ބަނޑުހައި ހޫނު ކަމުގެ ހަޅުތާލުގައި

ޖަލު ބަންދުގައި ތިބޭ މީހުން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރުމުގެ ޙުކުމް

ބުދަ 05 އޮގަސްޓް 2020

ސުވާލު: އެއްވެސް ޙައްގަކާ ނުލާ އަނިޔާވެރި ގޮތެއްގައި މީހަކު ހައްޔަރު ކުރެވިއްޖެނަމަ، އަދި ބަންދުކޮށްފައި ހުންނަ ތަނުގައި އޭނާ އާއި މެދުގައި ނުރަގަޅު ގޮތަކަށް މުޢާމަލާތް ކުރެވޭނަމަ، ބޭރުގެ ފަރާތްތަކުގެ ޙަމްދަރްދީ ހޯދުމަށާއި، އޭނާ އަށް ލިބެމުންދާ އަނިޔާތައް ލުއިކުރުމުގެ ބޭނުމުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރުމުގެ ޙުކުމަކީ ކޮބައިތޯ؟ މިގޮތަށް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުން ދަނިކޮށް މީހަކު މަރުވެއްޖެނަމަ އެމީހެއްގެ ޙުކުމަކީ ކޮބައިތޯ؟ އެމީހަކީ އަމިއްލަ ނަފްސަށް އަނިޔާވެރިވެ، ނަފްސު މަރާލި މީހަކު ކަމުގައި ވާނެތޯ؟

Advertisement


ޖަވާބު:

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ފުރަތަމަ ކަމަކީ:

ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔެ ލައްވާފައިވަނީ މުއިމިނުން އިމްތިޙާނު ކުރައްވާ އެބައިމީހުން ޠާހިރު ކުރައްވާ ތަނެއްގެ ގޮތުގައެވެ. މުއިމިނުން ވާގި އެދުމަށް އެންމެ ރަގަޅު ގޮތް ކީރިތި ގުރްއާނުގެ ސޫރަތުލް ބަގަރާގެ 153 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވާފައެވެ. ( يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّـهَ مَعَ الصَّابِرِينَ ﴿١٥٣  ) މާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."

އަނިޔާވެރި ގޮތުގައި ހައްޔަރު ކުރެވިފައިވާ ފަރާތުން ދަންނަންވީ ކަމަކީ މީގެ ކުރިން އެފަދަ ކަންތައްވަނީ އޭނާ އަށްވުރެ ބޮޑަށް ﷲ މާތް ކުރެއްވި ފަރާތްތަކަށްވެސް ކުރިމަތިވެފައި ކަމެވެ. މިޘާލަކަށް ރަސޫލު ބޭކަލުންގެ ތެރެއިން ޔޫސުފް n އަދި މިއުއްމަތުގެ ސަލަފުންގެ ތެރެއިން އިމާމް އަޙްމަދު r އާއި އެނޫންވެސް ބޭބޭފުޅުންނަށް ވަނީ މިފަދަ އިމްތިޙާނުތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

އެހެންކަމުން، ދިމާވެފައިވާ ކަންތައްތަކަށް ކެތްތެރިވެ ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދި ދަންނަވަންވާނެއެވެ. ހަމައެއާއި އެކު އޭނާ އަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރަން ޖެހޭނެއެވެ.

ދެވަނަ ކަމަކީ:

ކެއުމުން މަނާވެގަތުމަކީ ނުވަތަ ވަކި ބާވަތެއްގެ ތަކެތި ކެއުމުން މަނާވެގަތުމަކީ ވަކި ވަގުތުކޮޅަކަށް ކުރާ ކަމެއްނަމަ، އަދި އެކަމުގެ ސަބަބުން މަރުވުމާއި ހަމައަށް ނުދާނެނަމަ، ނުވަތަ އޭނާގެ ހަށިގަނޑަށް ގެއްލުމެއް ނުލިބޭނެނަމަ، އެކަމުގައި މައްސަލަ އެއް ނެތެވެ. ޚާއްޞަ ގޮތެއްގައި އެގޮތަށް ކަންތައް ކުރުމުގައި މަޞްލަޙަތެއް އޮތްނަމައެވެ. އެގޮތުން އޭނާ އާއި މެދުގައި މުޢާމަލާތު ކުރެވޭ ގޮތް ރަގަޅުވުން، ނުވަތަ ބަންދުގައި ހުންނަން ޖެހޭ މުއްދަތު ކުރުވުން ފަދަ ކަންތަކެވެ. އަދި އެކަމުގެ ސަބަބުން ހައްޔަރު ކޮށްގެން އުޅޭ މީހުންގެ އަނިޔާވެރިކަން ޢާއްމުންނަށް އެނގި އެފަރާތަށް ޕްރެޝަރ އަކަށްވާނެނަމައެވެ. ސަބަބަކީ ހަށިގަނޑަށް ގެއްލުން ނުވާނަމަ ކެއުމުން މަނާވެގަތުމަކީ ހުއްދަ ކަމެކެވެ. މިގޮތަށް ކެއުމުން މަނާވެގެން ހުންނަ ވަގުތުގައި ރޯދަ ހިފަން ނިޔަތްގަނެގެން ރޯދަ އަށް ހުރެއްޖެނަމަ އެޔާއި އެކު ރޯދަ ހިފުމުގެ ދަރުމަ އާއި ޘަވާބުވެސް ލިބޭނެއެވެ.

ނަމަވެސް، ކެއުމުން މަނާވެގަނެގެން ހުރުމުން އޭނާ މަރުވެދާނެ ކަމަށް ހީވެއްޖެނަމަ، ނުވަތަ ހަށިގަނޑަށް ގެއްލުންތަކެއް ވެދާނެ ކަމަށް ލަފާކުރެވޭނަމަ، ކެއުމުން މަނާވެގެގަނެގެން ހުންނަ ހުރުން އެއީ ޙަރާމް ކަމެކެވެ. އެކަމަކީ ﷲ ޙުރުމަތްތެރި ކުރެއްވި ނަފްސެއް ޙައްގަކާ ނުލާ މަރާލުމެވެ. އެމީހެއްގެ އަމިއްލަ ނަފްސުނަމަވެސް މަރާލުމުގެ ޙައްގު އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. ސޫރަތުލް ބަގަރާގެ 195 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ   ) މާނައަކީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!”  އަދި ސޫރަތުއް ނިސާގެ 29 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَقْتُلُوا أَنفُسَكُمْ ۚ  ) މާނައަކީ: "އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ!"

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا)) صحيح مسلم، (1 / 282) މާނައަކީ: ""ތިބާގެ ނަފްސު ދަގަނޑު އެއްޗަކުން (ވަޅިއެއް ފަދަ އެއްޗަކުން) ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް އެފަދަ އެއްޗަކުން އޭނާގެ ބަނޑަށް ހަރައިހަރައި (އޭނާ އޭނާގެ ނަފްސު ގަތުލު ކުރި ގޮތަކަށް) ހުންނާނެއެވެ. އަދި ވިހައެއް ބޮއެގެން ތިބާގެ ނަފްސު ގަތުލު ކުރި މީހަކު ނަމަ އަބަދުގެ އަބަދަށް ޖަހަންނަމައިގެ އަލިފާނުގައި ވިހަ ބޮއެބޮއެ ހުންނާނެއެވެ. އަދި ފަރުބަދައަކުން ފުންމާލައިގެން ތިބާގެ ނަފްސު ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް ތިބާގެ ނަފްސު މަތިން ވައްޓާލައިގެން ގަތުލު ކޮށްކޮށް ހުންނާނެއެވެ."

ޝަމްސުލް އައިއްމާ އައްސަރަޚްސީ އަލްޙަނަފީ އަސީރުންގެ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ. "އޭނާގެ އަމިއްލަ ނަފްސު މަރާލައިގެން އަދި މަރާލުމަށް އެހީތެރިވެގެންވެސް ނުވާނެއެވެ." (ޝަރްޙުއްސިޔަރުލް ކަބީރް 4/1498)

އަބޫބަކްރުއްރާޒީ އަލްޖައްޞާޞުލް ޙަނަފީ r ވިދާޅުވެފައިވެއެވެ. "އެމީހަކު މަރުވުމާއި ހަމައަށް ދާންދެން މުބާޙްކަމެއް ދޫކޮށްލައިގެން ހުރެއްޖެމީހާ އެވަނީ އޭނާގެ އަމިއްލަ ނަފްސު ގަތުލުކޮށްފައި ކަމަށާއި، އޭމީހާ އެވަނީ އަމިއްލަ ނަފްސު ހަލާކުކޮށްލާފައި ކަމާއި މެދުގައި ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ކެއުމުން މަނާވެގެން ހުއްޓާ މަރުވެއްޖެމީހާ އެވަނީ ﷲ އަށް އެރުދުމެއްގެ މަތީގައެވެ." (އަޙްކާމުލް ގުރްއާން 1/177)

އަލްގިރާފީ އަލްމާލިކީ r ވިދާޅުވެފައިވެއެވެ. "ކެއުމާއި ބުއިމުން މަނާވެގެން ހުއްޓާ މަރުވެއްޖެ މީހާ އަކީ ފާފަވެރި އެކެވެ. އޭނާ އަކީ އަމިއްލަ ނަފްސު ގަތުލުކޮށްލާފައިވާ މީހެކެވެ." (އަލްފުރޫގް 4/183)

ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން r އާއި ސުވާލު ކުރެވުނެވެ. ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރުމާއި ބެހޭ ގޮތުން ދެކިލައްވަނީ ކިހިނަކުންތޯއެވެ؟ ވަރަށް ގިނައިން ރޭޑިއޯތަކުން އިވޭ، އަދި ނޫސްތަކުން ކިޔާ ޚަބަރުތަކުގައި ބަޔަކު މީހުން ކަމަކާއި ގުޅޭ ގޮތުން އިޙްތިޖާޖް ކުރުމުގެ ގޮތުން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރާ ވާހަކަ އިވެއެވެ. ގިނަފަހަރަށް މިފަދަ ކަންތައް ހިނގަނީ ޖަލުގައި ހައްޔަރު ކުރެވިފައިވާ މީހުންގެ ތެރޭގައެވެ. މިގޮތަށް މަރުވާ މީހުންގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބުގައި ވިދާޅުވިއެވެ.

"ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނިކޮށް މަރުވެއްޖެ މީހާ އަކީ އަމިއްލަ ނަފްސު ގަތުލުކޮށްފި މީހެކެވެ. އަދި އެމީހަކީ ﷲ ނަހީ ކުރެއްވި ކަމަކަށް އަރައިގަނެފައިވާ މީހެކެވެ. ސޫރަތުއް ނިސާގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَ‌حِيمًا   ) މާނައަކީ: "އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ." ކެއުމާއި ބުއިމުން މަނާވެގަތުމަކީ މީހާ މަރުވެދާ ފަދަ ކަމެކެވެ. އެހެންކަމުން މިފަދަ ކަމެއް ކޮށްގެން މަރުވެއްޖެމީހާ އެވަނީ އަމިއްލަ ނަފްސު ގަތުލުކޮށްފައެވެ.

ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރިނަމަވެސް މަރުވާ ދަރަޖަ އަށް ނުގޮސް ނިންމާލާނަމަ މައްސަލަ އެއް ނެތެވެ. ޚާއްޞަ ގޮތެއްގައި ނިގުޅައިގަނެވިފައިވާ އޭނާގެ ޙައްގުތައް ލިބެން އޮތް ހަމައެކަނި މަގަކީ އެއީ ކަމަށް ވަނީނަމަ އެގޮތަށް ކަންތައް ކުރުން މައްސަލަ އެއް ނެތެވެ. ނަމަވެސް، މަރުވަންދެން ނުކައި ނުބޮއި ހުރެގެން ނުވާނެއެވެ. (މަޖްމޫޢު ފަތާވާ ވަރަސާއިލް އަލް ޢުޘައިމީން 25/365.)

އަދިކިއެއްތަ، ޖަލު ބަލަހައްޓާ ފަރާތުން އޭނާ އަށް ކާންދެނީ މޮޅަތަކެތި ފަދަ ޙަރާމް އެއްޗެހި ކަމަށްވީނަމަވެސް، މަރުވަންދެން ނުކައި ނުބޮއި ހުރުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ ގަޞްދުގައި މަރުވަންދެން ނުކައި ނުބޮއި ހުރުމަކީ އަމިއްލަ ނަފްސު މަރާލުން ފަދަ ކަމަކަށްވާތީވެއެވެ.  ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ r ވިދާޅުވެފައިވެއެވެ. "ޟަރޫރީ ޙާލަތުގައި ކެއުމަކީ ވާޖިބު ކަމެކެވެ." މަސްރޫގު r ވިދާޅުވިއެވެ. "މޮޅަތަކެތިކާން މަޖްބޫރުވެ ނުކައި ހުއްޓާ މަރުވެއްޖެ މީހާ ދާނީ ނަރަކައަށެވެ." (އަލްފަތާވާ އަލްކުބްރާ 5/547).  والله أعلم.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.