ޑރ ޖަމީލެވެ. މިސަރުކާރަށް ގައު ނުއުއްކަވައި ނަފުސު ހިސާބުކޮށްލައްވާށެވެ.

އަންގާރަ 29 ސެޕްޓެމްބަރ 2020

ރާއްޖޭގެ ސިޔާސީ މައިދާނުން ތަފާތު އެތައް ޝަޚުސިއްޔަތެއް ފެނިއްޖެއެވެ. އޭގެ ތެރެއިންވެސް މިހާރު ދިރިތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ މަޤުބޫލު ޝަޚުސިއްޔަތު ތަކަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައީސް ނަޝީދާއި، ރައީސް މައުމޫނާއި، ރައީސް ޔާމީނާއި، ވިޔަފާރިވެރިންގެ ތެެރެއިން ޤާސިމް އިބްރާހިމާއި، އަބުދުﷲ ޖާބިރާއި، އަހުމަދު ސިޔާމު މުހައްމަދެވެ. ހަމަގައިމުވެސް ސިޔާސީ މައިދާނުގެ ކުޅިފަހަށް ބަލާއިރު، ފުރަތަމަ އެގާރައިގައިވެސް ޑރ.ޖަމީލު ލައްވާލައިފާނެ ކަމަށް އެއްބަސްވާނެ މީހަކު މަދުވާނެއެވެ. 

Advertisement


ޑރ. މުހައްމަދު ޖަމީލަކީ ޢިލްމީ ބޭފުޅެކެވެ. ފޮތުން ކިޔަވައި ދަސްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެކަމަކު ކިތަންމެ ޢިލްމީ މީހަކަށްވެސް، ދުނިޔޭގެ އާޖުފާޖު އެނގިވަޑައި ނުގަންނަވާނަމަ، މީހުންނާއި ގުޅިގެން އުޅުއްވާން ނޭނގޭނަމަ، އެމީހެކޭ ފޮތް އަރުވާފައިވާ ލޮރީއެކޭ އެއްވެސް ތަފާތެއް ނެތެވެ.

ޑޮކްޓަރ ޖަމީލް ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް މައުމޫނެވެ. އެކަމަކު އެއީ ރައީސް މައުމޫނަށް ހެއްދެވުނު ގޯހެއްކަން ޚުދު އެމަނިކުފާނަށްވެސް ޤަބޫލުކުރެއްވުނީ، 2008ގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ ވަޑައިގެންނެވުމުންނެވެ. 

ޑރ. ޖަމީލުގެ ބަލި ފަޔަކީ، ކެތްތެރިކަން ކުޑަވުމެވެ. ދުރަށް ނުވިސްނަވައި އަޅުއްވާ ފިޔަވަޅުތަކެވެ. ދަރުބާރުގޭގައި ބޭއްވި މިނިވަން ބަހުސްގައި، އޯޑިއަންސްގައި ތިބި މީހުން އަޑުގަދަ ކުރައްވާތީ ކެތް ނުކުރެވުނު ހިސާބުން، ޑރ.ޖަމީލާއި މެދު އެތައް ބަޔަކު ގޮތް ނިންމަވައިފިކަން އެމަނިކުފާނަށް ވިސްނި ވަޑައިގެންނެވިނަމަ، ފަހަރުގައި އެމަނިކުފާނުގެ ސިޔާސީ ހަޔާތާއި މެދު މިނޫން ދުވަހެއް ފެނުނީސް ކަންނޭނގެއެވެ.

ޤައުމީ ޕާޓީ ހައްދަވައި ޑރ. ހަސަން ސައީދާއިއެކު ފެއްޓެވި ސިޔާސީ މަސައްކަތުގައިވެސް ކުރި ނުހޯއްދެވި، އެޕާޓީ އުވި ދިޔައީއެވެ. ޕީޕީއެމްގެ ތެރެއިން ރައީސް ޔާމީނާއެކު ވަޑައިގެން 2013 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޑރ. ޖަމީލު ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. ރައީސް ޔާމީނަށްވުރެ ގިނަ ތަންތަނަށް ވަޑައިގެން ރައީސް ޔާމީނަށްވުރެ ގިނަ މީހުންނާއި ބައްދަލު ކުރެއްވިއެވެ. ފަހަރުގައި ޕީޕީއެމްގެ ސިޔާސަތާއިއެކު ރައްޔިތުންގެ ގާތުގައި އެންމެ ގިނަ ވައުދުތައްވެސް ވެވަޑައިގެންނެވީ، ޑރ. ޖަމީލުކަމުގައި ވެދާނެއެވެ.

ޑރ. މުހައްމަދު ޖަމީލު އަހުމަދު ޕޯޑިއަމްތަކުގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން، އެންމެ ގިނަ ބަޔަކު ހަނދާން ހުރީ، "އިންތިޚާބު ވިޔަސް ހަވާލު ނުކުރާނަން" ކަމަށް ވިދާޅުވި ބަސްފުޅެވެ. އެކަން އެހެންވީވެސް އެއީ ޑރ. ޖަމީލު ވިދާޅުވި ބަސްފުޅަކަށްވީމައެވެ. ޑރ. ޖަމީލަކީ ޤާނޫނުތައް ދެނެވަޑައިގަންނަވާ ޢިލްމީ ބޭފުޅަކަށްވީމައެވެ. ޑރ. ޖަމީލު ވިދާޅުވި އެބަސްފުޅަކީ، ބާޒާރުމަތީގައި އުޅޭ މީހަކުވެސް ނުބުނާނެ ވާހަކައަކަށް ވީމައެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އެވެރިކަމުގެ ތެރޭގައި ހިނގާދިޔަ ހުރިހާ ކަންކަމެއް ދެކެވަޑައިގެންނެވުމުގައި ޑރ. ޖަމީލު ހުންނެވިއެވެ. އެކަމަށް ފަހުން ހެކިވެވަޑައިގެންނެވިވެސް މެއެވެ. ޑރ. ޖަމީލުގެ އިސްތަށިފުޅުގައި އެޅުނީ، ރައީސް ޔާމީނުގެ ނައިބަކަށް ހުންނަވައި، ބަޣާވާތެއް ކުރައްވަން އުޅުއްވުމުގެ ތުހުމަތެވެ. ސަރުކާރުގެ ތެރެއިން ކުރިމަތިވަމުން އައި ފިއްތުންތަކާއި ހެދި ޤައުމު ދޫކުރައްވައި ޑރ. ޖަމީލު ވަޑައިގެންނެވީވެސް މަޤާމުގައި ހުންނަވައިގެންނެވެ. ހަމައެއް އުސޫލެއްނެތި ނަމަވެސް މަޤާމުން ވަކިކުރެއްވިއިރު، ސިޔާސީ ހަނގުރާމައިގެ އެމައިދާނަށް ނުކުންނެވުމަށް، ރާއްޖެ ވަޑައިގެންނެވުމަށް ކެރިވަޑައިނުގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ. ރައީސް ޔާމީނުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ގުޅި ސަރުކާރާއި ދެކޮޅަށް ބަސްފުޅު ވިދާޅުވާން ފެއްޓެވީ، އެ ހިސާބުންނެވެ. 

ރައީސް ޔާމީނަކީ، އަނިޔާވެރިއެއްކަމުގައި ޑރ. ޖަމީލު ވިދާޅުވިއެވެ. ރައީސް ޔާމީނުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވަމުން ލައިވް ޓީވީގައި ޑރ. ޖަމީލު ކީރިތި ކުރެއްވިއެވެ. އާއިލާގެ ބޭފުޅަކު ނިޔާވީމާ މޫނު ދެކެން ވަޑައިގަންނަވާނެ ފުރުޞަތެއްވެސް ލިބިވަޑައެއް ނުގެންނެވިއެވެ. އެމްއެމްޕިއާރްސީގެ ޚިޔާނާތުގައި ރައީސް ޔާމީނުގެ ބައިވެރިވުން އޮތްކަމުގައި ވިދާޅުވެ، ރައީސް ޔާމީނު ދިގު މުއްދަތަކަށް ޖަލަށް ލައްވަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އެދުވަސްވަރު ރާއްޖެއިން ބޭރުގައި ހުންނަވައި ޑރ. ޖަމީލު ޖުމުހޫރީ ޕާޓީއާއިވެސް ގުޅިވަޑައިގެންނެވިއެވެ.

ޑރ. ޖަމީލު އެނބުރި ރާއްޖެ ވަޑައިގެންނެވީ، ރައްޔިތުން ނުކުމެ ރައީސް ޔާމީނު ވެރިކަމުން ބޭލުމުންނެވެ. ސިޔާސީ ހުރިހާ އެންމެން ކުޅުނު ހުރިހާ ކުޅިއެއްގެ މައްޗަށް ރައީސް ޔާމީނު ކުރި ހޯއްދެވިއެވެ. މަޖިލިސް ތެރެއިންނާއި ކޯޓު ތެރެއިންނެވެ. އެމަނިކުފާނު ބަލިވެ ވަޑައިގެންނެވީ، ރައްޔިތުންނާއި ޖެހުނީމައެވެ. ރައްޔިތުންގެ ހަތިޔާރަކީ، ވޯޓު ކަރުދާސްކޮޅެވެ.

ޑރ. ޖަމީލުވެސް ވިދާޅުވި ފަދައިން ރައީސް ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަމާއި ނޭނގާނީ ކަމަށް ކެތްނުވެ ރައްޔިތުން ރައީސުލްޖުމުހޫރިއްޔާގެ މަޤާމަށް އިބުރާހިމް މުހައްމަދު ޞާލިޙް އިންތިޚާބު ކުރެއްވީ، ރައީސް ނަޝީދު ދައްކަވައި ދެއްވި މިސްރާބާއިއެކު ރައްޔިތުންގެ ހިތުގެ ލޯތްބާއި އެކުގައެވެ. އެކަމަކު މިވެރިކަމަށް އެންމެ ދޮޅުމަސް ތެރޭގައި ޑރ. ޖަމީލު މިސަރުކާރާއި ދެކޮޅަށްވެސް ނުކުންނަވައިފިއެވެ.

Image

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުކުންނަވައި، ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެއްވުނު ހިސާބުން ޑރ. ޖަމީލު މިސަރުކާރާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރައްވައިފިއެވެ. އެކަމަކު އެދާއިރާއަށް ނުކުންނެވި އިރުވެސް ޑރ. ޖަމީލަށް އެދާއިރާއިން ގޮނޑި ކާމިޔާބު ނުކުރެއްވޭނެކަން ދިރާސާކުރާ ފަރާތްތަކުން މާދުރާލައި ހާމަކުރިއެވެ. އެކަމަކު ޑރ. ޖަމީލު އެކަން ޤަބޫލުފުޅު ކުރައްވަން ބޭނުންފުޅެއް ނުވިއެވެ. އެހެންކަމުން ނައިބު ރައީސްކަން ކުރެއްވުމަށްފަހު، އެންމެ 5000 މީހުން ހަމަނުވާ ދާއިރާއެއްގެ އިންތިޚާބުން ބަލިވެ ވަޑައިގެންނެވުމަކީވެސް ސިޔާސީ ގޮތުން ހުތުރެކެވެ.

މިހާރު ޑރ. ޖަމީލަކީ އެމނިކުފާނު އަނިޔާވެރިކަމުން ކުރި އަސަރުން ކީރިތިކުރައްވަން ޖެހިވަޑައިގެންނެވި، ރައީސް ޔާމީނު ޖަލުން ސަލާމަތްކޮށްދެއްވަން މަސައްކަތް ކުރައްވާ އެމަނިކުފާނުގެ ޤާނޫނީ ވަކީލެވެ. އެހެންކަމަށްވާނަމަ، އެމަނިކުފާނު ވެރިކަމުގައި ހުންނަވަނިކޮށް ޖަމީލު ރައީސް ޔާމީނަކީ ވަގަކަށް، އަނިޔާވެރިއަކަށް ޚުދުމުހުތާރު ޑިކްޓޭޓަރަކަށް ހައްދަވައި ދެއްކެވިހާ ވާހަކަތަކަށްވީ ކީއްބާވައެވެ. ކޯޓުތަކުގައި ޑރ. ޖަމީލު ރައީސް ޔާމީނުގެ ދިފާއުގައި ނުކުންނަވައި، ރައީސް ޔާމީނުގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވައިފިނަމަ، އެއާއިއެކު އެކީގައި އެސާބިތުކޮށްދެވުނީ، ޑރ. ޖަމީލަކީ ކުށްވެރިއެއް ކަމެވެ. ރައީސް ޔާމީނަށް ތުހުމަތުކޮށް، އެމަނިކުފާނުގެ އިސްތަށިފުޅުގައި ޑރ.ޖަމީލު އެޅުވި ކޮރަޕްޝަންގެ ތުހުމަތުތަކަކީ އަސްލެއްނެތް ކަމެއްކަމަށް ވެއްޖެނަމަ، ޑރ. ޖަމީލު ރައީސް ޔާމީނާއި މެދު ދެއްކެވި ވާހަކަތަކުގެ މައްޗަށް ޑރ. ޖަމީލަށް ދައުވާކުރެވެން ވާނެއެވެ. ހީވަނީ ޕީޕީއެމްގެ ތެރެއިން ކޮންމެވެސް ބަޔަކު އެކަންވެސް ކުރާނެ ހެންނެވެ.

Image

މިއަދު ޑރ. ޖަމީލަކީ ޕީޕީއެމްގެ އެޑްވައިޒަރެކެވެ. ރައީސް ޔާމީނުގެ ޤާނޫނީ ވަކީލެކެވެ. އިދިކޮޅު ލީޑަރު ހެއްދެވިގެން ސަރުކާރަށް ގައު އުކަން ހުންނެވި ބޭފުޅާއެވެ. އެކަމަކު، ޕީޕީއެމްގެ އާއްމު މެމްބަރުންގެ ތާއީދު ހޯއްދަވައިގެން 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ޑރ. ޖަމީލަށް ހޯއްދެވިދާނެ ބާވައެވެ. އެފުރުޞަތު ޕީޕީއެމްގެ އާއްމު މެމްބަރުން ޑރ. ޖަމީލަށް ދެއްވާނެ ބާވައެވެ. ޑރ. ޖަމީލު ރައީސް ޔާމީނުގެ ސަރުކާރާއި ދެކޮޅަށް ކުރެއްވި މަސައްކަތް އެޕާޓީގެ މެމްބަރުން ހަނދާން ނައްތާލައްވައިފާނެ ބާވައެވެ.

ޑރ. ޖަމީލު މިސަރުކާރާއި ދެކޮޅުވީ، ޕީޕީއެމްގެ ތެރެއިން މަޤުބޫލުކަން ހޯއްދަވައި ސިޔާސީ ގޮތުން ކުރިއަށް ވަޑައިގެންނެވުމުގެ އުއްމީދުގައެވެ. އެހެންކަމުން ސާބިތެއް ނެތް ވާހަކަަތައް ނުވަތަ ދެކޮޅު ނުޖެހޭ ވާހަކަފުޅުތައް ދައްކަވައިގެން ނަމަވެސް މަޤުޞަދު ހާސިލް ކުރެވޭތޯ އެބަ ބައްލަވައެވެ.

"މަދު ދުވަސްކޮޅެއްގެ ތެރޭގައި ދައުލަތުގެ ނިޒާމް ތަޣައްޔަރުވެއްޖެ. ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް. ޚިޔާނާތް ފެޝަނަކަށްވެއްޖެ. ބޮޑެތި ތުހުމަތުކުރެވޭ ފަރާތްތައް ތިބީ އަމިއްލައަށް ގޮތް ނިންމަން ދޫކޮށްލާފައި. ސަރުކާރަށް ކޮރަޕްޝަން އޯކޭވެ، ދެކޮޅަށް އަޑުއުފުލާ މީހުން ގޯސްވެއްޖެ." ޑޮކްޓަރ ޖަމީލު މިސަރުކާރާއި ދެކޮޅަށް ކުރެއްވި ޓުވީޓެއްގައި ލިޔުއްވިއެވެ.

ޑރ. ޖަމީލުގެ ޓުވީޓާއި ގުޅިގެން އެމަނިކުފާނަށް އެތައް ބަޔަކު ރައްދު ދިނީ އެމަނިކުފާނަށް މާޒީ ހަނދާންކޮށްދެމުންނެވެ. ކުރިން ދެއްކެވި ވާހަކަފުޅުތަކާއި އަމަލުކުރެއްވި ގޮތްތައް ހަނދާންކޮށްދެއްވަމުންނެވެ.

ޑރ. ޖަމީލަށް ރައީސް މައުމޫނުވީ ޑިކްޓޭޓަރަކަށެވެ. ރައީސް ނަޝީދުވީ، ލާދީނީ ބޭފުޅަކަށެވެ. ރައީސް ޔާމީނުވީ، ޖައްބާރަކަށެވެ. ޑރ. ޖަމީލަށް އެއްވެސް ބޭފުޅަކާއިއެކު އެއްގޮތެއްގައި ދެމިއެއް ނުހުންނެވުނެެވެ. އެއްޕާޓީއެއްގައި ނުހުންނެވުނެވެ. ދޫފުޅުން ވިދާޅުވާ ބަސްފުޅުގެ އަގެއްވެސް ނުހިފެހެއްޓެވުނެވެ. ވީމާ، ރައީސް އިބުރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރާއި ދެކޮޅަށް، އިދިކޮޅު ލީޑަރު ހެެއްދެވިގެން ޑރ. ޖަމީލު ނުކުންނެވުމަކީ، މެންދުރުގެ އިރަށް ދުނި އުއްކެވުމެވެ. އެހެންކަމުން، ސިޔާސީ މައިދާނުގައި ދެމި ހުންނެވުމަށް ބޭނުންފުޅުވާނަމަ ޑރ. ޖަމީލަށް ޖެހިވަޑައިގަންނަވާނީ، އަމިއްލަ ނަފުސު ހިސާބު ކޮށްލައްވާށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.