ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ:ރައީސް އޮފީސް

މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު އަރިސްކުރައްވައިފި

ހުކުރު 26 ޖުލައި 2024 | އަހުމަދު ދާއޫދު

މިއަދު ފާހަގަކުރަމުންދާ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައިފި އެވެ. އަދި މިނިވަންކަމުގެ ނިއުމަތް އަބަދުމެ ދެމެހެއްޓެވުން އެދި ދުއާކުރައްވައިފި އެވެ.

Advertisement


ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. "މިނިވަންކަމުގެ މަތިވެރި ނިއުމަތް އަބަދުމެ ދެމެހެއްޓެވުން އެދި ދުއާކުރަމުން، ދިވެހިންގެ ފަހުރުވެރި މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން،" ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

މިނިވަން ދުވަހާ ގުޅިގެން މިރޭ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. ނަމަވެސް މިއަހަރު އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑެތި، ކުލަގަދަ ހަރަކާތްތައް ކެންސަލްކޮށްފައިވެ އެވެ. މީގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ބާއްވާ ދަނޑު ހަރަކާތްތަކާއި ފުޅަނދު ބުރުގެ ހަރަކާތްތައް ހިމެނެ އެވެ.

މިއަދު މާލޭގައި ހިނގާލުމެއް ބޭއްވުމަށް ރާވާފައިވީ ނަމަވެސް، މޫސުން ގޯސްވުމާ ގުޅިގެން އެ ހަރަކާތް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. މި ހިނގާލުމާ ގުޅިގެން ހަވީރު 4 އިން 6 އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ނިންމާފައިވީ ނަމަވެސް، ހިނގާލުން ކެންސަލްކުރުމާ ގުޅިގެން އުޅަނދު ދުއްވޭ ގޮތް ވަނީ ހަދާފަ އެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.