މަރު ވަނީ ދާދި ގާތުގައި

މަރާއި އޭގެ ސަކަރާތަށް ބިރުން ތިބާއަށް ނުރޮވޭ ހެއްޔެވެ؟

ބުރާސްފަތި 01 ޖުލައި 2021 | އަޒުރާ

ހަމަ ކަށަވަރުން މަރަކީ ކޮންމެ އިންސާނަކުވެސް މިދުނިޔޭގައި ކުރިމަތިލާނެ އެންމެ ފަހުގެ އިމްތިޙާނެވެ. އަދި ކޮންމެ ތާކު އިންސާނާ ހުރިކަމުގައި ވީނަމަވެސް މަރު އެމީހަކާ ބައްދަލު ކުރާނެއެވެ. މަރަށް ފިލަން ނުވަތަ މަރުން ސަލާމަތް ވާން އިންސާނާއަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް ހިތާމަޔަކީ ބުއްދި ދެއްވާފައިވާ އިންސާނާ މަރާމެދު ވިސްނާ ނުލާކަމެވެ. ދުނިޔެ ދައްކަމުންދާ މަންޒަރުތަކަށް ހެއްލި ޣާފިލުވެ ތިބޭ ކަމެވެ. ދުނިޔޭގެ ދިރިއުޅުމަކީ ހާދަ ކުޑަ ވަގުތު ކޮޅެކެވެ. ނަމަވެސް މި ދިރިއުޅުމުގެ މަޖަލާ، މުއްސަނދިކަމާ އަދި ޒީނަތްތެރި ކަމަށް ހެއްލި މަރު މަތިން ހަނދާން ނައްތާލައެވެ.

Advertisement


ހަމަ ޔަގީނުންވެސް ދުނިޔޭގެ ދިރިއުޅުމަކީ ކެހިވެރި ކަމުގެ ސާލެކެވެ. ދެއްކުންތެރިކަން އެ އިންސާނާ ވަށާލެވިފައިވެއެވެ. ހީވާކަހަލައެވެ. މަރު އެއީ އެއްވެސް ކަމެއް ނޫންނެވެ. ނަމަވެސް އަޅަމެންގެ މާތް ރަސޫލާ މުހައްމަދު (ސއވ) ހަދީސް ކުރައްވާފައިވެއެވެ.

 ހަމަކަށަވަރުން ކައްވަޅަކީ އާޚިރަތުގެ ފުރަތަމަ މަންޒިލެވެ. ފަހެ އެއިން ސަލާމަތް ވެއްޖެނަމަ އޭގެ ފަސް، އެއައްވުރެ ފަސޭހަވާނެ އެވެ. ނަމަވެސް އެއިން މިންޖު ނުވެއްޖެނަމަ އޭގެފަސް މާ ގަދަފަދަ ވާނެއެވެ. ކައްވަޅައްވުރެ ބިރުވެރިކަމާއި ގަދަފަދަކަން ބޮޑު އެއްވެސް މަންޒަރެއް އެކަލޭގެފާނު ދުނިޔެއިން ދެކެވަޑައިގެންފައެއްނުވެއެވެ.

މަލަކަލްމައުތުގެފާނު މަރުހިއްޕަވާ ވަގުތުގެ ބިރުވެރި ކަމާމެދު ވިސްނާލަމާތޯއެވެ. ހަމަ ކަށަވަރުންވެސް މަލާއިކަތްބޭކަލުން އެކަމުގައި ފަރުވާކުޑަ ނުކުރައްވަވާނެއެވެ. މަރުހިއްޕަވާ ވަގުތު ފުރާނަ ހަށިގަނޑާއި ވަކިވެގެން ދާ ހިނދު ސޯލިހު އަޅުންނާއި، ކާފިރުން މަރު ތަހައްމަލް ކުރަނީ ދެގޮތަކަށެވެ. ސޯލިހު އަޅާގެ ފުރާނަ އޭނާގެ ހަށިގަނޑާއި ވަކިވެގެންދަނީ ފެން ކަންވާރަކުން ފެންތިއްކެއް އޮހިގެން އަންނަ ފަދައިންނެވެ. އަދި އޭނާއާއި ކުރިމަތިވާ ތިން ސުވާލައް ފަސޭހަ ކަމާއިއެކު ޖަވާބު ދޭނެއެވެ. ނަމަވެސް ކާފަރު އަޅާގެ ފުރާނަ އޭނާގެ ހަށިގަނޑުން ވަކިވެގެން އަންނަނީ ވޭންދެނިވި ގޮތަކަށެވެ. އަދި އުޑާއި ބިމާއި ދެމެދުގައިވާ ކޮންމެ މަލާއިކަތަކު އޭނާއަށް ލަޢުނެއްލައްވަވާނެއެވެ.

އަޅުގަނޑުމެން ވިސްނަންވީ ދުނިޔޭގެ މި ކުޑަވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތެކެވެ. ސަބަބަކީ ހަމަގައިމުވެސް އަޅުގަނޑުމެން އެއްކުރާ މުދާތައް ދޫކޮށް ގެންދަން ލިބޭނެ ހަމައެކަނި އެއްޗަކީ އަޅުގަނޑުމެންނަށް ކުރެވޭ ހެޔޮ ޢަމަލެވެ.އެހެންކަމުން މަރު ހަނދުމަ ކުރުން ގިނަކުރާށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.