ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން

ވެރިކަމުގެ ފަސްވަނަ ދައުރަކަށް ޕޫޓިން ހުވާކުރައްވައިފި

ބުދަ 08 މެއި 2024 | އަހުމަދު ދާއޫދު

ރަޝިއާގެ ރައީސް ކަމުގެ ފަސް ވަނަ ދައުރަކަށް އެގައުމުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ވްލަޑިމިއަރ ޕޫޓިން ހުވާ ކުރައްވައިފިއެވެ.

Advertisement


ރަޝިއާގެ ރިޔާސީ ގަނޑުވަރުގައި އިއްޔެ އޮތް ޕޫޓިން ހުވާ ކުރެއްވުމުގެ ހަފްލާ، އެމެރިކާ އާއި ހުޅަގުގެ ގިނަ ގައުމުތަކަކުން ވަނީ ބޮއިކޮޓް ކޮށްފައެވެ.

ފަސްވަނަ ދައުރަކަސް ހުވާކުރެއްވުމަސްފަހު ދެއްވި ތަޤްރީރުގައި ޕޫޓިން ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ "އުނދަގޫ" ހާލަތުން ރަޝިއާއިން ކާމިޔާބު ހޯދާނެ ކަމަށެވެ.

"އަހަރެމެންނަކީ އެއްބައިވަންތަ، މޮޅު ގައުމެއް. އެކުގައި އަހަރެމެން ހުރިހާ ގޮންޖެހުންތަކެއް ކަޑައްތު ކުރާނަން، އަހަރެމެން ރާވާފައިވާ ކަންތައްތައް ހާސިލް ކުރާނަން، އަދި އެކުގައި އަހަރެމެން ކާމިޔާބު ހޯދާނަން." 2،500 އެއްހާ މީހުން ބައިވެރިވި ހަފްލާގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވަނީ ހަނގުރާމައިގައި ބައިވެރިވާ ސިފައިންނަށް ޝުކުރު އަދާކުރައްވައި، އެއީ ވަތަނަށްޓަކައި ހަނގުރާމަ ކުރަމުންދާ ބަތަލުންތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އުމުރުން 71 އަހަރުފުޅުގެ ޕޫޓިން ވަނީ މާޗް މަހު ރަޝިއާގައި ބޭއްވި ރިޔާސީ އިންތިހާބު 87.28 އިންސައްތަ ވޯޓު ހޯއްދަވައިގެން ކާމިޔާބު ކުރައްވާފައެވެ. އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ރަޝިއާއިން ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމަ އާއި ދެކޮޅު ގިނަ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ކުރެވިފައިވާ ނުވާއިރު، އެ އިންތިހާބުގެ ގާނޫނީ ސައްހަ ކަމާއި މެދު އެނަލިސްޓުން ވަނީ ސުވާލު އުފައްދާފައެވެ.

ޕޫޓިން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނު ތަކެއް ހަދަން ރާވާފައިވާ ކަމަށް ރަޝިއާއިން އިއުލާން ކުރިތާ އެއް ދުވަސް ފަހުންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.