
މާދަމާ ބޭންކުގެ ބުރާންޗްތައް ހުޅުވައި ޚިދުމަތް ދޭނެކަމުގައި ބީއެމްއެލްއިން ބުނެފި
މާދަމާ ބޭންކުގެ ބުރާންޗްތައް ހުޅުވައި ޚިދުމަތްދޭނެ ކަމުގައި ބޭންކް އޮފް މޯލްޑިވުސްއިން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވުސްއިން ބުނީ އެކުންފުނީގެ ބުރާންޗްތައް މާދަމާ ރަސްމީކޮށް ހުޅުވިފައި ހުންނާނެ ކަމަށާއި، ހެނދުނު 8:30 އިން މެންދުރު ފަހު، 2:00އަށް ބޭންކުގެ ބުރާންޗްތަކުން ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ސެލްފް ސަރވިސް ސެންޓަރުތަކުންވެސް ހަފްތާގެ ހަތް ދުވަހު 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމުގައި ބޭންކުން ބުނެއެވެ.
މިއަހަރުގެ އަލްޙާ ޢީދު ބަންދާއި ހަފްތާ ބަންދު ގުޅިގެންދާގޮތަށް ސަރުކާރުން ވަނީ، ޖޫން 25 އަދި 26 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ހަމަޖައްސާފައެވެ. އެހެންވެ ޖޫން 23އިން ޖުލައި 1އަށް 9 ދުވަސް ސަރުކާރު ބަންދުވެއެވެ.
ނަމަވެސް ރާއްޖޭގެ ބޭންކިން ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ވިދިވިދިގެން 5 ދުވަހަށް ވުރެ ގިނަ ދުވަހު ބޭންކުތައް ބަންދުކޮށްފައެއް ނުބެހެއްޓޭނެއެވެ. އެހެންވެ މާދަމާއަކީ، ރާއްޖޭގެ ހުރިހާ ބޭންކުތަކަކަށްވެސް ރަސްމީ މަސައްކަތު ދުވަހެކެވެ.