަށް ފެން މަދުވުމުގެ އަލާމާތެކެވެ. ބުއިމުގައި ކެފެއިން ނުހުންނަ ބުއިން އިހްތިޔާރު ކުރާށެވެ، ކެފެއިންގެ ސަބަބުން ހަށިގަނޑުން ފެން މަދުކުރެއެވެ. ފެން ނުވަތަ އެއްވެސް ބުއިމެއް ބޯއިރު އެއްފަހަރާ މާގިނައިން ބުއިމުން ދުރުވާށެވެ، މާގިނައިން އެއްފަހަރާ ފެންބުއިމުން އެކަމުގެ ނޭދެވޭ އަސަރު ހަށިގަނޑާށް ކޮއްފާނެއެވެ.
2. ކެއުމުގައި ހުރިހާ ބާވަތެއްގެ ކާނާއެއްވެސް ހިމެނުން
ރޯދައަށް ހުންނަ އިރު ހަށިގަނޑަށް ނިއުޓްރިއެންޓްސް ލިބޭ ވަރު ގިނަ ކުރަންޖެހެއެވެ. އެހެންކަމުން ހަށިގަނޑަށް ފައިދާވާ މާއްދާތައް ހިމެނޭ ގޮތައް ރޯދަވީއްލާ ގަޑީގައި ކެއުން މުހިންމެވެ. ގޮވާން، ތަރުކާރީ، މޭވާ، ޕްރޮޓީން ލިބޭ ކާނާ (މަސް، ކިރު) އަދި އޮލިވެ އޮއިލް އަދި ނަޓަސް، މި ހުރިހާ ބާވަތަކެއް ކެއުމުގައި ހިމެނޭތީ ބައްލަވާށެވެ.
3. ކާ މިންވަރު މުހިންމު
އަޅުގަނޑުމެންގެ ހަށިގަނޑު ފުރިއްޖެ ކަން އަށިގަނޑައަޅާ އެނގުމަށް ކާން ފަށާއިރުން ފެށިގެން 20 މިނެޓް ނަގައެވެ. އަވަސް އަވަހަށް ގިނައިން ކާއިރު ފުރިފައި ހުރިކަން އިހުސާސް ނުވެދާނެވެ. އެހެންކަމުން ރޯދަ ވީއްލާ ވަގުތު މާގިނައިން ކެއުމުން ދުރުވާށެވެ. ވިސްނައިގެން ބަނޑުހައިކަން ފިލާވަރަށް ކެއުމަކީ ހަށިގަނޑަށް ހަމަ ޖެހުން ލިބި އެއްފަހަރާ މާގިނައިން ކެއުމަށްވުރެ ހަކަތަ އިތުރުކޮއްދޭ ކަމެކެވެ. އަދި މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް އިރުޝާދު ދެއްވާފައިވާގޮތެވެ.
4. ހެލިފެލިވެއުޅުން
ރޯދަ ހިފުމަކީ ހަށިގަނޑަށް ވަރުބަލިކަން ގެނުވާ ކަމެއް ނަމަވެސް އެއްތަނެއްގައި ގިނައިރު އިށީނދެ ނޫނީ އޮށޯވެ އޮތުމުން ދުރުވާށެވެ. އާނމުކޮށް ހެނދުނު ކަސްރަތު ކުރާ ބޭފުޅުން ކަސްރަތުކުރުން ރޯދަވީއްލުގެ ފަހަށް ބަދަލު ކޮއްލައްވާށެވެ. ދުވާލު ގަޑީގައި މާގިނައިން ކަސްރަތު ކުރުމަކީ އެނގިވަޑައިގަންނަވާނެ ފަދައިން ހަށިގަނޑު މާބޮޑަށް ވަރުބަލި ވާ ކަމެކެވެ. ނަމަވެސް މަދުން ކަސްރަތުކުރުން ނޫނީ ކުދި ކަސްރަތު ކުރައްވާށެވެ. މިސާލަކަށް ބޭރައް ނިކުމެ ނޫނީ ގޭތެރޭގައިވެސް ހިނގާލެވިދާނެއެވެ. މިގޮތައް ކަނތައްކުރުމުން ހަށިގަނޑުގެ ހަކަތަ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދެއެވެ.
5. ރަނގަޅު ހާރު ކެއުމެނއްގެ ބައެއް ސިއްރުތައް
ކުރިން ބަޔާންކުރިގޮތައް ހާރު ކެއުމުގައިސް ތަފާތު ބާވަތްތަކުގެ ކާނާ ހިމެނުން މުހިންމެވެ. މިގޮތުން
• ހޯލްގްރެއިން – މީގެ ތެރޭގައި، ރަތް ހަނޑޫ، އޯޓްސް
• ތާޒާ ތަރުކާރީ އަދިމޭވާ - ތާޒާ މޭވާގެ ތެރޭގައި ދޮންކެޔޮލަކީ އަޅުގަނޑުމެން އާނމުކޮށް ބޭނުން ކުރާފައިދާހުރި މޭވާއެކެވެ.
• ޕްރޮޓީން – މީގެ ތެރޭގައި ކިރު، ޔޯގަޓް، ބިސް، މަސް، ނަޓްސް ހިމެނެއެވެ.
6. ތިމާއަށް އެންމެ ރަނގަޅުގޮތް ދެނެގަތުން
އެބޭފުޅެއްގެ ނިދުން ހުންނަ ގޮތަކުން ކާގަޑިއާއި އަދި ކެއުމުގެ ދުރުމިންވެސް އެނގިލައްވާނީ އެބޭފުޅަކަށެވެ. ހަށިގަނޑަށް އަންނަ ބަދަލު ތަކާއި ކުރެވޭ އިހުސާސުތައް އެކިބޭފުޅުންނަށް ތަފާތުވާނެއެވެ. އެހެންކަމުން ތިމާއަށް އެންމެ ރަނގަޅުގޮތް ދެނެގަތުން މުހިންމެވެ އަދި މަތީގައި ބަޔާންކުރާ ގޮއްތަކަށް އަމަލު ކުރުމުންވެސް ދަތިތަކާއި ކުރިމަތިވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.