
ޓެކްސް ބޮޑުކުރުމުގެ ބިލް ރައީސް ތަސްދީޤު ކުރައްވާނެ: މިޢްވާން
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށްފައި ވާއިރު، އެބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާނެ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހގެ ތަރުޖަމާނު މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ،

މިޢްވާން މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާޙް ގެނައުމަށް ސަރުކާރުން ހުށައެޅި ބިލް މަޖިލީހަށް ހުށައެޅުއްވީ، އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއެވެ.
އެބިލްގައި ހުށައަޅާފައި ވަނީ، ޖީއެސްޓީ %8އަށް އަދި ޓީޖީއެސްޓީ %16އަށް ބޮޑުކުރުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމީ ސަރުކާރުން ހުށައެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެބިލް ފާސްކުރުމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް ބިލް ފޮނުވުމުން، މަޖިލީހުގެ ރައީސް ގަސްދުގައި އެބިލަށް ވޯޓަށް ނާހައި ދެދުވަސް ފަސްކުރެއްވި ކަމަށްވެސް މެމްބަރުން ތުހުމަތު ކުރެއްވިއެވެ.
އެބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ، އިއްޔެއެވެ.
ބިލްފާސްކުރުމާއި ދެކޮޅު ހެއްދެވި މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނާއި އެކުގައި ތިއްބެވި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނެވެ. ބިލް ފާސްވުމަށް ފަހުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބިލް ތަޞްދީޤު ނުކުރައްވައި އަލުން މަޖިލީހަށް ފޮނުއްވުމަށް، ޕީޕީއެމުން ވަނީ ގޮވާލާފައެވެ.
އެހެން ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިޢްވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާއި ލީގަލްޓީމުން ބައްލަވަންޖެހޭ ބެއްލެވުންތައް ބެއްލެވުމަށްފަހުގައި، އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާނެ ކަމަށެވެ.