ޣައްޒާގައި އިސްރާއިލުން ހިންގަމުންގެންދާ ޤަތުލް އާއްމުގައި އެތަށްބަޔަކު ވަނީ ޝަޙީދުވެފައި

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އޮސްޓްރޭލިޔާ، ކެނެޑާ އަދި ނިއު ޒިލެންޑުން ގޮވާލައިފި

ހޮނިހިރު 27 ޖުލައި 2024 | އަހުމަދު ދާއޫދު

ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓާލުމަށް އޮސްޓްރޭލިޔާ، ކެނެޑާ އަދި ނިއު ޒިލެންޑުން ގޮވާލައިފިއެވެ.

Advertisement


މި ތިން ޤައުމުގެ ވެރިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، އިސްރާއީލުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުންތަކަށް އިޖާބަދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. މި ބަޔާނުގައި، ޢާންމު ރައްޔިތުންގެ ފުރާނައަށް ރައްކާތެރިވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުން ލާޒިމުކުރާ ކަމެއް ކަމަށާއި، ޙަމާސް ނައްތާލުމުގެ ނަމުގައި ހިންގާ ޢުދުވާނުގެ އަގު ފަލަސްޠީނުގެ ޢާންމުން އަދާކުރާކަށް ނުޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އދ.ގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ފާއިތުވި ހަފުތާގައި އިސްރާއީލާ ދެކޮޅަށް ނެރުނު އިރުޝާދީ ލަފައަށް ޖަވާބުދާރީވުމަށްވެސް މި ބަޔާނުގައި ގޮވާލާފައިވެއެވެ. އައިސީޖޭގެ ފަނޑިޔާރުން ނެރުއްވި އިރުޝާދީ ލަފާގައި، އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމާއި ފަލަސްޠީނުގެ މުސްލިމުން އަޅުވެތިކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.

އިސްރާއީލާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވީ ނަމަވެސް، މި ތިން ޤައުމުންވެސް ޣައްޒާގައި ހިނގަމުންދާ ޢުދުވާނާ ދެކޮޅު ކަން މީގެ ކުރިންވެސް ހާމަކޮށްފައިވެއެވެ. މި ބަޔާނަކީ އިސްރާއީލުގެ ޢަމަލުތަކާ ދެކޮޅަށް މި ޤައުމުތަކުން އަޑުއުފުލާ އިތުރު ފިޔަވަޅެކެވެ.

މި ތިން ޤައުމުން މިފަދަ ބަޔާނެއް ނެރެފައިވަނީ، އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވެސް ޢުދުވާންތައް ހުއްޓައިލުމަށް އިސްރާއީލަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ހެރިސް ވަނީ ޢުދުވާން ހުއްޓައިލައި، ފަލަސްޠީނުގެ ޢާންމުންނަށް އަނިޔާ ދިނުން ހުއްޓައިލުމަށް ގޮވާލައްވާފައެވެ.

މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އިސްރާއީލުގެ ޢަމަލުތަކާ ދެކޮޅަށް އިތުރަށް އަޑުއުފުލަމުންދާކަން ދައްކުވައިދޭ ހެއްކެކެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.