ރަމަޟާން މަހަކީ ސަވާބާއި ދަރުމައިން ފުރިގެންވާ މަހެއް

މިއީ ސަވާބާއި ދަރުމަ ހޯދަން ގަދައަޅާ މަސައްކަތް ކުރަންވީ މައްސަރު

ހޮނިހިރު 23 މާޗް 2024 | އަހުމަދު ދާއޫދު

މިއީ ބަރަކާތުން ފުރިގެންވާ މަހެކެވެ. ރަމަޟާން މަހަކީ އަހަރެއްގައި އަންނާނެ އެންމެ މާތް މަތިވެރި މައްސަރެވެ. މިއީ އަޅުކަމުގެ މައްސަރެވެ. އަހަރެއްގެ ތެރޭގައި އަންނާނެ އެންމެ މަތިވެރި އެންމެ މާތް ރޭ، ލައިލަތުލްގަދުރި ވިލޭރޭ ވެސް ހިމެނެނީ ހަމަ ރަމަޟާން މަހުގައެވެ. މިއީ މީހުންގެ ދިރިއުޅުން ބަދަލު ކޮށްލާ މަހެކެވެ. ދުނިޔަވީ ކަންކަމުން ދުރުކޮށް، ހެޔޮ ކަންކަމާއި ދިމާލަށް ގެންގޮސްދޭނެ މަހެކެވެ.

Advertisement


މިއީ އެހާމެ މާތް ވެގެންވާ މައްސަރަކަށް ވާއިރު، މި މާތް މައްސަރުގެ ފައިދާ އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތް ކުރަންޖެހެއެވެ. ރަމަޟާން މަހުގެ ފަރުޟު ރޯދަތައް ހިފައި ގިނަ ގިނައިން ހެޔޮ ޢަމަލުތައް ކުރުން މަތީގައި ދެމިހުންނަން ޖެހެއެވެ. ތިމާއަށް ކުރެވޭ ކުޑަ، ކުޑަ ކަމަކުން ވެސް މި މައްސަރުގެ ސަވާބާއި، ދަރުމަ ލިބުމަށް މަގު ފަހިވެއެވެ. އެހެން ކަމުން އެންމެ ހެޔޮ ގޮތުގައި، މި ދުވަސްތައް ހޭދަކުރަން މަސައްކަތް ކުރަންޖެހެއެވެ.

މި ބަރަކާތްތެރި ރަމަޟާން މަހުގެ ސަވާބާއި، ދަރުމަ ހޯދުމަށްޓަކައި ކުރެވޭނެ ގިނަ ކަންތައްތަކެއް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު، ވަނީ ވަރަށް ތަފްޞީލުކޮށް ކިޔައި ދެއްވާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ޤުރުއާން ކިޔެވުމަށް، ވަގުތުކޮޅެއް ހުސްކޮށްލުމަށް، އޭނާ ނަސޭހަތްތެރި ވެފައިވެއެވެ. އެހެން ނަމަވެސް މިއީ ހަމަ އެކަނި ރަމަޟާން މަހު އެކަނި ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، އެހެނިހެން މަސް މަހުގައި ވެސް ޤުރުއާން ކިޔެވުން އިތުރު ކުރުމަށް އޭނާ ވަނީ ނަސޭހަތްތެރި ވެފައެވެ.

މާތްﷲ ގެ ކަލާމްފުޅު، ކީރިތި ޤުރުއާން ކިޔެވުމުގެ، އިތުރުން ފަޤީރަކަށް އެހީވުމަކީ ވެސް ސަވާބާއި، ދަރުމަ އިތުރު ކޮށްދޭ ކަމެކެވެ. އެއީ އެކަމަކުން އާހިރަތުގައި ތިމާއަށް ކާމިޔާބުލިބުމަށް މަގުފަހި ކޮށްދޭ ކަމެއްކަމަށް މުފްތީ ބުނެފައި ވެއެވެ. ރޯދައަށް ހުރެ ގިނަ ގިނައިން ދުޢާ ކުރުމަށާއި، ތަރާވީޙު ނަމާދު ކުރުމަށް ނަސޭހަތްތެރި ވެފައިވެއެވެ. ވަކިން ޚާއްސަކޮށް ރޯދައަށްހުރެ ނަމާދުތައް ގަޑިންގަޑިއަށް އަދާ ކުރުމަށް މުފްތީ ނަސޭހަތްތެރި ވެފައިވާއިރު، ތިމާ ހިފާ ރޯދައަކީ މާތް ﷲގެ ހަޟުރަތުގައި ބަލައި ގަންނަ އަޅުކަމަކަށް ވާން ބޭނުން ނަމަ ގަޑިން ގަޑިއަށް ހުރިހާ ނަމާދެއް އަދާކުރުން މުހިންމު ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން މި ރަމަޟާން މަހުގެ ސަވާބާއި، ދަރުމަ ހޯދުމަށް ތިމާގެ އާއިލާ އާއި މެދު އޮންނަ ގުޅުން ވަރުގަދަ ކުރަންޖެހެއެވެ. އަދި އާއިލާ އާއިއެކު ވަގުތު ހޭދަކުރުން އިތުރުކުރަން ޖެހެއެވެ. ކަންކަމަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި އަދި ރަނގަޅު މީހަކަށް ވާން މަސައްކަތް ކުރަންޖެހެއެވެ. މިފަދަ ކުދިކުދި ކަންތައް ތަކަކީ މި މައްސަރުގެ ބޭނުން، އެންމެ ހެޔޮ ގޮތުގައި ހިފުމަށް ކުރެވިދާނެ ކަންކަމެވެ.

ވީމާ އަޅުގަޑުމެން އެންމެންވެސް ގަދައަޅައިމަސައްކަތް ކުރަންވީ މިފަދަ ނަސޭހަތުގައި ހިފައި މިލިބިފައިފާ ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.