ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި

ދެ މިލިއަން ރުފިޔާގެ ހެރޮއިނާއެކު ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި

ހޮނިހިރު 27 ޖުލައި 2024 | އަހުމަދު ދާއޫދު

މަގުމަތީ އަގުން 2 މިލިއަން ރުފިޔާއަށްވުރެ ގިނަ އަގުހުރި ހެރޮއިނާއެކު ރާއްޖެ އައި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފިއެވެ.

Advertisement


ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ގުޅިގެން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކަސްޓަމްސްގެ ހެޑް އޮފް އިންޓެލިޖެންސް މުހައްމަދު އަފްޒަލް ވިދާޅުވި ގޮތުގައި މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ އެތެރެވާން އުޅުނު އެ މީހާގެ އަތުން ފެނުނީ 2.12 ކިލޯގެ ހެރޮއިނެވެ. އޭނާ ރާއްޖެ އައީ އަބޫދާބީންނެވެ. އަތުލެވުނު ހެރޮއިންގެ މަގުމަތީ އަގަކީ 2.1 މިލިއަން ރުފިޔާއެވެ.

ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންގެ ހެޑް، ޗީފް އިންސްޕެކްޓަރ އަހްމަދު ވަހީދު ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން އެ ޕާކިސްތާނު މީހާއާއެކު ދެ ދިވެއްސަކުވެސް ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރެވުނު ދިވެހިންގެ އުމުރަކީ 25 އަހަރާއި 40 އަހަރެވެ. އަދި އެ ދެމީހުންގެ ކުށުގެ ރެކޯޑު އެބަހުއްޓެވެ. ޕާކިސްތާނު މީހާ ރާއްޖެ އައީ ޓޫރިސްޓު ވިސާގައެވެ.

އަހްމަދު ވަހީދު އިތުރަށް ވިދާޅުވި ގޮތުގައި ހައްޔަރުކުރެވުނު މީހުންނާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ދިވެހި ޑްރަގް ނެޓްވޯކަކާ ގުޅުން އެބަހުއްޓެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ހެޑް ނާހިދު ހުސެއިން ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. މީގެ ތެރޭގައި ރަލާއި ޕާޓީ ޑްރަގްސްވެސް ހިމެނެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 116 ބިދޭސީއަކު ވަނީ ޑީޕޯޓްކޮށްފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.