
ރަމަޟާން މަހުފަހު 10 އެއްގައި ހެޔޮ އަމަލު އިތުރުކުރޭ
ރަހުމާނުވަންތަ ﷲ ގެ އޯގާވަންތަ ކަމުން އަޅުގަނޑުމެންނަށްޓަކައި ފަހު ދިހައިގެ ތެރޭގައި ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައިވެއެވެ. އެއީ ލައިލަތުލްޤަދުރި ވިލޭރެއެވެ.

ﷲ ތައާލާ އެރޭގެ އަޅުކަން 1000 މައްސަރަށްވުރެ މާތް ކުރެއްވިއެވެ. އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރެވެ. އަޅުގަނޑުމެން 83 އަހަރު ދުނިޔޭގައި އުޅުނު ކަމުގައިވިޔަސް، އެ މުއްދަތުގެ މަދު އިންސައްތައެއް މެނުވީ، އަޅުގަނޑުމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެއެވެ. އެހެންކަމުން އެރެއަކީ ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން އަޅުގަނޑުމެންގެ ހިތަށް ނުގެނެވޭފަދަ ދީލަތިވަންތަ ބަރަކާތްތެރި ދެއްވުމެއްކަން ޔަގީނެވެ.
ﷲ ތައާލާ ތައާލާ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމައްދާންދެން، އަމާންކަމާއި، ސަލާމަތްތެރިކަން ލިބިގެންވާ ރެއެކެވެ"
ފަހު ދިހައިގައި ހެޔޮ އަމަލުތައް ގިނަ ކުރާށެވެ. ފަރުޟު ފަސް ނަމާދު ފުރިހަމައަށް އަދާ ކުރުމަށްފަހު، ރަވާތިބު ސުންނަތްތައްވެސް އަދާ ކުރެވޭތޯ ބަލާށެވެ. ޟުހާ ނަމާދާއި، ތަރާވީހު ނަމާދުގެ އިތުރުން ދަމު ނަމާދާއި، ރޭ އަޅުކަންވެސް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ޤުރުއާން ކިއެވުން ގިނަ ކުރުމާއި، ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނައި އޭގެ މާނައާމެދު ފިކުރު ހިންގޭތޯ ބަލާށެވެ. ހުރިހާ ވަގުތެއްގައި ޛިކުރު ކުރުމާއި، ފަޤީރުންނާއި މިސްކީނުންނަށް ސަދަގާތް ކުރުމަށް ސަމާލުވާށެވެ.
ރަމަޟާން މަހުގެ ކޮންމެ ރެެއެއްގައިވެސް ﷲ ތައާލާ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖުކުރައްވާނެ އެވެ. ﷲ ތައާލާ ވަނީ މުޅި ކާއިނާތުގެ އެންމެހާ ކަމެއް ލިޔުއްވާފައެވެ. ނަމަވެސް ކުރިޔަށް އޮތް އަހަރުގައި ހިނގާނެ އެންމެހައި ކަމެއް ކޮންމެ އަހަރެއްގެ ލައިލަތުލްޤަދްރިވިލޭރޭ ކަނޑައަޅުއްވައެވެ. އެހެންކަމުން މީސްތަކުންގެ ރިޒްޤާއި، އުފަންވުމާއި، ދިރިހުރުމާއި، މަރުވުން ފަދަ އެންމެހައި ކަންކަން އެރޭ ބަޔާންކުރެވޭނެއެވެ. ރަސޫލާ صلى الله عليه وسلم މުޅި އަހަރުގެ އެހެން ވަގުތުތަކުގައި އަޅުކަމު ގައި މަޝްއޫލުވެ ވަޑައިނުގަންނަވާ މިންވަރަށް ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަމާއިގެން މަޝްއޫލުވެ ވަޑައިގަންނަަވައެވެ.
ކީރިތި ރަސޫލާ ރޯދަ މަހުގެ ފަހު ދިހައިގައި ޤުރުއާން ކިޔެވުން އިތުރުކުރައްވަ އެވެ. އިއުތިކާފުގައި އިންނަވަ އެވެ. ރަސޫލާގެ ހަޔާތްޕުޅުގެ ފަހު ރޯދަ މަހުގެ ފަހު 20 ދުވަހު އިއުތިކާފުގައި އިންނަވާފައިވެ އެވެ. އެ ނޫން ރޯދަ މަސްތަކުގައި އިންނެވީ ފަހު ދިހަ ދުވަހު އެވެ. އިއުތިކާފުގައި އިނުމަކީ މިސްކިތުގައި ވީހާވެސް ގިނައިރު އިނުމެވެ.