އަލްވާރޯ މޮރާޓާ

ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާ އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ

ހޮނިހިރު 20 ޖުލައި 2024 | އަހުމަދު ދާއޫދު

ސްޕެއިންގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި މަޝްހޫރު ސްޓްރައިކަރު އަލްވާރޯ މޮރާޓާ އެތުލެޓިކޯ މެޑްރިޑް ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

Advertisement


އުމުރުން 31 އަހަރުގެ މޮރާޓާ މިލާނާއެކު ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. މި އެއްބަސްވުމުގައިވާ ގޮތުން، މިލާނަށް ބޭނުންވެއްޖެނަމަ އިތުރު އަހަރަކަށް މޮރާޓާގެ އެއްބަސްވުން އިތުރުކުރެވޭނެ އެވެ.

މޮރާޓާ ގެންނަން މިލާނުން ވަނީ އޭނާގެ ކޮންޓްރެކްޓުގައިވާ ރިލީސް ކްލޯސް ދައްކައިފަ އެވެ. އެތުލެޓިކޯ މެޑްރިޑުން މޮރާޓާގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 14 މިލިއަން ޑޮލަރެވެ.

މޮރާޓާގެ ފުޓްބޯޅަ ކެރިއަރު ފެށުނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. އޭގެފަހުން އޭނާ ވަނީ އިނގިރޭސިވިލާތުގެ ޗެލްސީ އާއި އިޓަލީގެ ޔުވެންޓަސް އަށް ކުޅެފަ އެވެ. ރެއާލް މެޑްރިޑުގައި ހޭދަކުރި މުއްދަތުގައި މޮރާޓާ ވަނީ ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ޔުވެންޓަސްގައި އިޓަލީ ލީގު ދެ ފަހަރު ހޯދި އެވެ. ޗެލްސީގައި މޮރާޓާ އެފްއޭ ކަޕް ކާމިޔާބުކުރި އެވެ.

މޮރާޓާ އަކީ މިދިޔަ ހަފްތާ ނިމުނު ޔޫރޯ 2024 ކާމިޔާބުކުރި ސްޕެއިން ޓީމުގެ ކެޕްޓަނެވެ. ޔޫރޯގައި ސްޕެއިން ކުޅުނު ހަތް މެޗުގައި މޮރާޓާ އެއް ގޯލު ޖެހި އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

މޮރާޓާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 80 މެޗު ކުޅެ 36 ގޯލު ޖަހައިފަ އެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.