
ނިތޭޝް ތިވާރީގެ އާ ފިލްމަށް ވަރުން އާއި ޖާންވީ
ޑަންގަލް، ޗިޗޯރޭ ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން މަޝްހޫރު ޑައިރެކްޓަރ ނިތޭޝް ތިވާރީގެ އާ ފިލްމަށް ވަރުން ދަވަން އާއި ޖާންވީ ކަޕޫރު ސޮއިކޮށްފިއެވެ.

ނިތޭޝް ތިވާރީ އާ ފިލްމެއް ހަދަން ނިންމީ، ހިންދޫންގެ އެންމެ ޒަމާންވީ ސާންސްކްރިތް ވާހަކަތަކުގެ ތެރޭގައި ހިމެނޭ ހިޔާލީ ތާރީހީ އެއް ވާހަކަ ކަމަށްވާ "ރަމަޔާނާ"ގެ މައްޗަށް އޭނާ ތައްޔާރުކުރާ ފިލްމުގެ މަސައްކަތްތައް އަންނަ އަހަރު މެދުތެރޭގައި ފެށޭގޮތް ނުވުމުންނެވެ. އެ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ރިތިކް ރޯޝަންއާއި ރަންބީރު ކަޕޫރު އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވުމުން، އެ ފިލްމުގެ ޝޫޓިން ފެށޭވަރުވާނީ އަންނަ އަހަރު ނިމޭކޮޅުއެވެ.
ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވާއިރު، މި ފިލްމަކީ ލޯބީގެ ފިލްމެއް ކަމަށް ބައެއް ފަރާތްތަކުންވަނީ ރިޕޯޓްކޮށްފައެވެ. މި ފިލްމުގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، ވަރުން އާއި ޖާންވީގެ އިތުރު ފިލްމުތަކެއްގެ ޝޫޓިންވެސް އަންނަ އަހަރަށްވަނީ ޝެޑިއުލް ކޮށްފައެވެ.