
އިހަވަންދޫގެ މަސްވެރިންގެ ކަންބޮޑުވުންތައް ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެ
އިހަވަންދޫގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ވަރަށް އަވަހަށް ހައްލުކުރެވިގެންދާނެ ކަމުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންދް އެގްރިކަލްޗަރ ޑރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިހަވަންދޫގެ ޖަމިއްޔާއެއް ކަމުގައިވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ކުރިޔަށް ގެންދިޔަ، "މަސްވެރިގެ ސައްލާ" ގައި ބައިވެރިވެ ވަޑައިގެން، އެބައްދަލުވުމުގެ ބައިވެރިންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފިޝަރީޒް މިނިސްޓަރ ޑރ ހުސަިއން ރަޝީދު ޙަސަން ވިދާޅުވީ، އިހަވަންދޫގެ މަސްވެރިންނަށްވެސް ދިމާވެފައި ވަނީ، ރާއްޖޭގެ އެހެން މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ކަމަށެވެ. އޭގެ ތެރޭގައި އައިސް ނުލިބުމާއި، ތެޔޮލިބުމަށް ހުރި ދަތިތަކާއި، މަސްކިރުވުމުގައި ހުރި ދަތިތަކާއި، ބާނާމަހަށް އެކަށިގެންވާ އަގެއް ނުލިބުން ހިމެނޭ ކަމަށެވެ.
މިސައްލާގައި ބައިވެރިވި ފަރާތްތަކުން ވަނީ، މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް އަދި އެކަންކަން ހައްލުކުރެވިދާނެކަމަށް އެފަރާތްތަކަށް ފެންނަ ގޮތްތައް މިނިސްޓަރަށް ހުށައަޅުއްވާފައެވެ.
އިހަވަންދޫއަކީ މަސްވެރިކަމުގައި އުތުރުގެ މައިރަށެވެ. އަދި އެރަށުގައި މަސްބަނދަރެއް ހެދުމާއި މަސްގަންނަ ކާރުޚާނާއެއް ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ، މިގޮތުން އެމަޝްރޫޢުތައް ނިމިގެން ދާއިރު މިހާރު ހުރި ގޮންޖެހުންތައް ހައްލުވެގެންދާނެކަން ފިޝަރީޒް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.