
މިއީ ކޮން އުނދޯއްޔެއް؟ މިއުނދޯލި ޚާއްޞަވީ ކިހިނެއް؟
މަޝްހޫރު ޑައިރެކްޓަރ، މުހައްމަދު ނިޔާޒް (ޓެޑްރީ) ސޯޝަލްމީޑިއާގައި މިއަދު ޕޯސްޓްކުރެއްވީ އުނދޯއްޔެއްގެ ފޮޓޯއެކެވެ. މަތީގައި އެވަނީ އެެފޮޓޯއެވެ. ސުވާލަކީ މިއީ ކޮން އުނދޯއްޔެއް ހެއްޔެވެ؟ މިއުނދޯލި ޚާއްސަވީ ކީއްވެގެން ހެއްޔެވެ؟

ދިވެހި ފިލްމީ ޙަޔާތުގައި ޓެޑްރީއަކީ މިހާތަނަށް ރާއްޖޭގައި އުފެދިފައި ނެތްވަރުގެ މޮޅު ފަންނާނެކެެވެ. އީޖާދީ ވިސްނުމާއި އައު ޚިޔާލުގައި ދިވެހިޓީވީ އާއި ދިވެހި ސިނަމާގެ ވައްޓަފާޅި އޭނާ ބަދަލުކޮށްލެއްވިއެވެ. 1987 ވަނަ އަހަރު ޓީވީމޯލްޑިވުސްގެ ޕްރޮޑިއުސަރ ޓްރެއިނީގެ ވަޒީފާއިން، ޑްރާމާ ސިލްސިލާ އާއި ފިލްމުތައް އުފެއްދުމުގެ މަސައްކަތް ފެއްޓެވި، ޓެޑްރީގެ އެންމެ ފުރަތަމަ މަސައްކަތްތަައް ގޮސްގުޅެނީ މި އުނދޯއްޔާއެވެ.
އުނދޯލީގެ ތަޢާރަފެއް ދެއްވަމުން ޓެޑްރީ ލިޔުއްވާފައި ވަނީ، އެ އުނދޯއްޔަކީ ދިވެހިރާއްޖޭގެ ޓީވީ އާއި ފިލްމްގެ ފުރަތަމަ ޕްރޮޕްއަށް ވެދާނެ ކަމަށެވެ. އަދި 30 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ އުނދޯލީގައި އަލުން ދަވާދު އައުކޮށްފައިވާ ކަމަށެވެ.
އުނދޯލީގެ ދަވާދު އައުކުރި އިރު، ދަވާދު އައުކޮށްފައި ވަނީ އެންމެ ކުރިންވެސް އެއުނދޯލި ހުރިގޮތަށެވެ. އެއީ އުނދޯލީގެ ސަޕޯޓުތަކުގައި އޮރެންޖްކުލަ، އަދި އުނދޯލީގައި ފެހިކުލަ، އަދި އުނދޯލީގައި ހުރި މައު ތަކުގައި ރީނދޫކުލައެވެ. މި އުނދޯއްޗަކީ، މުޅިން ދަގަނޑުން ހަދާފައިވާ އުނދޯއްޔެކެވެ.
ދިވެހިރާއްޖޭގެ ފިލްމީ ޙަޔާތުގައި މި އުނދޯލި އެއްގޮތަށްވުރެ ގިނަގޮތުން ޚާއްސައެވެ. 1989 ވަނަ އަހަރުގެ އޭޕްރީލްމަހު، ޓީވީއެމްއިން ދައްކަންފެށި، ކޮމެޑީ ސިލްސިލާ "ސަޅިބައިސާ"ގެ ސެޓްގެ އެންމެ މުހިއްމު އެއްޗަކީ މިއުނދޯއްޔެވެ. މަންޒަރުތައް ނެގުމަށް މިއުނދޯލި ބަހައްޓާފައި ވަނީ، ލޮނުޒިޔާރަތްކޮޅުގައެވެ. ސަޅިބައިސާގެ ލީޑް އެކްޓަރު އަހުމަދު ނިމާލު އިށީނދެގެން އިންނަނީ މިއުނދޯލީގައެވެ. "ސަޅިބައިސާ" އަކީ ޓެޑްރީ އޭނާގެ އަމިއްލަ ވިސްނުމަށް އުފައްދައި ޑައިރެކްޓްކުރި ސިލްސިލާއެކެވެ. މިސިލްސިލާގައި ނިމާލުކުޅެފައިވަނީ ބިރުކުޑައަލީގެ ރޯލެވެ.
ސަޅިބައިސާގެ އެޕިސޯޑްތައް ގަނެ މީގެ ދެއަހަރުކުރިން ވަނީ ބައިސްކޯފަށްވެސް ލާފައެވެ. އެއީ އެޒަމާނަށް ބަލާއިރު، މިސާލެއް ނެތްފަދަ މަސައްކަތެކެވެ.
ސަޅިބައިސާގެ ސިލްސިލާގައި ބޭނުންކުރި މިއުނދޯއްޔަކީ، ދިވެހިފިލްމީ ހަޔާތުގެ ތާރީޚު ބަޔާންކޮށްދޭ އެއްޗެކެވެ. އެހެން ނަމަވެސް ދާދިފަހަކާއި ޖެހެންދެން މިއުނދާލި ޓީވީމޯލްޑިވުސްގެ ގޯތިތެރޭގައި ބޭނުމެއް ނުކޮށް ދޫކޮށްލާފައި ހުއްޓެވެ. އަލުން މި އުނދޯލި ސަމާލުކަމަށް އައި ޓެޑްރީ އެ އުނދޯލީގެ ވާހަކަ ސޯޝަލްމީޑިއާއަށް ދޫކޮށްލެއްވުމުންނެވެ. މިހާރު އެ އުނދޯލި ހުރީ ޓެޑްރީގެ ބެއްލެވުމުގެ ދަށުގައެވެ.