ކުޅުއްފުށި ހޮސްޕިޓަލް

ބޮޑެތި ހޮސްޕިޓަލްތަކުގެ ކިއު ކުޑަކުރަން އޯޕީޑީގެ ވަގުތު އިތުރުކުރަނީ

ބުރާސްފަތި 04 ޖުލައި 2024 | އަހުމަދު ދާއޫދު

ރާއްޖޭގެ ބޮޑެތި ރީޖަނަލް ހޮސްޕިޓަލްތަކުގެ ކިއު ކުޑަކުރުމަށްޓަކައި އޯޕީޑީގެ ޚިދުމަތްދޭ ވަގުތު އިތުރުކުރަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

Advertisement


މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މީގެ ކުރިން ރަސްމީ ގަޑީގައި އެކަނި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް ދެމުން ދިޔަ ހޮސްޕިޓަލްތަކުގައި މި މަހުން ފެށިގެން ދެ ދަންފަޅިއަށް ވަގުތު އިތުރުކޮށްފައިވެއެވެ.

މި ބަދަލު ގެނެވޭ ހޮސްޕިޓަލްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް، ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން މި ބަދަލު ގެނެސްފައިވާއިރު، އެހެން ހޮސްޕިޓަލްތަކުގައި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި އައު އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މީގެ ކުރިން މި ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުން އޯޕީޑީގައި ބަލިމީހުން ބަލަމުން ދިޔައީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. ނަމަވެސް، މި ބަދަލާ އެކު ދެ ދަންފަޅިއަށް ބަހާލައިގެން ރޭގަނޑު 10:00 އާ ހަމައަށް އެކި ބަލިތަކުގެ ޑޮކްޓަރުން ފަރުވާ ދޭނެއެވެ.

ހެލްތު މިނިސްޓްރީން ވަނީ މި ބަދަލު ގެނައުމުން ޚިދުމަތް ހޯދާ އާންމުންނަށް އެތައް ގޮތަކުން ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ފާހަގަކޮށްފައެވެ. މި ބަދަލަކީ ހޮސްޕިޓަލްތަކުގެ ކިއު ކުޑަކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.