ޒަޔަނިސްޓް އިސްރާއިލުން ވަނީ އެތައް ނޫސްވެރިންނެތް ޣައްޒާއިން ޝަހީދުކޮށްލައިފައި / ފޮޓޯ:ރޮއިޓާސް

ޣައްޒާގައި ނޫސްވެރިން ޝަހީދުވާރޭޓް އިންތިހާއަށް މަތީގައި، ދުނިޔެ ގަދަ ނިދިން ނިދާފައި

ހޮނިހިރު 04 މެއި 2024 | އަހުމަދު ދާއޫދު

އިއްޔެއަކީ ދުނިޔޭގައި ނޫސްވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރި ދުވަހެވެ. ދުވަހުގެ އެންމެ މުހިއްމު މަޢުލޫއަކީ ދުނިޔޭގައި ނޫސްވެރިން އަދާކުރަމުން ގެންދާ މަސްޢޫލިއްޔަތުތަކުގެ ވާހަކަތަކާއި ، އެމީޙުން އަދާކުރަމުން ގެންދާ މުހިއްމު ދައުރުގެ ވާހަކަތަކެވެ. މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކޮށްފައި މި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ނޫސްވެރިންގެ ފުރާނައަށް ވަރަށް ނުރައްކާތެރި ވަގުތެއްގައެވެ.

Advertisement


ޚާއްޞަ ގޮތެއްގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގެ ޚަބަރާއި މަންޒަރު ދުނިޔެއަށް ހާމަކޮށްދޭން ހިތްވަރާ އެކު މަސައްކަތް ކުރަމުންދާ ނޫސްވެރިންނާއި މީޑިޔާތަކުގެ މުވައްޒަފުންނަށް މިއީ ބިރުވެރި ކަމާއި ނާމާންކަމުން ފުރިފައިވާ ދުވަސްވަރެކެވެ.

"ނޫސްވެރިއެއްގެ ފުރާނަ ގެއްލުމަކީ އަޅުގަނޑުމެންގެ ފެނުމާއި އަޑުއިވުމުގެ ހިއްސު ގެއްލުން ފަދަ ކަމެއް. ނޫސްވެރިއެއްގެ ފުރާނައާ އެކު ކެނޑިގެން އެ ދަނީ، އަމިއްލަ ޙައްޤުގައި ބަސް ބުނުމުގެ ޙައްޤުން މަޙުރޫމުވެފައިވާ މީހެއް, ނުވަތަ ބަޔެއްގެ އަޑު،" ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައި އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައި ކޮމިޝަނަރު ފޮލްކަރ ތުކްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރަނީ ޙައްޤާއި ތެދުގެ އަގު ވަޒަން ކުރުމަށާއި، ތެދު މަޢުލޫމާތު ޢާންމުންނާ ހަމައަށް ތިލަކޮށްދޭން ބުރަކޮށް މަސައްކަތް ކުރަމުންދާ ނޫސްވެރިންނާއި މީޑިޔާތަކުގެ މުވައްޒަފުންގެ ޙައްޤުގައެވެ. އެ މީހުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ނިޔަތުގައެވެ.

ނަމަވެސް ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނަށް ހަ މަސް ފުރިފައިވާއިރު އެ ޢުދުވާނާއި ގަތުލުއާންމުތަކުގެ ތެދު ޚަބަރާއި މަންޒަރު ދުނިޔެއަށް ހާމަކޮށްދޭން ހިތްވަރާ އެކު މަސައްކަތް ކުރަމުންދާ ނޫސްވެރިންނަށް އޮތީ ބިރުވެރިކަމާއި ނާމާން ކަމެވެ. ފުރާނައަށް ނުރައްކަލެވެ. ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގައި މަސައްކަތް ކުރަމުންދާ ނޫސްވެރިންނާއި މީޑިޔާތަކުގެ މުވައްޒަފުންގެ ތެރެއިން 100އަށްވުރެ ގިނަ މީހުން މަރައިލާފައެވެ. އޭގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ނޫސްވެރިން ގިނައެވެ.

ނޫސްވެރިންގެ ޙައްޤުތައް ހިމާޔަތް ކުރަން ވަކާލާތުކުރާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް (ސީޕީޖޭ)އާއި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އައިއެފްޖޭ)ން މި ޢަދަދު ކަށަވަރު ކޮށްދޭއިރު ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ފާއިތުވި ހައެއްކަ މަހުގެ ތެރޭގައި ޔަހޫދީ ފައުޖުން މަރައިލާފައިވާ ނުވަތަ ޝަހީދު ކޮށްލާފައިވާ ނޫސްވެރިންގެ ޢަދަދު 140އަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ފަލަސްޠީނުގެ މުސްލިމުންނެވެ. އޭގެ މާނައަކީ ފާއިތުވި ކޮންމެ ހަފުތާއެއްގެ ތެރޭގައި ޔަހޫދީ ފައުޖުން ފަސް ނޫސްވެރިން މަރައިލާފައިވާ ކަމެވެ. ނުވަތަ ޝަހީދު ކޮށްލާފައިވާ ކަމެވެ.

"ޣައްޒާގައި މަސައްކަތް ކުރަމުންދާ ނޫސްވެރިން ހިމާޔަތް ކުރަން ޖެހޭ. އޭގެ ތެރެއިން ޣައްޒާ ދޫކޮށް ދާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ފަހިކޮށްދޭން ޖެހޭ. އަދި ބައިނަލްއަޤުވާމީ މީޑިޔާތަކުގެ ނޫސްވެރިންނަށް ޣައްޒާއަށް ދަތުރުކޮށް [ޔަހޫދީންގެ ލާއިންސާނީ ޢުދުވާނުގެ] ޚަބަރުތައް ކަވަރު ކުރުމުގެ ފުރުޞަތު ދޭން ޖެހޭ،" ރިޕޯޓަރސް ވިތްއައުޓް ބޯޑަރސް (އާރްއެސްއެފް)ގެ މެދުއިރުމަތީގެ ގޮފީގެ ވެރިޔާ ޖޮނެތަން ޑެގަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔަހޫދީ ފައުޖުން ދަނީ ޣައްޒާގައި މަސައްކަތް ކުރަމުންދާ ނޫސްވެރިންނަށް ބިރުދައްކައި ބޮޑެތި އަނިޔާތައް ދެމުންނެވެ. އޭނާ ވިދާޅުވީ ޔަހޫދީ ފައުޖުން ނޫސްވެރިންނަށް ޙަމަލާ ދެމުންދާ ކަމުގައެވެ. ނޫސްވެރިންނަށް އަނިޔާ ކުރަމުންދާ ކަމުގައެވެ. އަދި ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަލަސްޠީނުގެ މުސްލިމުން ޝަހީދު ކުރަމުންދާ ކަމުގައެވެ.

ސީޕީޖޭން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް 25 ނޫސްވެރިއަކު މަރައިލާފައިވެއެވެ. އޭގެ ތެރެއިން 20 މީހުންނަކީ ފަލަސްޠީނުގެ ރައްޔިތުންނެވެ. މީގެ އިތުރުން, ކޮލަމްބިޔާގައި ދެ ނޫސްވެރިއަކު މަރައިލާފައިވާއިރު, ޕާކިސްތާނާއި ސޫދާނާއި މިޔަންމާގައި ވެސް ނޫސްވެރިއަކު މަރައިލާފައިވެއެވެ.

2023ވަނަ އަހަރު މަރައިލާފައިވާ ނޫސްވެރިންގެ ޢަދަދު 99އަށް އަރާ ކަމުގައި ސީޕީޖޭން ބުނެއެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ފަލަސްޠީނުގެ ނޫސްވެރިންނެވެ. އެ މީހުން ޝަހީދުކޮށް, އެ މީހުންގެ އަޑު ކަނޑުވައިލާފައި ވަނީ ޔަހޫދީ ފައުޖުންނެވެ.

"ޣައްޒާގައި ޔަހޫދީ ފައުޖުން ޢުދުވާން ފެށި ފަހުން, އެ ސަހަރުގައި ހަރަކާތްތެރިވާ ނޫސްވެރިން ދަނީ ޙައްޤު ބަހާއި ތެދު ހާމަ ކުރުމަށް އެ މީހުންގެ ފުރާނައިން ޤުރުބާންވަމުން. ނޫސްވެރިއެއްގެ ފުރާނަ ގެއްލޭ ކޮންމެ ފަހަރަކު, ޙައްޤު ބަސް ބުނުމަށް, އަދި ތެދު ހާމަ ކުރުމަށް އެ ދަނީ ހުރަސް އެޅެމުން،" ސީޕީޖޭގެ ޕުރޮގުރާމު ޑިރެކްޓަރ ކަރްލޯސް މަރްތިނޭޒް ދެ ލަ ސަރްނާ ވިދާޅުވިއެވެ.

ޤައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ހާމަ ކުރުމަށް އާރްއެސްއެފުން ކޮންމެ އަހަރު ނެރޭ ވަރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ބުނާ ގޮތުން ނޫސްވެރިކަން އެންމެ ބޮޑަށް ހަނިކޮށްފައިވާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެރިޓްރިޔާއެވެ. އެއަށް ފަހު އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސޫރިޔާއާއި، އަފްޣާނިސްތާނާއި، އުތުރު ކޮރެޔާއާއި އަދި އީރާނެވެ.

އާރްއެސްއެފުން ބުނި ގޮތުގައި 2023ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 320އަށްވުރެ ނޫސްވެރިން ހައްޔަރުކޮށް ޖަލަށްލާފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ނޫސްވެރިން ހައްޔަރު ކޮށްފައި ވަނީ ޗައިނާއިންނެވެ. ޗައިނާގައި ހުސްވި އަހަރު ހައްޔަރު ކޮށްފައިވާ ނޫސްވެރިންގެ ޢަދަދު 44އަށް އަރައެވެ. އެއަށްފަހު އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މިޔަންމާއާއި، ބެލަރޫސާއި، ރަޝިޔާއާއި އަދި ވިއެޓްނާމެވެ.

ދުނިޔޭގައި ނޫސްވެރިކަމުގެ ދުވަސް ފާހަގަ ކުރަމުންދާއިރު ޣައްޒާގައި ނޫސްވެރިންނަށް ދެމުން ގެންދާ ހަމަލާތަކަށް މުޅި ދުނިޔެ މިވަނީ ކަނު ލޮލަކާއި، ބީރުކަންފަތެއް ދީފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.