
ޝަރުތެއް ނެތް، ޑރ.މައުސޫމްގެ ތާއީދު ރައީސް ޞާލިހަށް!
ޖުމްހޫރީ ޕާޓޫގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަޤާމް ފުރުއްވަމުން ގެންދަވާ ޑރ.އަބުދުالله މައުސޫމްވެސް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީން އިންތިޚާބުގައި ވާދަކުރަން ނިންމާ، ރިޔާސީ ކެންޑިޑޭޓަކީ ލީޑަރު ޤާސިމް އިބްރާހީމްކަން ކަށަވަރުވެފައި ވަނިކޮށް މިއަދު ޑރ.އަބުދުالله މައުސޫމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއާއި ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތްކަމަށެވެ.
ރައީސް އިބޫއަށް، އެއްވެސް ޝަރުތަކާ ނުލައި ތާއީދުކޮށް، ބައިއަތުހިފާ މިކަން އެންމެކަތުންނަށް އަންގާލުމަށް މިފޮޓޯއާއެކު މިވާހަކަ ހިއްސާކޮށްލީމެވެ.
ރައީސުލުޖްމްހޫރިއްޔާއާއި ސަލާމްކުރައްވާ ފޮޓޯއަކާއެކު ހިއްސާކުރެއްވި ކުރު ބަޔާނުގައި ޑރ.އަބުދުالله މައުސޫމް ވިދާޅުވެފައިވެއެވެ.
ރަސްމީކޮށް މިކަން ހާމަކުރެއްވުމުގެ ކުރިންވެސް އެމަނިކުފާން ވަނީ ޖުމްހޫރީ ޕާޓީގެ ރަސްމީ ގްރޫޕްތަކުން ނިކުންނަވާފައެވެ. ޑރ.މައުސޫމްގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރާއި، އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ)އާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާމިނަތު މުޙައްމަދު ސަލީމްއާއި، ފަންނުވެރިކަމުގެ ކަންކަން ބަލަހައްޓަވާ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ވަލީދާ ވަލީދުއާއި، އެމްޑަބުލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުވެސް ވަނީ ރައީސްއަށް ތައީސުކުރައްވާ ޖޭޕީން ވަކިވެފައެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި އާދަމް އާޒިމްގެ ނިންމެވުމަކީވެސް ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރުމެވެ.