ގައުމުން ބޭރުގައިތބި ދިވެހިން ވީހާލެއްގައިވާން ދޫކޮށެއްނުލެވޭނެ!

އަންގާރަ 12 މެއި 2020

ދުނިޔެ މިވަނީ އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް މިވަނީ ވެއްޓިފައެވެ. ޗައިނާގައި ފެތުރެންފެށި ކޮވިޑް-19 ދުނިޔޭގެ ގިނަ ގައުމުތަކުގައި  ފެތުރި، ދުނިޔޭގެ އެކި ބައްރުތަކުގައި ރަސްކަން ކުރަމުންއައި ގައުމުތައް މިވަނީ ވައިރަސްގެ ކުރިމަތީގައި ކުޑަކަކޫ ޖަހާފައެވެ.

Advertisement


އޭގެތެރެއިން ބައެއް ގައުމުތަކުގައި، ކޮވިޑ-19ފެތުރިގަނެ ފަރުވާ ނުލިބި އެތައް ހާސް ބަޔަކު މިދުނިޔެއާ ވަނީ ވަކިވެފައެވެ. ދުނިޔޭގެ އެންމެ މުއްސަނދިކަމަށް ދައުވާކުރާ ޤައުމުތަކުގެ މުއްސަނދި ކަމުގެ ފައިދާއެއް މި ހާލަތުގައި އޭގެ އެންމެ އެކަށީގެންވާ ގޮތެއްގައި ނުކުރެވެ.

ޔޫރަޕުގައި އެންމެ މުއްސަނދި އިޓަލީ، ޖަރުމަނު އަދި ފްރާންސް ފަދަ ޤައުމުތަކުގެ އާރެއްބާރެއް މިއަދަކުނެތެވެ.

އެޤައުމުތަކާއި ހިލާފަށް ރާއްޖެއަކީ މުޅި އޭޝިއާ ބައްރުގައިވެސް އެންމެކުޑަ އެއްގައުމެވެ. އަވައްޓެރި ޤައަމުތަކާއި، ދެންވެސް އެހެން މުއްސަނދި ޤައުމުތަކުގެ އެހީގައި މި ޤައުމު ކޮޅަށް ނަގާފައިވާއިރު، އާމްދަނީ ހޯދަނީ ވަރަށް މަދުވަޞީލަތްތަކެއް ބޭނުންކޮށޮގެންނެވެ.

ދިވެހިރާއްޖެއަކީވެސް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމެކެވެ. އެހެންނަމަވެސް ސުވާލަކީ ތަހުޒީބުނުވާ ބަޔަކަށް ތަރަށްޤީން ކުރާނެ ފައިދާއެއް އޮންނާނެތޯއެވެ.

ސަރުކާރުން ރައްޔިތުންނަށް އެހީވުމަށް ތަފާތު ޕެކޭޖުތައް ހަދައިގެން އަވަދިނެތި އުޅެނީ ރައްޔިތުންގެ ހާލުބެލުމުގައެވެ. ފަހަރުގައި އަދި މިހާތަނަށް ސީދާގޮތެއްގައި އެހީ ނުލިބޭ މީހަކު ހުރެދާނެއެވެ. އެހެންނަމަވެސް އެންމެ ހާލުގައި ޖެހިފައިވާ މީހާއިން ފަށައިގެން އެންމެ ފޯރާ، މުއްސަނދި މީހާއަށްވެސް ތަފާތުކުރުމެއްނެތި ކާބޯތަކެއްޗާއި، ޒަރޫރީ ހިދުމަތްތައް މެދުކެނޑުމެއްނެތި ސަރުކާރުން ފޯރުކޮށްދެއެވެ.

އެގޮތުން މިހާރު އެންމެ ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައި އޮތީ، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމާ، ރާއްޖޭގައި ތާށިވެފައިތިބި އެހެން ޤައުމުތަކުގެ މީހުން އެބައެއްގެ ޤައުމަށް ފޮނުވުމަށް ކުރާ މަސައްކަތުގެ އިތުރުން، މާލޭގައި ތާށިވެފައިތިބި އަތޮޅުތެރޭގެ ރައްޔިތުން ރަށްތަކަށް ފޮނުވުމާމެދުއެވެ.

ރާއްޖެއިން ބޭރުގައި ގިނައިން ތިބީ އާއިލާގެ އިތުރު މީހަކު ނެތި ގިނިކަންޏާ ކިޔަވަން ގޮސްތިބި ދަރިވަރުންނެވެ. މުސްތަޤުބަލުގައި މިޤައުމަށް ޚިދުމަތްކުރަން އަޒުމު ކަނޑައަޅައިގެންތިބި ޒުވާނުންނެވެ. އެކުދިން ޤައުމުން ބޭރުގައި ކިޔަވަން ހޭދަކުރާ ދުވަސްވަރު ބައްޔެއްވުމުން އަޅާލާނެ ގާތްތިމާގެ މީހަކު ނެތެވެ.

ވިސްނާށެވެ، އަހަރުމެންގެ ތެރެއިން ބައެއް ދިވެހިން އުހުތާއާއި މެދު ވިސްނާނުލާކަން ދޭހަވަނީ، މި ނުރައްކާތެރި ދަނޑިވަޅުގައި ބޭރުގައި ތިބި ދިވެހިން ވީހާލެއްގައިވާން އެޤައުމުތަކުން ނުގެނެސް ބައިތިއްބަން ފައިވިއްދާލާފައި ވުމުންނެވެ.

އެއީވެސް ހަމަ އަހަރެމެން ދިވެހިންގެ ލޭހިނގާ މިޤައުމަށް ނިސްބަތްވާ މީހުންނެވެ. އެނބުރި ޤައުމަށް އަންނަން ބޭނުންވާ ދިވެއްސަކު ހުރިނަމަ އެކަމަށް ހުރަސްއެޅުމުގެ ފުރުޞަތެއް ނޯއްނާނެއެވެ.

ރަނގަޅުވާހަކައެކެވެ. މިވަގުތު ދަތުރުފަތުރު ކުރުމަކީ އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެހެންނަމަވެސް، އާއިލާގެ މީހަކު ފެންނާނެ ދުވަހެއްނޭނގި ޤައުމާ ދުރުގައި ޤައުމުން ބޭރުކޮށްފައިވާ ބައެއްހެން ބައިތިއްބަންވީ ވަކި ކީއްވެގެންތޯއެވެ. ކޮވިޑް-19 އެމީހުންގެ ކިބައިން ފެތުރޭނެކަމަށް ބުނުމަކީ އަދި އުޒުރެއްނޫނެވެ.

ޤައުމުން ބޭރުގައި ތިބި ދިވެހިންގެ އިތުރުން، މާލެގައި ބަންދުވެފައިތިބި ބައެއް މީހުން އެމީހުންގެ ރަށަށް އެނބުރި ދިއުމަށް ދެކޮޅު ހަދާބަޔަކުވެސް އެބަތިއްބެވެ. ހަމަ އެމީހުންގެ ޝަކުވާއަކީ މާލޭގައި ބަޔަކު ބަންދުވެ އެމީހުން ހާލުގައި ޖެހިފައިވުމެވެ. ސަރުކާރުން އަޅާނުލާކަމަށް ބުނެ ތުހުމަތުތައް އެޅުވުމެވެ.

ހާލަތާއި ވަގުތަށް ހޭނި ދިވެހިންގެ ވިސްނުމާއި ފިކުރު ބަދަލުވާނީ ކޮންއިރަކުންތޯއެވެ؟

މިޤައުމަކީ އިގްތިޞާދީގޮތުން އެންމެ ކުރިއަރާފައިވާ ޤައުމެއް ނޫނެވެ، މާލީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ މިހާލަތުގައި ސަރުކާރުގެ އަމަލުތައްވެސް ހުރީ އެންމެފުރިހަމައަކަށޭ ނުބުނެވޭނެއެވެ. އެހެންނަމަވެސް ސަރުކާރު ކުށްވެރިކޮށް، އަހަރެމެންގެ އަހުންނާއި އުހުތުން ބޮލުގައި ބަލިފަތުރާކަމުގެ ތުހުމަތުއަޅުވާ އެމީހުން އެމީހުންގެ ވަޒަނުންނާއި ފަސްގަނޑުން ދުރުކޮށްލުމަކީ އަދި އެންމެ ރަނގަޅު ވިސްނުމެއްނޫނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.