ކެނދިކުޅުދޫން ކައުންސިލުން އެލްޖީއޭ އާއި ދެކޮޅަށް އިހްތިޖާޖު ކުރަނީ / ފޮޓޯ:ކޭކޭ ކައުްނސިލް

ލާމަރުކަޒުކުރުން އިހުއޮތް ހާލަތަށް ބަދަލުވަނީބާ!

އަންގާރަ 05 މާޗް 2024 | އަހުމަދު ދާއޫދު

ދިވެހިރާއްޖޭގައި މީގެ ކުރިން އެންމެ ބާރުގަދަ އެންމެ ނުފޫޒު ގަދަ ވަޒީރަކީ ނުވަތަ ވުޒާރާއަކީ ކޮބައިތޯ އަހައިފިނަމަ ޝައްކެއްވެސް ނެތް ގޮތުގައި އެންމެންގެ ޖަވާބަކަށް ވަނީ، އަތޮޅުތަކާއި ބެހޭ ވުޒާރާ ނުވަތަ 'އެޓޯލްސް' މިނިސްޓްރީކަން ޔަޤީނެވެ.

Advertisement


ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނުގެ އެއްބަޑު އެއްބަފާ ކޮއްކޯފުޅު ވަޒީރަކަށް ލައްވައިގެން އެމަނިކުފާނުގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އަދި އެންމެ ބާރުގަދަ ވުޒާރާއެއްގެ ގޮތުގައި އޮތީވެސް އެޓޯލްސް މިނިސްޓްރީއެވެ.

އޭރު ރާއްޖެގެ އަތޮޅުތަކަށް އަދި މާލެ ފިޔަވާ ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް އެއްކަމެއްވެސް ކުރެވޭނީ "އެޓޯލްސް" މިނިސްޓްރީގެ ހުއްދަ ލިބިގެން އެ ވުޒާރާއިންކަމެއް ކޮށްދެއްވައިފި ނަމައެވެ. އެހެން ކަމުން އޭރު ރާއްޖެގައި އޮތް އެންމެ ވަރުގަދަ އެންމެ ނުފޫޒު ގަދަ އަދި އެންމެ ބޮޑު މިނިސްޓްރީ އަކީ "އެޓޯލްސް" މިނިސްޓްރީއެވެ.

އެދުވަސްވަރު ރާއްޖޭގެ އަތޮޅުތަކުން ރަށްރަށުން ބައި ހަދަހަދާފައި، ވަފުދުތައް މޭލެއައިސް ، އެ އަތޮޅަކަށް ނުވަތަ އެރަށަކަށް ބޭނުންވާ ކަންތައްތައް ފަހިކުރުމަށްޓަކައި އޭރުގެ އަތޮޅުތަކާއި ބެހޭ ވުޒާރާއަށް ގޮސް ، "އެޓޯލްސް މިނިސްޓަރ" އާއި ބައްދަލުކުރި ވާހަކައަކީ މިއަދުވެސް އެންމެން ވަރުގަދައަށް އަދި އެންމެ ހަރު އަޑުން އެންމެން ދައްކަމުން ގެންދާ އެއް ވާހަކައެކެވެ.

ރާއްޖެގައި އޭރު އޮތް 'އެޓޯލްސް' މިނިސްޓްރީގެ ސިޔާސަތާއި އަދި އެ ސަޤާފަތާއި ދެކޮޅަށް އަދި ރާއްޖެގެ އަތޮޅުތަކުން ބޭނުންވާ ތަރައްޤީ ގެނައުމުގައި ވަކި ބަޔަކަށް ސަނާކިޔާ ކުރުނީސް ކުރަން ނުޖެހޭނެކަމަށް ބުނެ އެންމެ ފުރަތަމަ ވަކާލާތު ކުރަން ފެށީ މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ފަރާތުންނެވެ.

އެމްޑީޕީގެ ފަރާތުން ވަކާލާތު ކުރަމުން ދިޔައީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް . އެ ރައްޔިތުން ބޭނުންވާ ތަރައްޤީ އާއި ކުރިއެރުން ހޯދުމުގައި އެ ރަށްޔިތުންނަށް އަމިއްލައަށް ކަންތައްތައް ކުރުމުގެ ބަރާއި، އިޚްތިޔާރު ލިބެންޖެހޭނެ ކަމަށެވެ.

ޒަމާނުންސުރެ އޭރު ރާއްޖޭގައި އޮތް "އެޓޯލްސް" މިނިސްޓްރީއަށް "ސަލާމް ޖަހަންޖެހޭ ޖެހުން" ނެތި ދާން ޖެހޭ ކަމަށެވެ. ރާއްޖެއަށް ލާމަރުކަޒ ނިޒާމެއް ތައާރަފް ކުރަން ޖެހޭކަމަށާއި، ރާއްޖެގެ އަތޮޅުތަކާއި ރަށްތައް ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށް ބުނެ އެމްޑީޕީން ދައްކަށްފެށި ވާހަކަ ވެގެން ދިޔައީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރައްވަމުން ގެންދެވި ވެރިއެއްގެ ނިމުން އައުން ކަމަށެވެ.

ރައީސް މައުމޫނުގެ ވެރިކަން ނިމި އެމްޑީޕީން ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގައި އޭރު އޮތް "އެޓޯލްސް' މިނިސްޓްރީ އުވާލައި ލާމަރުކަޒު ކުރުމުގެ ވައްޓަފާޅިއަށް ރާއްޖޭގެ އަތޮޅުތައް ހިންގުމުގެ މަސައްކަތް ފެށި ނަމަވެސް އެންމެ ފުރިހަމައަށް އޭރު އެކަން ކުރެވިފައެއް ނުވެއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމި އަނެއްކާވެސް ރާއްޖެއަށް އައި ވެރިކަމުން ލާމަރުކަޒު ކުރުމުގެ ނިޒާމަށް އަސްލު ގެންނަށް ބޭނުންވި ބަދަލުތައް ނުފެނި އަނެއްކާވެސް "އެޓޯލްސް" މިނިސްޓްރީގެ ސިފަތައް ފެންނަށް ފެށިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް ރާއްޖެގެ ރަށްތަކަށް ތަރައްޤީ ހޯދަން ބޭންނަ ނަމަ ބޮޑަތި ރަށްރަށަށް ބޮޑުގޮތްވެ، އަދި "މެޑަމް" ހިތްޕުޅާވާ ރަށްތަކަށް ތަރައްޤީގެ މަޝްރޫޢުތައް ދިޔަތަން ފެނިގެންދިޔައެވެ.

ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަމަށްފަހު އަނެއްކާވެސް އެމްޑީޕީގެ ވެރިމެއް ފެށިގެން ދިއުން ވެގެން ދިޔައީ ރާއްޖޭގެ އަތޮޅުތަކަށް ލާމަރިކަޒީ ޤާނޫނެއްގެ ދަށުން އާރާއި ބަރު ޤާނޫނީގޮތުން ލިބިގެން ދިޔަ ފަސްއަހަރު ކަމަށެވެ. ރާއްޖޭގެ ރަށްތަކުން އެ ރަށެއްގެ ރައްޔިތުންނަށް އަމިއްލައަށް އެރަށެގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު ލިބިގެން ދިޔައެވެ. ކުދިރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ތަރްއަޤީގެ މަޝްރޫޢުތައް ހަލުވި ސްޕީޑުގައި ހިންގަން ފެށުނެވެ. ވަފުދު ވަފުދަށް ރަށްރަށަށް ތަރައްޤީ ހޯދުމަށް 'އެޓޯލްސް' މިނިސްޓްރީއަށް މާލެއަންނަ އައުން ނިމުމަކަށް އައެވެ.

ރައީސް އިބުރާޙިމް ޞާލިޙްގެ ސަރުކާރަށް ފަހު އަނެއްކާވެސް އުފެދިގެން މިދިޔަ ޕީއެންސީގެ ވެރިކަމުގައި މިވަނީ "އެޓޯލްސް" މިނިސްޓްރީ ވުޖޫދުވެފައެވެ. ސިދާ އެޓޯލްސް މިނިސްޓްރީގެ ނަމުގައި ނޫން ނަމަވެސް މިވެރިކަމުގެ މިވީ ކުރު މުއްދަތުގައި އެ މިނިސްޓްރި ސިފަވާން ފަށަފައި މިވަނީ ހަމަ ރައީސް މައުމޫނުގެ ޒަމާނުގައި އެޓޯލްސް މިނިސްޓްރީ އޮޕަރޭޓް ވަމުން ދިޔަ ގޮތަށް އޮޕަރޭޓް ވަމުންދާ މަންޒަރެވެ.

ރަށުގެ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަކުން އެމީހުންގެ ބަސް އިއްވީމައި އެއަށް ބަދަލުގެނައުމަށް އަންގަމުންދާތަނެވެ. ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގަން ބޭނުންވީމަ ވަޒީރަށް ނުވަތަ ވުޒާރާތަކަށް އާދޭސްކުރަން ޖައްސާފައެވެ.

މީގެ ހެއްކެއްގެ ގޮތުގައި އެންމެފަހުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނަކާއި މެދު ކަންތައްތައް ވެގެން ދިޔަ ގޮތާއި ރައީސް މުއިއްޒު މިހާރު ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ތަކުގައި ކައުންސިލްތަކާއި ބައްދަލު ކުރެއްވުމުން ކަންތައްތައް ވެގެންދާ ގޮތުން މި ސަރުކާރު އޮޕަރޭޓްވަމުންދާ ގޮތް ވަރަށް ސާފެވެ.

މިއަދު ފެނިގެންދަނީ ރައީސް މައުމޫނުގެ ޒަމާނެކޭ އެއްގޮތަށް 'އެޓޯލްސް' މިނިސްޓްރީ އުފައްދަވައިގެން ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގެ ކަންތައްތައް ހިންގުމުގެ ހުރިހާކަމެއް އެ މިނިސްޓްރީގެ ދަށަށް ޖަމާކުރަމުން ގެންދާ މަންޒަރެވެ. މިއީ ދެރަވެ ހިތާމަކުރަން ޖެހޭ ފަދަ މަންޒަރުތަކެކެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.