ޒުވާން ގަވީ ލަނޑު ޖެހުމަށްފަހު: ފޮޓޯ- ފީފާ

ޒުވާން ގަވީގެ މޮޅު ކުޅުމާއި، މޮޅު ގޯލާއެކު ސްޕެއިންގެ ފެށުން 7 ގޯލުން

ބުދަ 23 ނޮވެމްބަރ 2022 | އައުޓްރީޗް

ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 18 އަހަރުގެ ގަވީގެ މޮޅު ކުޅުމާއި، މޮޅު ގޯލާއެކު ސްޕެއިން އިން ހަތް ގޯލްގެ ފެށުމެއް ހޯދައިފިއެވެ.

Advertisement


ކޮސްޓަ ރިކާއާ ވާދަކޮށް ސްޕެއިން މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ 7-0 ނެވެ. މެޗުގައި ފެރަން ޓޮރޭޒް ދެ ލަނޑު ޖެހިއެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. އޭނާގެ ދެވަނަ ލަނޑާއެކު ކޯޗު އެންރީކޭ ވަނީ ފެރަން ޓޮރޭޒް ބަދަލުކޮށްފައެވެ. ގިނަ ކުޅުންތެރިންނަށް ފުރުޞަތު ދިން މެޗުގައި ސްޕެއިންގެ ފުރަތަމަ ލަނޑު ޖެހީ އޮލްމޯއެވެ. ސްޕެއިންއަށް މެޗުގައި ދެން ލަނޑުތައް ޖަހައިދިނީ އަސެންސިއޯއާއި، ދެވަނަ ހާފްގައި ކުޅެން ނިކުއިން ސޮލެއާއި، މޮރާޓާއެވެ. މުޅި މެޗުގައިވެސް ކޮސްޓަ ރިކާއަށް އެންމެ ފުރުޞަތެއްވެސް ތަނަވަސް ނުކުރެވެއެވެ. އަދި ގޯލަށް ޝޮޓެއްވެސް ނުނެގެއެވެ.

މިމެޗުގައި ބާސެލޯނާގެ ގަވީ ލަނޑުޖެހުމުން އޭނާ ވެފައިވަނީ 1958 ވަނަ އަހަރު ބްރެޒިލްގެ ޕެލޭއަށްފަހު، ލަނޑުޖެހި އެންމެ ކުޅުންތެރިޔާއަށެވެ. އަދި ވަރލްޑް ކަޕްގައި ލަނޑުޖެހި ތިންވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި މިއީ ވަރލްޑްކަޕެއްގައި ސްޕެއިންގެ އެންމެ ތަފާތު ބޮޑު މޮޅެވެ. މިމެޗުގެ ލަނޑުތަކާއެކު ސްޕެއިން ވަނީ ވަރލްޑް ކަޕްގައި 100 ލަނޑު ފަހަނަ އަޅާ ގޮސްފައެވެ. 

މިމޮޅާއެކު މިގްރޫޕްގެ ކޮންމެ ޓީމެއް އެއް މެޗު ކުޅެ ނިމުނުއިރު އެއްވަނާގައި އޮތީ ސްޕެއިންއެވެ. ދެވަނާގައި އޮތީ ޖަރމަނީ ބަލިކުރި ޖަޕާނެވެ. ތިންވަނާގައި ޖަރމަނީ އަދި ފުލުގައި ކޮސްޓަ ރިކާއެވެ.

މުބާރާތުގައި ކްރޮއޭޝިޔާއާ މޮރޮކޯ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.