ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ---

ފުރިހަމަ އެމްޑީޕީގެ ވެރިކަމެއް ހޯދަން ލިބޭ މިއީ ރަނުގެ ފުރުޞަތެއް!

ބުދަ 27 ސެޕްޓެމްބަރ 2023 | މޫސަ

އެމްޑީޕީއަކީ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކާމިޔާބުތައް ހޯދާފައިވާ ޕާޓީއެވެ. އެހެންނަމަވެސް ޑިމޮކްރަސީގެ މަގުގައި އެމްޑީޕީ އަޑިގުޑަން ދަތި އެތައް ހިސާބަކުން ދަތުރުކުރަން ޖެހުނެވެ. އެމްޑީޕީގެ އާއްމު މެމްބަރުން، މުދަލާއި ފުރާނައިން އަގު އަދާކުރަން ޖެހުނެވެ. އެހެންނަމަވެސް އެމްޑީޕީގެ އާއްމު މެމްބަރުންގެ ދަލާއި ލޭ އޮހޮރައިގެން އިންތިޚާބު ކާމިޔާބުކުރި ދެފަހަރުވެސް، އެމްޑީޕީގެ އަސާސްތަކާއި މެނިފެސްޓޯތައް ފުރިހަމަގޮތުގައި ތަންފީޒު ނުކުރެވުނު މައިގަނޑު ސަބަބަކީ، ކޯލިޝަނަކުން މެނުވީ ވެރިކަމަށް އާދެވޭނޭ މަގެއް އޭރު ފެންނަން ނެތުމުންނެވެ.

Advertisement


2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނުކުތީ، އަނެއް ދިވެހިރާއްޖޭގެ ސްލޯގަން އާއިއެކުގައެވެ. ނަމަވެސް އޭރު އެމްޑީޕީއަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ރައީސް މައުމޫނުގެ މައްޗަށް ކުރި ނުހޯދުމުން ދެން ޖެހުނީ، ވަޠަން އެދޭގޮތަށް ބޮޑު ކޯލިޝަނަކާއިއެކު ނުކުންނާށެވެ. ކޯލިޝަން ސަރުކާރެއްގެ ހިތިކަމާއި ގިތިކަން ވޭނާއި ތުރާތައް ދިވެހިންނަށް ޖެހުނު މިންވަރު 7 ފެބުރުއަރީ 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމުން މާރަނގަޅަށްވެސް އެއޮތީ ހާމަވާށެވެ.

މިހާތަނަށް އެއްވެސް ބަޔަކަށް ކޯލިޝަނަކުން ނޫނީ ވެރިކަމަކަށް ނާދެވެއެވެ. އަދި ކޯލިޝަން ސަރުކާރެއްގައި އޮންނަ ޚިޔާލުތަފާތުުވުންތަކާއިއެކު ސަރުކާރުތަކުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ތަންފީޒްކުރުމަށް ފަސޭހައެއް ނުވެއެވެ. އޭގެ ސަބަބަކަށް ވަނީ، ވިޔަފާރިވެރިން ސިޔާސީ ޕާޓީތައް ހަދައިގެން ނުކުންނަނީ އެމީހުންގެ އަމިއްލަ މަންފާއަށް ކަމަށްވުމެވެ. ވިޔަފާރިވެރިން ސިޔާސީ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް ފައިސާ ޚަރަދުކުރަނީ އޭގެ މުޤާބިލްގައި ދައުލަތުގެ ތެރެއިން ނުހަމަ މަންފާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށްވުމެވެ. އެހެންވެ ކިތަންމެ ރަނގަޅު ސިޔާސަތުތަކެއް ކަނޑައެޅިޔަސް ކޯލިޝަން ސަރުކާރުގައި ތިބޭ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ސަބަބުން އެ ސިޔާސަތުތައް ތަންފީޒްކުރުމަށް އޮންނަނީ ހުރަސް އެޅިފައެވެ.

2018 ވަނަ އަހަރުގެ ކޯލިޝަނަކުން ވެރިކަމަށް އައި ރައީސް ޔާމީނުގެ ސަރުކާރަށްވެސް އެތުރާތައް ޖެހުނެވެ. އެކަމާއި ދެކޮޅަށް ރައީސް ޔާމީނު ނުކުންނެވީ އަނިޔާވެރިކަން އިސްކުރައްވަމުންނެވެ. ކޯލިޝަން ޕާޓްނަރުން ހުރަގޭގައި ބަންދުކުރައްވައިގެންނެވެ. ވެރިކަމަށް ކުރިމަތިލައިފާނެހެން ހީވާ ކޮންމެ މީހެއްގެ ދުވަސްދުއްވާލައިގެންނެވެ. 

ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި ޕާޓީތައް ހަދައިގެން، ބަކަރި ހަންގަނޑެއް އޮޅައިގެން އޮންނަ ސިންގާއެއް ފަދައިން ތިބެނީ ހަމައެއް ބައެކެވެ. އެމީހުންގެ ބޭނުމަކީ، ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރުމެއް ނޫނެވެ. އެމީހުންގެ ވިޔަފާރިތަކުގެ މަސްލަޙަތު ހިމާޔަތްކުރުމެވެ. އެމީހުންގެ ވިޔަފާރިތައް ދެމެހެއްޓުމެވެ. މިއީ ދިވެހިރައްޔިތުންނަށް ޚާއްޞަކޮށް އެމްޑީޕީގެ މެމްބަރުންނަށް އިތުރަށް ތަފްޞީލްކޮށްދޭންޖެހޭ ކަމެއް ނޫނެވެ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މިދައުރު ނިމިގެން މިދަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދި އެއްވެސް ޕާޓީއަކަށް އެއްވެސް ލީޑަރަކަށް އަނިޔާއެއް ނުދެއްވައެވެ. ކޯލިޝަން ރޫޅާނުލައްވައެވެ. ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނަގާއިރު، އަދިވެސް އެކިޕާޓީތަކުގެ ސްލޮޓްތަކުގައި ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރެއްވި އެތައް ބަޔަކު އެތިބީ އެމީހުންގެ މަޤާމުތަކުގައެވެ.

ކޯލިޝަން ސަރުކާރެއްގައި، ކޯލިޝަން ޕާޓްނަރުންނަށް ސަރުކާރު ހިންގުމުގައި އެފަރާތްތަކުން ބޭނުންވި ބައިވެރިވުން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ރައްޔިތުންނާއި ޤައުމަށް ހެޔޮއެދޭކަމުގެ އަދި ރައްޔިތުންނަށް އެންމެ ގިނަ ކަންކަން ކޮށްދިންކަމުގެ ވާހަކަ ދައްކަވާބޭފުޅަކީ ޤާސިމް އިބްރާހިމެވެ. އެމަނިކުފާނުގެ ކުންފުނީގެ ދެ އެއާޕޯޓާއި އެއާލައިނެއް އޮވެއެވެ. 5 ރިޒޯޓު އޮވެއެވެ. މަސްކުންފުންޏެއް އޮވެއެވެ. ސްޕަމާޓް ޗެއިނެއް އޮވެއެވެ. ޓީވީއަކާ ދެނޫސް އޮވެއެވެ. އެއާއެކު ކޯލިޝަން ސަރުކާރުގައި އެމަނިކުފާނު ބޭނުންފުޅުވީ، ޓްރާންސްޕޯޓު މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީއާ ފިޝަރީޒް މިނިސްޓްރީއެވެ. އެމިނިސްޓްރީތަކަށް އައްޔަނުކުރެއްވީ އެމަނިކުފާނު ބޭނުންފުޅުވި ބޭފުޅުންނެވެ. ދަރިކަލުން ސިޔާދު ޤާސިމް ހުންނެވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު މެމްބަރަކަށެވެ. ސިޔާސީ ޕާޓީ ހައްދަވައިގެން ކޯލިޝަން ސަރުކާރެއްގައި ޤާސިމް ބޭނުންފުޅުވަނީ ކޮންކަމެއްކަން މި މިންވަރުންވެސް އިތުރު ތަފްސީލަކަށް ދާކަށް ނުޖެހޭނެއެވެ. ރައްޔިތުންނަށް ޚިދުމަތެއް ކުރައްވަން ބޭނުންފުޅުވާނަމަ، ކޯލިޝަން ސަރުކާރެއްގައި ބައިވެރިވެ. ޖެންޑާ މިނިސްޓްރީއާ، ހެރިޓޭޖް މިނިސްޓްރީއާ، އިސްލާމިކް މިނިސްޓްރީ ހިންގަވަން ޤާސިމް ބޭނުންފުޅު ނުވަނީ ކީއްވެހެއްޔެވެ؟ އޭގެ ޖަވާބު ލިޔާކަށްވެސް ނުޖެހެއެވެ.

ސަރުކާރުތަކުން ސީދާ އާއްމު ރައްޔިތުންގެ މަންފާއަށް ކުރާކަންކަމަށް އެޅޭ ހުރަހަކީ، ޕާޓީތައް ހަދައިގެން ޑިމޮކްރަސީގެ ނަމުގައި، ރައްޔިތުންގެ ވާވައްދައިގެން ސަރުކާރުގެ ތެރެއަށް ވަދެ ތިބޭ ވިޔަފާރިވެރިންނެވެ. މިސަރުކާރުން މިނިމަމްވޭޖު ކަނޑައެޅުމާއި، ސަރވިސް އެލަވަންސް ކަނޑައަޅައި ދިނުމާއި، ޑޮލަރުގެ އަގުތިރިކުުރުމަށާއި، ރިޒޯޓު މުވައްޒަފުންނަށް ނައިޓަށް ދެވޭގޮތަށް ގެނައި ބަދަލުތަކާއި ދެކޮޅުވެ ތިބި ބަޔަކީވެސް އެވިޔަފާރިވެރިންނެވެ. އެކަންކަމުން ރައްޔިތުންނަށް ލިބޭ ޙަޤީޤީމަންފާއަށް ހުރަސްއަޅާ ބަޔަކީވެސް އެއީއެވެ.

އިންތިޚާބުތަކުގައި އަންދާޒާކުރެވޭ ނަތީޖާއަށް ބަލައި ޕާޓީތަކުން އެހެން ޕާޓީތަކާއި ކޯލިޝަން ހަދަނީވެސް އެގޮތުގެ މަތިންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ހަމައަށް އެމްޑީއޭ އޮތީ ރައީސް ޔާމީނުގެ ސަރުކާރާއި އެކުގައެވެ. އެޕާޓީގެ ލީޑަރު އަޙުމަދު ސިޔާމް މުޙައްމަދު ރައީސް ޔާމީނާއިއެކު ހުންނެވުމުން ސަރުކާރުގެ ތެރެއިން އެމަނިކުފާނަށް އެތައް ކަމެއް ފަހިވެގެން ދިޔައެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވުމުން އެމްޑީއޭއަކީ އޮންނަ ސިޔާސީ ޕާޓީއެއްކަން އެނގުނީވެސް 2023ގެ ރިޔާސީ އިންތިޚާބު ބޯމަތިވާން ފެށުމުންނެވެ. އެމްޑީއޭއިން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށްފަހުގައި، އިންތިޚާބުގެ ފުރަތަމަ ބުރުން، ޕީޕީއެމްއަށް ލިބުނު ވޯޓު ގިނަވެ އެޕާޓީއަށް އިންތިޚާބު ކާމިޔާބުވެދާނެ ކަމަށް ބެލެވެން ފެށުމުން ކޯލިޝަން ރޫޅާލާފައި ތާއީދުކުރީ ޕީޕީއެމް ޕީއެންސީ ކޯލިޝަނަށެވެ. މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެނިންމުން އައީ އެމްޑީއޭގެ ލީޑަރުގެ ވިޔަފާރީގެ މަސްލަހަތެއް ހިނގަމުން މިދާ ސަރުކާރުގެ ތެރެއިން ފުރިހަމަ ނުވެގެނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޔާސީ ދެވަނަ ދައުރަކަށް ނުކުންނެވި އިރު، ކޯލިޝަނުގައި ތިބި "ސިޔާސީ ލީޑަރުން" ނުކުމެ ޓަކާ ޓަކާ ގޮވާފައި ރައްޔިތުންނަށް ވިއްކާނެ އެއްޗެއް މިއަދަކު ނެތެވެ. ސަރުކާރު ގޯސްކޮށްފައި ރައްޔިތުންގެ ކުރިމަތީގައި ވާހަކަދައްކާނަމަ، އެގޯސްކަމުގެ ވާހަކަ ދައްކަވަން ޖެހޭނީ އެބޭފުޅުންވެސް ހިމަނައިގެންނެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރަށެއްގައި ވާހަކަފުޅު ދައްކަވަމުން މިސަރުކާރުގައި ތިބި އެންމެން ތިބީ ކޮރަޕްޓްވެފައި ކަމުގައި ޤާސިމް ވިދާޅުވިއެވެ. އެހެން ވިދާޅުވި އިރު، އެބަސް އެމަނިކުފާނުގެ ލޯބިފުޅުވާ އަނބިކަނބަލުން ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާއަށާއި، ލޯބިފުޅުވާ ދަރިކަލުން ސިޔާދަށް ރައްދުވާކަމެއް އެމަނިކުފާނަކަށް އިޙްސާސެއް ނުވިއެވެ. ނުވަތަ ހަނދުމަފުޅެއްވެސް ނެތެވެ. ރައްޔިތުންނަށް އެކަން އެނގޭނެ ކަމަކަށް ހީފުޅެއް ނުކުރެއްވުނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދެކޮޅަށް ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެންނެވުމުން އެކަންވީ އެމަނިކުފާނުގެ ސިޔާސީ ޙަޔާތުގައި ޖެހުނު ސިއްކައަށެވެ. އެންމެ 6000 ވޯޓާއި އެކު ބެދެންޖެހުނީ ސިޔާސީ ގޮތުން ބޮޑު ލަދެއްގައެވެ. ރައްޔިތުން ޤާސިމާއި ޤާސިމާއި އެކުގައި ތިބި މީހުން ދަސްކޮށްފިއެވެ. އަދި އެކަމަށް ޖަވާބުވެސް ދީފިއެވެ.

ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކުގައި ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްލެއްވުމުން އެމަނިކުފާނުވެސް ބެދުނީ ހުތުރު ލަދެއްގައެވެ. މަޖީދީމަގު މެދުގައި ބޮމެއް ގޮއްވާލައި އެމަނިކުފާނު މަރާލަން އުޅުނީ ސަރުކާރުންކަމަށް ބުނެ އެއްވެސް އަސާސެއް ނެތް ވާހަކައެއް ފިޔަވައި، ރައްޔިތުންގެ އިޙްސާސްތަކާއި ވިންދާއި ކުޅެލެވޭނެ ވާހަކައެއް އެމަނިކުފާނަކަށްވެސް ނުހޯއްދެވުނެވެ. ބަރުލަމާނީ ނިޒާމަކުން ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމުގެ ހުވަފެންފުޅުގައި އެމަނިކުފާނު އެމްޑީޕީ ރޫޅައިލައްވާން ނުކުންނެވުމުން، ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ނެރުއްވި ކެންޑިޑޭޓަށް ލިބުނީ އެންމެ 15000 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ %7 އެވެ. އެވަރުންވެސް އަދިވެސް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން އެމްޑީޕީއަށް ވެރިކަން ލިބުނަ ނުދެއްވުމަށެވެ. އެމަނިކުފާނު އެދިވަޑައިގެން ހުންނެވީ، ރައީސް ޔާމީނުގެ ހިޔަނީގައި މުއިއްޒު އުފައްދަވާ ވެރިކަމުގެ އަނިޔާގެ ކަނޑަށް އަނެއް ފަސްއަހަރު ދިވެހިރައްޔިތުންނާއި އެމްޑީޕީގެ އާއްމު މެމްބަރުން، އަދި ޑިމޮކްރެޓްސްގެ މެމްބަރުން ގަންބަވައިލެއްވުމަށެވެ.

އެމްޑީޕީގެ އުމުރުން 18 އަހަރުވީރު، އެޕާޓީގެ އާއްމު މެމްބަރުން، 13 އަހަރު އަނިޔާއާ ވޭނާއި ކެކުޅުމާއި ހިތްދަތިކަން ތަޙައްމަލުކޮށްފިއެވެ. އެކަމަކު ރައީސް ނަޝީދަށް ޤައުމުގެ ވެރިކަމަށް އާދެވޭނެ މަގެއް ނެތުމަކީ، އެމްޑީޕީގެ 59000 އާއްމު މެމްބަރުންގެ ކިބައިން ރައީސް ނަޝީދު ބަދަލު ހިއްޕަވަންޖެހޭ ސަބަބެއް ނޫނެވެ. 

 ކޯލިޝަން ސަރުކާރަކާއި ރައީސް ނަޝީދު އަބަދުވެސް ދެކޮޅު ހައްދަވައެވެ. ކޯލިޝަން ސަރުކާރެއް ހިންގުމުގައި ހުރި ތުރާތައް އެމަނިކުފާނުގެ ތަޖުރިބާއިންވެސް ލިބިވަޑައިގެންފައި އޮތުމާއިއެކުގައެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޙިކުމަތްތެރިކަމާއި އެކު ކޯލިޝަނާއިއެކު ދައުރެއް ފުރިހަމަ ކުރެއްވައި، ރިޔާސީ އިންތިޚާބަށް ނުކުމެ ވަޑައިގެން މިހާތަނަށް އެމްޑީޕީއަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރެއްގައި ހޯދުނު އެންމެ ގިނަ ވޯޓު ހޯއްދަވައިފިއެވެ. އިންތިޚާބުގެ ވޯޓުގެ އަދަދުތަކުން ހާމަވާން އޮތީ ރައީސް ނަޝީދު، އިބްރާހީމް މުޙައްމަދު ޞާލިޙާއި އެކު ހުންނެވި ނަމަ، ފަސޭހައިން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އެމްޑީޕީއަށް ލިބުނީސްކަމެވެ.

މީގެ ކުރިން އެމްޑީޕީއާމެދު ނުރުހުނު ދިވެހި އާއްމު ރައްޔިތުންގެ ތެރޭގައި، ރައީސް ނަޝީދުގެ "ލާދީނީ" ފިކުރާ ނުރުހުންވި އެތައް ބަޔަކު ތިއްބެވެ. އެހެންވެ ރައީސް ނަޝީދު އެމްޑީޕީއާ ވަކިވެވަޑައިގެންނެވުމުން އެމްޑީޕީއާމެދު ރުހުނު މީހުންގެ އަދަދު އިތުރުވެގެން ދިޔައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 86000 މީހުން އެމްޑީޕީއަށް ވޯޓުދިނުމަކީ އޭގެ ހެއްކެކެވެ. އެހެން ނަމަވެސް 15000 މީހުން ގޮވައިގެން 86000 މީހުންގެ ފަހަތަށް އެރުމުގެ ބަދަލުގައި ރައީސް ނަޝީދު އެދިވަޑައިގަންނަވަނީ، 15000 ވޯޓުލިބުނު އިލްޔާސް ލަބީބަށް ދެވަނަ ބުރުން ރައީސުލްޖުމްހޫރިއްޔާ ފުރުޞަތު ދެއްވައި، 86000 މީހުން 15000 މީހުންގެ ފަހަތަށް އަރާށެވެ. އެއީ ރައީސް ނަޝީދު އެމްޑީޕީގެ މެމްބަރުންނަށް ބަހާއި އަމަލުން ފާޅުގައި ކުރައްވާ މަލާމާތަކަށް ނޫނީ ނުވެއެވެ.

އެއްވެސް މީހަކީ، އަބަދަށް މަޤާމާއި ބާރުގައި ދެމިހުންނާނެ މީހެއް ނޫނެވެ. ޕާޓީއެއްގެ ހަޔާތުގައިވެސް ކޮންމެ ލީޑަރަކަށްވެސް ދައުރެއް އޮވެއެވެ. އެދައުރު ނިމުމުން އެލީޑަރެއްގެ އަލި ފަނޑުވެގެން ދެއެވެ. އައުބަޔަކު ލީޑަރޝިޕަށް އައިސް ބަދަލުވަމުންދެއެވެ. އެކަމަކު ޕާޓީއެއްގައި ބަދަލު ނުވެ ތިބޭ ބަޔަކީ އެޕާޓީގެ އާއްމު މެމްބަރުންނެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ސިފަޖެހި ހިނގާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. އެޕާޓީއެއްގެ ލީޑަރޝިޕް ބަދަލުވަމުން އިތުރު މީހުންނަށް ފުރުޞަތު ލިބެމުން އަންނަ ޕާޓީއަކީވެސް އެމްޑީޕީއެވެ. އެހެން ޕާޓީތައް ވެފައި އޮތީ އެޕާޓީއެއް އުފެއްދި މީހެއް ނުވަތަ ޚަރަދުކުރާ މީހެއްގެ ހަރުމުދަލަކަށެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަކީ، އެމްޑީޕީއަށް ފުރިހަމަ ވެރިކަމެއް އުފައްދަން ލިބޭ ރަނުގެ ފުރުޞަތެވެ. އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒްކުރުމަށް، ކޯލިޝަން ޕާޓްނަރުންގެ ސަބަބުން ރައްޔިތުންގެ ހައްޤުތަކަށް އެޅޭ ހުރަސްތައް ނައްތާލުމަށް ލިބޭ ފުރުޞަތެކެވެ. 30 ސެޕްޓެމްބަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ އާއްމު މެމްބަރުން ނުކުމެ އެމްޑީޕީގެ ވެރިކަމެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހެނީ މިހެންވެއެވެ. އަދި ދިވެހިރައްޔިތުންގެ ތެރެއިން ކޯލިޝަން ސަރުކާރުތައް ހަދައިގެން ރައްޔިތުންނަށް އުފުލަންޖެހޭ މިތުރާތަކުން މިންޖުވާން ބޭނުންވާ ފަރާތްތަކުން އެމްޑީޕީއަށް ވޯޓުދޭން ޖެހޭނީ އެހެންވެއެވެ. ނޫންނަމަ އިޢާދަވާން އޮތީ އަނެއްކާވެސް 5 އަހަރު ކުރީގެ ކަޅު އަނދިރިމާޒީގެ ހިތި ހިތާމަވެރި ވޭނީ ބިރުވެރި ދުވަސްތަކެވެ. ވިސްނަވާށެވެ! 30 ސެޕްޓެމްބަރު 2023ގައި އަޅުއްވާ ވޯޓަކީ އޭގެ މައްޗަށް އަނެއް 5 އަހަރު ހިތާމަކުރަންޖެހޭ ކަމަކަށް ނުހައްދަވާށެވެ.

ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ، ދެން އޮންނާނީ ވެރިކަމުގެ ބާރުތައް ހޯއްދެވުމަށް، ޑރ، މުޢިއްޒާއި، ރައީސް ޔާމީނުގެ ތަޅާފޮޅުމެވެ. އިބްރާހީމް މުޙައްމަދު ޞާލިޙް 5 އަހަރު ވެރިކަން ކުރައްވާތަން ބައްލަވަން ރައީސް ނަޝީދަށް ކެތް ނުކުރެއްވުނު ގޮތަށް، ޑރ މުއިއްޒު 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވަން ދޫކޮށްލައްވައިގެން ހުންނަވާކަން، ރައީސް ޔާމީނަކަށްވެސް ކެތެއް ނުކުރެއްވޭނެކަން، އެންމެ ފުރަތަމަ އިންތިޚާބު ބޮއިކޮޓް ކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވި ގޮވާލެއްވުމުންވެސް އެނގި ހާމައެވެއެވެ. މީގެ އިތުރުން، ރައީސް ނަޝީދު ފައިންޕުޅު ނަންގަވައިގެން ހުންނެވީ، ޑރ، މުއިއްޒު ހޮވިވަޑައިގެންފިނަމަ، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ރައްޔިތުންގެ އަތުގައި އޮތް ކޮންމެ 5 އަހަރަކުން ވެރިޔަކު ހޮވުމުގެ ބާރު އަބަދަށްޓަކައި އަތުލެއްވުމަށެވެ. ފަސްއަހަރުގެ މިދައުރުގެ ތެރޭގައި ރައީސް ނަޝީދަށް އެކަން ކާމިޔާބު ނުކުރެއްވުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކަމަށް ދޫ ނުދެއްވުމުންނެވެ. 

ރައީސް ޔާމީނުގެ ބާރު ހިނގާވެރިކަމެއްގައި، އެމަނިކުފާނު އެތައް ބައެއްގެ ކިބައިން ބަދަލު ހިއްޕަވާނެއެވެ. އެތައް ބަޔަކު ޖަލަށްލައްވާނެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި އަސާސީ މިނިވަންކަން ނިގުޅައިގަންނާނެއެވެ. އިދިކޮޅު މީހުންނާއި އެއްކޮޅު މީހުންވެސް ޤަބޫލުކުރެއެވެ. އިންޑިއާއާއި ދެކޮޅަށް އަދި ރައީސް ޞާލިޙާއި ދެކޮޅަށް ދިޔަރެސް ނޫހުން އެފަތުރާގޮތަށް ފެތުރެނީ، މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ކަމުގައިވާތީއެވެ. ރައީސް ޔާމީނުގެ ވެރިކަން ނަމަ، ދިޔަރެސްގެ ނޫސްވެރިން ތިބޭނީ ޓެރަރިޒަމްގެ ދައުވާތަކުގައި ޖަލުގައި އަނދަގޮނޑިޖަހާފައެވެ. ސީއެންއެމް ނޫހާއި ހަވީރު ނޫސް ދުއްވާލި ގޮތަށް ދިޔަރެސްވެސް އޮންނާނީ ދުއްވާލާފައެވެ.

އެމްޑީޕީގެ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް، 30 ސެޕްޓެމްބަރުގައި ޚިޔާރު ކުރަން އޮތީ ދެގޮތެކެވެ. އެއްގޮތަކީ، ޤައުމުގެ ހަމަޖެހުމާއި ސުލުޙަވެރިކަން ދަމަހައްޓައި، ޕާޓީތައް ހަދައިގެން ތިބި ވިޔަފާރިވެރިންގެ ނުފޫޒުން ޤައުމު ސަލާމަތްކޮށް އުފާވެރި އަމާން ރާއްޖެއެއް ހޯދުމެވެ. ނޫނީ 5 އަހަރުކުރިން ދިވެހިން އުޅުނު އަނިޔާވެރި، "އެ ދިވެހިންގެ ދިވެހިރާއްޖެ ޚިޔާރު ކުރުމެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.