
ޖަލަށްލާފައިވާ ދިއްލީގެ މިނިސްޓަރު ސަތޭންދަރު ޖެއިން ޖަލުގައި މަސާޖުކުރާ ވީޑިއޯ އާންމުވެ ފާޑުކިޔުން ބޮޑުވެއްޖެ
ޖަލަށްލާފައިވާ ދިއްލީގެ މިނިސްޓަރު ސަތޭންދަރު ޖެއިން ޖަލުގައި މަސާޖުކުރައްވާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯއެއް އިންޓަރނެޓުގައި ވައިރަލްވެ ފާޑުކިޔުން ބޮޑުވެއްޖެއެވެ.

ސަތޭންދަރުއަކީ، އިންޑިއާގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން، އާއްމު އާދަމީ ޕާޓީ (އޭއޭޕީ)ގެ މެމްބަރެކެވެ. ސަތޭންދަރު ޖެއިން ބަންދުކޮށްފައި ހުރީ ތިހާރު ޖަލުގައެވެ. އެޖަލުގައި އޭނާ މަސާޖު ކުރައްވާ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައި ވަނީ އިއްޔެއެވެ.
މިވީޑީއޯ އާއްމުވުމާއި ގުޅިގެން އިންޑިއާގެ ވެރިކަން ކުރާޕާޓީ، ބީޖޭޕީއަށްވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ޑެޕިއުޓީ ޗީފް މިނިސްޓަރު މަނީޝް ސިސޯދިއާ ވަނީ މިވީޑިއޯ ނެރުމުގައި ބީޖޭޕީގެ ބައިވެރިވުން އޮތްކަމަށް ފާހަގަކޮށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ކޮންމެ މީހަކުވެސް ބަލިވެދާނެ ކަމަށާއި ޖަލުގައި ތިބޭ މީހުންނަށް ވެސް ފަރުވާ ލިބެން ޖެހޭ ކަމަށެވެ. އަދި ސަތޭންދަރު ޖަލުގައި ހުންނަވާއިރު، ޤަވާއިދު ފިޒިއޮތެރަޕީ ސެޝަންތައް ނެންގެވުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވާކަަމަށާއި، މިފަދަކަންކަން ސިޔާސީ ކުރުމަކީ ވަރަށް ގޯސްކަމެއް ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ތިހާރު ޖަލުގައި، ބަންދުކުރެވޭ ސިޔާސީ މީހުންނާއި އާއްމުންނާއި ދެމެދު ތަފާތުކޮށް ކަންކަން ކުރުމުގެ ޘަޤާފަތެއް އެޖަލުގައި ހިނގަމުން އަންނަ ކަމުގައި އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. އަދި މިވީޑިއޯ އާއި ގުޅިގެން ގިނަ ބަޔަކު ދަނީ، ފާޑުކިޔައި، އަދި މީމްސްތައް ހަދައި އިންޓަރނެޓުގައި ދައުރުކުރަމުންނެވެ.
އުމުރުން 58 އަހަރުގެ ދިއްލީ މިނިސްޓަރު ހައްޔަރުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެންފޯސްމަންޓް ޑައިރެކްޓްރޭޓުންނެވެ. އޭނާ ހައްޔަރުކުރީ، 2017 ވަނަ އަހަރުގެ އޮގަސްޓް މަހު، ސީބީއައިއިން ބަލަންފެށި މަނީ ލޯންޑަރިންގެ މައްސަލައެއްގައެވެ.