ހުކުރު ހުކުރަށް ވަނީ ހުކުރު ނަމާދާއި އެކުގައި

ހުކުރު 20 މާޗް 2020

 މިއަދަކީ މާލެ ސަރަހައްދަށް އައި އެންމެ ކަޅު ހުކުރެވެ. ހެނދުނުއްސުރެ މާލޭގެ މަގުތަކަށް ވެރިވެފައި އޮތީ ފަޅު ހިމޭން ކަމެވެ. ޚަބަރުދަބަރު ނޭނގޭ މީހަކު މާލެއަށް މިއަދު ފޭބި ނަމަ އޭނާ ހީކުރާނީ އަބަދު ތޮއްޖެހިފައިވާ މިމާލޭގެ މީހުން ޖާދޫއަކުން ޣައިބުވީކަމަަށެވެ. 

Advertisement


ޖާދޫއެއް ނޫންނަމަވެސް ކޮރޯނާ ވައިރަހުގެ ބިރުވެރިކަމާއި އެކު މީހުންތައް ގޭގެއަށް ވަދެ ދޮރުލައްޕަން މަޖުބޫރުވީއެވެ، މަގުތަކާއި ޕާކުތަކާއި މައިޒާންތައް ފަޅުވީއެވެ. ކިރިޔާވެސް ހޭލަމޭލައެއް ފެންނަނީ ބަނދަރުމަތިންނެވެ. ފުރާދުއްވާ އޮޑިފަހަރުންނެވެ. 

މާލެއަށް މިއަދު އައި އެންމެ ބޮޑު ފަޅުކަމަކީ، ހުކުރުގެ ޖަމާއަތް ނެތުމެވެ. މިސްކިތްތަކުގެ މުންނާރުތަކުން ޚުތުބާކިޔާ އަޑާއި ނަމާދުގައި ޤުރުއާން ކިޔަވާއަޑު ނުއިވުމެވެ. ޖަމާއަތުގެ ނަމާދު ހުއްޓާލުމުން މިސްކިތްތަކުގެ މުންނާރުތަކުން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް އަޑު ނުއިވޭތާ މިއީ ތިންވަނަ ދުވަހެވެ. ފަރުޟުފަސް ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތަށް އަރާ މީހުން ތިބީ މޮޅިވެ ފެންކަޅިވެފައެވެ. 

މިސްކިތްތަކުގައި ހުކުރު ނަމާދުގެ ޖަމާއަތް ނުބާއްވާއިރުވެސް، މިސްކިތްތަކަށް އަރައި ފުރައިލީ ބިދޭސީންނެވެ. ޤައުމުގައި ހިންގާކަމުންކަމުގެ ޚަބަރުދަބަރު އެންމެ ރަނގަަޅަށް އެމީހުންނަށް ފޯރާފައިނެތީއެވެ. އެއީ ކޮވިޑް-19 ރާއްޖޭގައި ހާއްސަކޮށް މާލޭގައި އެބައެއްގެ ތެރޭގައި އެންމެ ބޮޑަށް ފެތުރިގެން ހިނގައިދާނެ މީހުންނެވެ، 

މާލެ ސަރަހައްދުގެ އެއްވެސް މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދުގެ ޖަމާއަތް ނުބާއްވާތީ، މީޑިއާތަކުން ގެނެސްދިނީ މާލެއާއި އެންމެ ކައިރީގައި ހިންމަފުށީގައި ކުރެވުނު ހުކުރު ނަމާދެވެ. އެއްގޮތަކުން ބަލާނަމަ ހިންމަފުއްޓަކީ މާލޭގެ ހަތްވަނަ އަވަށެވެ. އެހެންކަމުން ހުކުރު ދޫކޮށް ނުލާންވެގެން މިއަދު ހިއްމަފުއްޓަށް ހުކުރަށް ދިޔަ މީހުންވެސް ތިއްބެވެ.

މާލެ ސަރަހައްދުގައި މިއަދުގެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވި ދިޔުމުން އާއްމުންގެ ޝުއޫރުތައް އޮއްސާލީ ސޯޝަލް މީޑިއާއަށެވެ. ފަޅުވެފައިވާ މިސްކިތްތަކާއި، ބިދޭސީން އަރައި ފުރިފައިވާ މިސްކިތްތަކުގެ ފޮޓޯތައް ވައިރަލްވެގެން ދިޔައެވެ.

ރާއްޖޭގެ އެންމެ ބޮޑު މިސްކިތަކީ 1984ވަނަ އަހަރުގެ ނޮވެމްބަރުމަހު ހުޅުވުނު އިސްލާމީ މަރުކަޒެވެ. އެމަރުކަޒުގެ ދިގު 36 އަހަރުވީ ތާރީޚުގައި ހުކުރުގެ ޖަމާއަތް ނުބޭއްވި ދިޔަ މިއީ ދެވަނަ ހުކުރެވެ.

ހުޅުމާލޭގައި މީހުން އާބާދުވީއްސުރެ އެރަށުގައިވެސް ހުކުރު ނަމާދުގެ ޖަމާއަތް ނެތް މިއީ ފުރަތަމަ ހުކުރެވެ. އެހެންކަމުން މިއީ ހިތާމައިގެ ކަޅު ހުކުރެކެވެ.

ހުކުރުގެ ޖަމާއަތް މިއަދު ނެތީ ހަމައެކަނި މާލެ ސަރަހައްދުގައެއް ނޫނެވެ. މުސްލިމުންގެ ބޮޑު އާބާދީއެއް އީރާނުގައިވެސް ހުކުރެއް ނުކުރެއެވެ. ސައުދީ އަރަބިއްޔާގައިވެސް ދެހަރަމް ނޫން މިސްކިތެއްގައި ހުކުރެއް ނުކުރެއެވެ. މަސްޖިދުލްނަބަވީ އާއި މަސްޖިދުލް ހަރަމްގައި ހުކުރުގެ ޖަމާއަތް ބޭއްވީ ހުއްދަ ދެވުނު ވަރަށް މަދު މީހުންނާއި އެކުގައެވެ. އެދެމިސްކިތްވެސް މިހާރު ވަނީ އާއްމުންނަށް ޖަމާއަތުގައި ނަމާދުކުރުމަށް ބަންދުކޮށްފައެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ބުނެދެނީ މިވާހަކަތަކުންނެވެ. އިރު އެމައްޗަށް އެރި ކޮންމެއެއްޗަކަށްވުރެ ހެޔޮވެގެންވާ ދުވަހަށް އަހަރެމެން ހުކުރު ދުވަހޭ ކިޔަނީ ހުކުރު ނަމާދު ކުރާ ދުވަހަށް ވާތީއެވެ. އެކަމަކު މިހުކުރާއި އަދި ދެން އޮތް ހުކުރަކީވެސް މާލެ ސަރައްދުގައި ހުކުރު ނަމާދުގެ ޖަމާއަތް ނޯންނާނެ ހުކުރު ދުވަހެކެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.