
ހޫނުމިން އިންތިހާއަށް، ރޯދައަށް ހުންނައިރު ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް މިކަންކަމަށް ސަމާލުކަންދީ!
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 29 އަހަރު ތެރޭގައިވެސް ރާއްޖެއަށް އެންމެ ހޫނު ގަދައީ ކޮންމެ އަހަރަކު ވެސް އޭޕްރީލް މަހުއެވެ. މިއަހަރު ދިވެހިންނަށް ރޯދައަށް ހުންނަން މިޖެހުނީ ރާއްޖެއަށް އެންމެ ބޮޑަށް ހޫނުމިން ގަދަ ދުވަސްވަރުއެވެ. ރޯދައަށް ހުންނައިރު އާއްމުގޮތެއްގައިވެސް ކަރުހިއްކާ ފެންބޮވާ ގޮތްވިނަމަވެސް، ހޫނުމިން މަތިވުމުގެ ސަބަބުން އިތުރަށް ފެން ބޮވާ ގޮތްވެދެއެވެ.

ރޯދައަށް ހުންނަ ވަގުތު، ހަށިގަނޑުން ފެނާއި ލޮނު މަދުވެގެންދެއެވެ. ޑީހައިޑްރޭޓްވުން ނުވަތަ ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން މާ ބޮޑަށް ކަރުހިއްކުމާއި ވަރުދެރަވެ، ބޯއަނބުރާގޮތްވެ ބޮލުގައި ރިހުމާއި ކަންތައްތަކަށް ސަމާލުކަން ދިނުމަށް އުނދަގޫވާގޮތްވެދެއެވެ. މާ ބޮޑަށް ކަރުހިއްކުން އިހްސާސްކުރެވެއެވެ. ހާއްސަކޮށް މެންދުރުގެ ގަދަ ހޫނުގައެވެ.
ހަށިގަނޑުގެ 60 އިންސައްތައަކީ ފެންކަމަށްވާއިރު، މަދުވެގެން ދުވާލަކު އަށްތަށީފެން ހަށިގަނޑަށް ބޭނުންވެއެވެ. ހަށިގަނޑުން ފެން މަދުވުމަކީ ސިކުނޑިއަށާއި ހަށިގަނޑަށް އެކަމުން ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. އެހެން ކަމުން ރޯދަމަހު ރޭގަނޑުގެ ވަގުތުގައި ހަށިގަނޑަށް ފެން މަދު ނުވާ މިންވަރަށް ފެނާއި ދިޔާ ތަކެތި ބުއިމަށް ސަމާލުކަން ދޭންޖެހެއެވެ.

ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ރޯދަ ވީއްލާ ވަގުތުން ފެށިގެން ހާރުކެއުމާއި ހަމައަށް ބަހާލައިގެން ފެނާއި ދިޔާ އެއްޗެހި ބުއިމަކީ އެންމެ ރަނގަޅު ގޮތެވެ. އެއްފަހަރާ މާގިނައިން ފެން ބުއިމުގެ ބަދަލުގައި ގަޑި އިރަކު ތައްޓެއް ނުވަތަ ދެ ތަށި ވަރު ފެން ބުއިމަކީ ސިއްހީ ގޮތުންވެސް އެންމެ ރަނގަޅު ގޮތެވެ. ހާއްސަކޮށް ރޯދަ ވީއްލާ ވަގުތުވެސް ދެ ތައްޓައްވުރެ އިތުރަށް ފެން ނުބުއިމަށް ސަމާލުކަން ދޭންވާނެއެވެ.
ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ސަމާލުކަންދޭންވީ ކަންތައްތައް
- އަށް ތަށީ ފެން ބުއިން
- ގިނައިން ތެޔޮ އެކުލެވޭ ތަކެތި ކެއުމުގައި ބޭނުންނުކުރުން
- މާ ފޮނި އަދި ލޮނު ގަދަ ކާނާގެ ބާވަތްތައް ބޭނުން ނުކުރުން
- ތައްޔާރީ ބުއިންތައް ބޭނުން ނުކުރުން
- ކެފެއިން ގިނައިން އެކުލެވޭ ތަކެތި ބޭނުން ނުކުރުން
- ތަރުކާރީއާއި މޭވާ ގިނައިން ބޭނުންކުރުން
- އަވީގައި ގިނަ ވަގުތު ނޫޅުން
ގައިން ފެން މަދުވުމަކީ ގައިގެ ހަންގަނޑަށްވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެކަމެވެ. ގައިގެ ހަންގަނޑު މާ ބޮޑަށް ކުރަކިވުމުން ސަލާމަތްކުރުމަށްޓަކައި ހަންގަނޑުގެ ތެތްކަން ހިފެހެއްޓުމަށްޓަކައި ރަނގަޅު މޮއިސްޗަރައިޒިން ކުރީމެއް ބޭނުންކުރުމަށްވެސް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ހާއްސަކޮށް އަވީގައި އުޅޭ ވަގުތުއެވެ.