ކުރުވާހަކަ: ޢީދު ހަދިޔާ

ކުރުވާހަކަ: ޢީދު ހަދިޔާ

ހުކުރު 30 ޑިސެމްބަރ 2022 | އައުޓްރީޗް

ތަލްބިޔާއާއި ތަކުބީރާއި ތަހުލީލު، ތަމްޙީދުގެ އަޑު ގުގުމަމުން ދިޔަ މާހައުލަށް، ހައްޖު ދުވަހުގެ އިރު އޭގެ ވަދާއީ ސަލާމުގެ ދޯދިތައް ފޮނުވަމުން ދުނިޔެއާއި ވަކިވުމަށް ތައްޔާރުވަނީއެވެ. އަސްރު ވަގުތު ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ހެދިފައިވާ ފެންކޯލިތަކަށް އެޅިފައިވާ އިރުގެ ރަންދަޅައިގެ ސަބަބުން ހީވަނީ ބިންމަތީގައި ރަނާ ރިހީގެ ޗާދަރެއް ދަމާފައި އޮތް ހެނެވެ. އުޑުމަތީގައި ހުރި ވިލާތަށް ކެހިގެން ދިޔަ ނަމަވެސް ވެހުނު ބޯވާރޭގެ ސަބަބުން ޖައްވުގައިވަނީ ތެތް ފިނިކަމެއް ހިފާފައެވެ. ރަށުތެރޭގެ ކޮންމެ މަންޒަރަކާއި ކޮންމެ އެއްޗެއް ސިފަކޮށްދެނީ މާދަމާއަށް ވެވޭ ތައްޔާރީތަކެވެ.

Advertisement


ދޮން އައިސަވެސް ރެއަށް ކެއްކި ތެލިތައް ކިހިލީޖަހައިގެން އަނެއް އަތުން ކުނި މުޅޯށި ހިފައިގެން އޮޑިފަންނާއި ދިމާއިން އަތިރިމައްޗަށް ފޭބިއެވެ. އޭރު ޞަލަވާތައް ކެއްކި ގިނަ ގޭގޭގެ މީހުން ތެލިތަށި ދޮވެ ކުނި މުޅޯށިތައް އުކާލާފައި އެއްގަމަށް އަރަނީއެވެ.

އައިސަ ގޮނޑުދޮށަށް ފޭބިރު އެއްގަމަށް އަރަށް އައި ޅަފުރައިގެ އަންހެން ކުއްޖަކު ދޮންއައިސަ ދައިތައަށް އާދެވެނީ އެންމެ ލަހުންނޭ ބުނެ ސަމާސާ ކޮށްލިއެވެ. އެއަށް ޖަވާބުދީ ފަހުމާލޫދު މޮޅުވާނޭ ދޮންއައިސަ ބުނީ ދެރަވުމަށް ވުރެ އޭނާގެ ގައިގައި ހުންނަ ސަމާސާ މިޒާޖުގެ ސަބަބުންނެވެ.

ހޭޅިގަނޑު ތެރެއަށް މުޅޯށި ބަންޑުން ޖަހާލުމަށްފަހު، ގޮނޑުދޮށަށް ޖަހަމުން ދިޔަ ރާޅު ކިރިޔާ ނުފޯރާ ހިސާބުގައި އިނދެ އައިސަ ތެލިދޮންނަށް ފެށިއެވެ. ތެލިދޮންނަމުން ދިޔައިރު އޭނާ އިރު އިރުކޮޅާ މޫދާ ދިމާއަށް ބަލާލައެވެ. ހީވަނީ އޭނާއާއި އެކު އައި މީހަކު މޫދަށް އެރި އުޅޭތީ އެމީހަކު ހޯދަނީ ހެންނެވެ. ނަމަވެސް އެންމެ ފަހަށް ގޮނޑު ދޮށުގައި ތިބި އަންހެނުންތައްވެސް އެއްގަމަށް ދިޔަތާ ކިތަންމެ އިރެކެވެ. މުޅި ހިސާބުގަނޑުގައިވެސް އައިސަ ނޫން މީހަކު ނެތެވެ. މޫދުގައިވެސް ފަޅުގައިވެސް އަދި ކަނޑުގައިވެސް މެއެވެ.

އައިސަ ތެލިތައް ހިފައިގެން ކަށިމަތީ ފެނަށް އެރި ތެލިތަކުން ރަނގަޅަށް ވެއްޔާއި ދެލި ފިލުވައި ތެދުވެ ހިންދެމިލި ވަގުތު، ރާޅާއި އޮޔާއި އެކު އައިސައާއި ދިމާއަށް ލަގުވަމުން އައި ބިއްލޫރި ފުޅިއެއް އައިސައަށް ފެނުނެވެ. ނަމަވެސް އެއާއި މެދު އައިސަ މާބޮޑު ސަމާލުކަމެއް ނުދިނެވެ. ވާނީވެސް އެހެންތާއެވެ. އެފުޅިއަކީ އޭނާގެ ޙަޔާތަށް ކިހާ މުހިއްމު ސިއްރެއް ހާމަކޮށްދޭނޭ އެއްޗެއްކަން އައިސައަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ އަދި އޭނާގެ ދިރިއުޅުމުގެ ދަތިއުނދަގޫ ކަމަށް އޮތް ހައްލު އޭނާއާއި ހަމައަށް އައީކަން އައިސައަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ އެތައްހާސް ނޯޓިކަލް މޭލެއްގެ ދުރުން ކަނޑުގެ ވަޔާއި ރާޅާއި އޮއިގެ ތެރޭގައި ދަތުރު ކުރަމުން އައިސް މިއަދު ހިތާދޫ ގޮނޑުދޮށަށް އެލައްވަނީ އޭނާ ހޯދަން ބޭނުންވެފައިވާ ސުވާލުތަކުގެ ޖަވާބުކަން އައިސަ އަށް ވިސްނޭނީ ކިހިނަކުންހެއްޔެވެ؟

އައިސަ ބޮޑުވީ ރަށްފުށުގައެވެ. ކިޔެވީ އެދުރުގެއަކުންނެވެ. އުމުރުން އެންމެ ސޯޅަ އަހަރުގައި ކައިވެންޏެއް ކުރިއެވެ. އައިސަ ލޯބިވި މީހަކާއެއް ނޫނެވެ. މައިން ބަފައިން ބުނި މީހަކާއެވެ. ދަތުރުކުރަންގޮސް ގިނަ ލާރި ހޯދައިގެން އައި މީހަކާއެވެ. އެމީހަކީ ހަސަނެވެ.

އެކައިވެނި ކުރީ ލޯބިވެގެން ނޫނަސް ކައިވެނީގެ ފޮނިމީރުކަމާއި އެކު އައިސައަށް ހަސަނުދެކެ ލޯބި ވެވުނީ މިދުނިޔޭން އެހެން އެއްވެސް އެއްޗަކަށް އޭނާގެ ހިތް ނުލެނބޭ ވަރަށެވެ. އައިސަ ހީކުރި ގޮތާއި ހިލާފަށް ހަސަނަކީ މާތް ރަނގަޅު ހިތްހެޔޮ އިންސާނެކެވެ. އޯގާތެރި ކަމާއި ކުލުނުވެރިކަމުގެ ލާމަސީލު މިސާލެކެވެ. ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ މީހެކެވެ. ރައްޓެހިންނާއި ތިމާގެ މީހުންގެ މުހުތާދުތައް ފިލުވައި ދިނުމަށް އިސްކަންދޭ މީހެކެވެ. ޔަޤީނެވެ. މިބިންމަތީގައި ރަސޫލުންނާއި ނަބީންގެ ޒަމާނާއި އަހުލުބައިތުންނާއި ސަހާބީންނާއި، ތާބިއީންނާއި ސަލަފުއް ޞާލިހުންގެ ޒަމާނަށްފަހު ދެން އައި އެންމެ ހެޔޮލަފާ މީހުންގެ ތެރޭގައި އޭނާ ހިމެނޭނެއެވެ.

އަހަރު ދެކޮޅު ދެދަރީން ލިބުނު އިރު ގޭތެރޭގެ ކޮންމެ ކަމެއްގައިމެ ހަސަނު އައިސަ އަށް އެހީތެރި ވެދެއެވެ. އެއީ އަނބިދަށުވުމާއި އަންހެންދުޅާވުން ކަމުގައި، ދެކޭމީހުން ހީކުރިޔަސް ހަސަނު ދުށީ އެގޮތަކަށް ނޫނެވެ. އައިސަ ތެލިދޮންނަން އަންނަ އިރު އައިސައާއި އެކު ހަސަނު އަންނާނެއެވެ. ކުދިން ގެންނާނެއެވެ. ގޮނދު ދޮށުގައި ކުދިން ބައިތިއްބާފައި ހަސަނު އެރޭނީ މޫދަށެވެ. އައިސަ ފަށާނީ ތެލި ދޮންނާށެވެ.

އެއީ އައިސަގެ ހަޔާތުގެ އުފާވެރި ރަންދުވަސް ވަރެވެ. އެއްވެސް ފިކުރެއް ހިޔާލެއް ނެތި ހޭދަކުރި ދުވަސް ވަރެވެ. ދެމީހުން އެކުގައި އެމީހުންގެ މުސްތަޤުބަލުގެ ޗާޓު ކުރަހަމުން އައި ދުވަސް ވަރެވެ. އެކަމަކު މިއަދު މިވީ ކީއްހެއްޔެވެ؟ ތަގުދީރުގެ އަތުން ތަދުބީރުކުރުވީ ކޮންފަދަ ހިތި ދުވަސްތަކެއް ހެއްޔެވެ؟ ކަރުނަޔާއި ހިތާމައާއި ހިއްދަތި ކަމުގެ ދުވަސް ކުރިމަތިވީ ކޮންފަދަ އަކުން ހެއްޔެވެ؟ މިއަދު އައިސަ މެދު އުމުރުން މަތިވެފައިވާ އެކަނިވެރި އަންހެނެކެވެ. އަޅާލާނެ މީހަކު ނެތް ނިކަމެއްޗެކެވެ. ފިރިއަކު ހުރެމެ އެއްވެސް އެހީއެއް ނުލިބި އުމުރު ދުއްވާލަންޖެހުނު އަންހެނެކެވެ. އައިސަގެ ދެދަރީން ބޮޑުވެ މީހުންނާއި އިނދެގެން ހިނގައްޖެއެވެ. އެދެކުދީން ބޮޑެތި ކުރުމުގައި އޭނާ އެކަނި މާއެކަނި ކުރި ބުރަ މަސައްކަތާއި އެޅި ކަރުނައާއި ތަހައްމަލު ކުރި ހިތާމަތައް މޮޅަށް ދެނެވޮޑިގެންވާނީ ޢަރުޝުގެ ވެރި ރަސްކަލާންގެއެވެ. އެއިން އެއްވެސް ކަމެއް އައިސަގެ ލޯބިވާ ފިރިމީހާ ނުދެކޭނެއެވެ. އަދި ދުނިޔެ ނުދަންނާނެއެވެ.

އޮޔާއި ވަޔަށް ލަގުވަމުން އައި ކަނޑުމަތީގައި އެތައް އަހަރެއް ހޭދަވީ ފުޅި ހިތާދޫގެ ގޮނޑުދޮށަށް ލައްވެއްޖެއެވެ. ރާޅުޖަހާ ފަށުގައި އައިސައާއި މާދުރުނޫން ހިސާބެއްގައި ރާޅާއި އެކު އެފުޅި ފުރޮޅި ފުރޮޅި އޮތެވެ. ﷲ ތަޢާލާ އަޒަލުގައި ލިޔުއްވައި މިންވަރު ކުރައްވާފައިވާ ފަދައިން ކަނޑައެޅިފައިވާ ވަގުތައް އެފުޅި އޭގެ މަންޒިލަށް ވާޞިލްވެއްޖެއެވެ. އައިސައަށް އެފުޅި ފެނުނު ނަމަވެސް އެ ނަގާކަށް އޭނާގެ ޚިޔާލަކަށް ނައެވެ.

ތެލިތައް ކިހިލީގައި ޖަހައިގެން އައިސަ ހިނގައިގަތީ އެއްގަމަށެވެ. ހޭޅިފަށުން އެއްގަމަށް އަރަން ދިޔަ މަގުގައި ހުއްޓެވުނީ، އަތަށް ދޮންވެލި އަޅައިގެން އިލޮށި ކޮޅަކުން ދަތް އުނގުޅަމުން ގޮނޑުދޮށަށް ފައިބަން އައި ބަކުރު ފެނިފައެވެ. އައިސަ މަގުން އެއް ފަރާތްވެލީ އެއީ އޭނާގެ އަލަތު ލޯބިވެރިޔާ އަށް ވިޔަތީއެއް ނޫނެވެ. އިހްތިރާމް ކުރުމުގެ ގޮތުންނެވެ.

އައިސަ އާއި ހަމައަށް އަރާފައި މަގުގެ ދެކޮޅު ބަލާލައިފައި ބަކުރުވެސް ހުއްޓުނެވެ. ދެމީހުންވެސް މުސްކުޅިވެއްޖެ ނޫންހޭ އަދިވެސް ނުއިންނާނަންހޭ އަހާލިއެވެ. އައިސަ ބަކުރުގެ މޫނަށް މައުނަވީ ގޮތަކަށް ބަލާލިއެވެ. އެއަށްފަހު އެހެން ދުވަސް ދުވަހުވެސް ކަންކުރާ ގޮތަށް ފުރަގަސްދީ ހިނގައި ގަތެވެ.

މިވޭތުވި ބާވީހަކަށް އަހަރު ތެރޭގައި އައިސަ ގާތުގައި ބަކުރު އިންނަން މިއެހީ އަލަކަށް ނޫނެވެ. އެއީ އައިސަ އާއި ބައްދަލުވާ ކޮންމެ ވަގުތަކު ބަކުރު ކުރާ ސުވާލެވެ. އެސުވާލު އޭނާކުރީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ.

އައިސަ ގޯތިތެރޭން ވަދެގެން އައިސް ބަދިގެން ފެންޑާމަތީގައި ހުރި އަށިގަނޑުމަތީގައި ތެލިތައް ބަހައްޓާފައި ފާރުބުޑުގައި މުޅޯށި ބާއްވާފައި ދިޔައީ ވަޅު ދޮށަށެވެ. އަތްފައި ދޮވެގެން އޭނާ އައިސް ގޭތެރެއަށް ވަނެވެ. އަދި ފާރުގައި ބަހައްޓާފައި ހުރި ހަސަނުގެ މާސިންގާ ފޮޓޯ ލޯގަނޑު ކައިރީ ހުއްޓުނެވެ. އެއީ ހަސަނު އައިސައާއި އިނުމުގެ ކުރިން ދަތުރުކުރަން ގޮސްފައި ގެނައި ފޮޓޯއެކެވެ.

އެތައް އިރަކު އޭނާ އެފޮޓޯއަށް ބަލަހައްޓައިގެން ހުއްޓެވެ. ހީވަނީ އައިސަގެ ހިތުގައިވާ ހުރިހާ ސުވާލެއް އޭނާ އެފޮޓޯއާއި ކުރަން ބޭނުންވެފައިވާ ހެންނެވެ.

ދެއަންހެންދަރީން މީހުންނާއި އިނދެގެން އެމީހުންގެ ގޭގެއަށް ދިޔަ ފަހުން އައިސަ އުޅެންޖެހިފައިވަނީ އެކަންޏެވެ. އަދި މިއީ އައިސަ އެކަނި މާއެކަނި މިގޭ އުޅެނިކޮށް އަންނަ ފުރަތަމަ އީދުވެސް މެއެވެ. ހަސަނުގެ ފޮޓޯ ދޮށުގައި ހުރުމަށްފަހު އައިސަ ގޮސް ހުއްޓުނީ ގޭތެރޭގައި ހުރި ބޮޑު ކާޑު ފޮށި ދޮށުގައެވެ. އުނަގަނޑުގައި އޮތް ތަޅުދަނޑިފަތިން އެފޮށި ހުޅުވާފައި އޭނާނެގީ ޒަމާންވީ ފާނޫޒު ތަކަކާއި ފަސްލޭނު ބައްތި ތަކެކެވެ. ހަތަރުފުށުގެ ވޮށްތަކަކާއި ބާރަފުށުގެ ވޮށް ތަކެކެވެ. ހަވައިކަރުން ދަނޑިހަދާފައިވާ ކޮރުދަން ތަކެކެވެ. ފާނޫޒުތަކައި ފަސްލޭނު ބައްތިތަކުގެ ހޮޅިތައް ފުހެ ވޮށްތަކާއި ކޮރުދަންތައް ދިއްލޭވަރަށް ސާފު ކުރުމަށްފަހު، ގެއާއި ގޯތިތެރޭގައި އެއިން ކޮންމެ އެއްޗަކަށް ހާއްސަ ކުރެވިފައިވާ ތަނުގައި އައިސަ އެ އެއްޗެއް ބަހައްޓަމުން ދިޔައެވެ.

މަޣުރިބު ނަމާދަށް ބަންގި ގޮވާން ގާތްވުމުން ފެންޑާގެ މަތީގައި ހުރި މޭޒަށް އައިސަ ތައްޔާރުކުރި ތަކެތި އަރުވާން ފަށައިފިއެވެ. މީގެ ބާވީސް އަހަރު ކުރިއާއި އެއްވެސް ތަފާތެއް ނުވާ ގޮތަށެވެ. އަދި ކޮންމެ އަހަރަކުވެސް ކަން ކުރަމުން އަންނަ ގޮތަށެވެ. އެއްވެސް ތަފާތެއް ނެތިއެވެ. ހަސަނަށް މީރު ހުރިހާ ކާއެއްޗަކުން އެއްޗަކުން ސުފުރާ ފުރާލިއެވެ. ބަތާއި ގަރު ދިޔައެވެ. ބަނބުކެޔޮ ބޮނޑިބަތާއި ހިކިކުޅިމަހެވެ. ކަދުރާއި ކާއްޓެވެ. ހުނިހަކުރު ފޮޅިއާއި މަސްފަތަފޮޅިއެވެ. ގަބުޅި ސުންޑަޔާއި ސޫޖީއެވެ. ސަރުބަތާއި ކުރުނބާ ފަންޏެވެ. ތަށިމަތި އަތުރާފައި އައިސަ ނުކުމެ ކޮރުދަންތައް ރޯކޮށް ބައްތިތައް ދިއްލަން ފަށައިފިއެވެ. އަދި އެންމެ ފަހުން ބޮޑު އުނދޯލީ ފާނޫޒު ދިއްލައި ސަނދުވާގެ ވިހޭ ފަށާއި، ފޮތިތައް ވައްޓާލައިފައި އައިސް ކާމޭޒުދޮށުގައި ހުއްޓުނެވެ.

ބަންގިގޮވާ ވަގުތު ގާތްވި ވަރަކަށް އައިސަގެ މޫނު މަތިން ތާޒާކަމައި އުފާވެރިކަން ފާޅުވަމުން ދިޔައެވެ. އޭނާ އިރު އިރުކޮޅާ ގޯތިތެރެއަށް ވަންނަ ހުރި ފުޅަލި ގަނޑާއި ދިމާއަށް ބަލާލާ ގޮތުން ކޮންމެވެސް ބަޔަކަށް އިންތިޒާރުކުރަނީ ކަން އެނގެއެވެ.

އިރު ކޮޅަކުން ބަންގީގޮވަން ފަށައިފިއެވެ. ނަމަވެސް އައިސަ އިންތިޒާރުގައި ހުރި މީހަކު ނައެވެ. ފެންޑާމަތީގައި ހުރި ބަރުހެލޭ މުސްކުޅި ބޮޑު ގަޑިއަށް އައިސަ ބަލާލުމަށްފަހު ފުންނޭވާއެއް ލިއެވެ. ހީވަނީ ވޭތުވެ ދިޔަ ބާވީސް އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އޭނާ އިންތިޒާރު ކުރާމީހާ ނާންނާނެ ހެންނެވެ.

އައިސަ ގޭތެރެއަށް ވަންނަން އެނބުރިލި ވަގުތު މީހަކު ފުޅަލި ޖަހާފައި ވަތް އަޑަށް އައިސަ އެނބުރި ބަލާލިއެވެ. އޭރު އައިސަގެ ދެއަންހެން ދަރިން ގޯތިތެރެއިން ގެއާއި ދިމާއަށް އަންނަނީއެވެ. އައިސަ ހައިރާންވީ އެމީހުންގެ ފަހަތުން ބަކުރު އަންނަތަން ފެނުމުންނެވެ. ތިންމީހުން އެކުގައި އައިސް ފެންޑާމައްޗަށް އަރައިފިއެވެ.

"އަހަރެމެންނާއި އެކު ބަކުރުބޭ އައިމަ މަންމަ ހައިރާންވެއްޖެ ދޯ" ދޮށީ ދަރިފުޅު ޚަދީޖާ ބުންޏެވެ. ޖަވާބުގައި އެއްވެސް އެއްޗެއް ނުބުނެ އައިސަ ހަމައެކަނި ހީލީއެވެ. އައިސަގެ ދެ ދަރިންނާއި އައިސައާއި ބަކުރު މޭޒުދޮށުގައި އިށީނދެއްޖެއެވެ. ދެތިން އެއްޗެއް ކާލުމަށް ފަހު ތެދުވެގެން ގޮސް އައިސަ ވަނީ ގޭތެރެއަށެވެ. ހީވާގޮތުން އޭނާ އެދިޔައީ މަޤުރިބު ނަމާދު ކުރާށެވެ.

ކާމޭޒުމަތީގައި ތިބި އިރު އެކަކުވެސް އަނގައި ނުބުނެ ހިމޭން ކަމާއި އެކު ވަގުތުތައް ފާއިތުވަމުން ދިޔައީ ހިމޭންކަމާއި އެކު ގައެވެ. އެމިހުން ކައި ނުނިމެނީން އައިސަ ނަމާދުކޮށްގެން ނުކުމެއްޖެއެވެ. އަދި ކާމޭޒާއި ތަންކޮޅެއް ދުރުގައި ހުރި ދިގުގޮނޑީގައި އިށީނދެ ބިލެތް ހަދަން ފެށިއެވެ. އިރުކޮޅެއް ނުވަނީސް ކައި ނިމިގެން އައިސް ބަކުރު އައިސަ އާއި ދާދި ގާތުން ދިގު ގޮނޑީގައި އިށީނދެއްޖެއެވެ. އަދި އައިސަގެ ދެދަރީން މޭޒުމަތިން ތަށިތައް ނަގައިގެން ބަދިގެ ފަރާތަށް ހިނގައްޖެއެވެ.

"އައިސާ. ތިޔަހެން ހަމަ ހުންނާނީތަ!" ބަކުރު އެހިއެވެ.

" އަހަރެންގާތުގައި ތިޔަ ވާހަކަ ނުދައްކާ. ވީތަނެއް ނޭނގުނަސް، އަދި އެނބުރި އަންނާނެ ކަމުގެ އުންމީދެއް ނެތަސް، އަހަރެންގެ ފިރިޔަކު އެބަހުރި. އަހަރެން މިފުރިހަމަ ކުރަނީ އޭނާގެ ސުންނަތް" ދުރު ބަލަހައްޓައިގެން ހުރެ އައިސަ ބުންޏެވެ.

"އަހަރެންނަށް އެނގޭ މިރެއަށް އައިސަ އާއި ހަސަނު އިންތާ 30 އަހަރުކަން މިފުރުނީ، އެކަމަކު ވިސްނާ ބަލަ، ހަސަނުގެ ހަބަރެއް ނުވާތާ 22 އަހަރުވީ، މިހާރު ދެން ފަނޑިޔާރުގެއަށް ގޮސްވެސް ވެއްޖެނު ވަރިވާން" ބަކުރު ބުންޏެވެ.

"ވަރިއޭ. ބަކުރާ ތިވާހަކަ ނުދައްކާ. ހަސަނަކީ ކަނޑުވެ މަރުވާ ވަރަށްވުރެ ބޮޑުމަހެއް ކާލާ ވަރަށްވުރެ ހިއްވަރުގަދަ ވިސްނުން ތޫނު މީހެއް. އޭނާގެ ޚަބަރެއް މަށަށް ލިބޭނެ. އެއީ އަހަރެން މުސްކުޅިވެ އަބަހައްދަވުމަށް ފަހުގައި ވިޔަސް'' އައިސަ އޭނާގެ ހިތުގައި އޮތް އުންމީދު ހާމަކުރިއެވެ.

ބަކުރު ތެދުވިއެވެ. އަދި ދަނީ އޭ ބުނުމަށްފަހު ހިނގައި ގަތެވެ. އައިސަ ބަލަހައްޓައިގެން ހުއްޓެވެ. އައިސަވެސް ބަކުރާއި އިންނަން ބޭނުމެވެ. އަލަތު ލޯބި ލިބުން ނޭދެވޭނީ ކާކަށް ހެއްޔެވެ؟ ބަކުރު މީހަކާއި ނުއިނދެ އޭނާގެ މުޅި ހަޔާތް އެޤުރުބާން ކުރަނީ އައިސަ ލިބޭނެ ކަމުގައި އިންތިޒާރުގައެވެ. އައިސަ އިންތިޒާރު ކުރަނީ ހަސަނަށެވެ.

ހަސަނާއި އައިސަ ކައިވެނި ކުރީ ބޮޑުއީދު ވިލޭރޭގައެވެ. މިރެއަކީ އެކައިވެންޏަށް ތިރީސް އަހަރު ފުރޭ ރެއެވެ. އަލަތުކައިވެނީގެ ފުރަތަމަ ރެއިން ފެށިގެން ކޮންމެ އަހަރެއްގެވެސް މިރެއަކީ ހަސަނު ފާހަގަކުރަން ބޭނުންވި ރެއެކެވެ. ގެއާއި ގޯތި ތެރެ ދިއްލާ އަޅައިގެން މިގޮތަށެވެ. އަވައްޓެރިންނާއި އާއިލާގެ މީހުންނަށް ޖާފަތް ތައްޔާރުކޮށްގެންނެވެ. ދެކުދިން ލިބުނު ފަހުންވެސް ހަސަނު މިކަން މިގޮތަށް ކުރަމުން އައެވެ. ހަސަނު ހުރި އިރު ގެއާއި ގޯތިތެރޭގައި ބައްތިތައް ޖަހައި ދިއްލައި ފޮތި ދަމައި ހަދަނީ ހަސަނެވެ. އައިސަ ކުރާނީ ބަދިގެއާއި ކެއްކުމާއި ސުފުރާތައްޔާރު ކުރުމުގެ މަސައްކަތެވެ. އެދެމީހުން އެކުގައި ހަތަރު އަހަރު ފާހަގަ ކުރި އިރު އެއިން ކޮންމެ ރެއަކުވެސް އެދެމީހުން ނިދާނީ ބޮޑު އުނދޯލީގައެވެ. ބައްތި ތަކުގެ ރަން ރީނދޫ އަލިން ޖަރީވެފައިވާ މާހައުލުގައެވެ. ހަސަނު އައިސައަށް ހަދިޔާ ދޭނީ އީދު ނަމާދުން އައިހެވެ. ކޮންމެވެސް ގަހަނާއެއް ނޫނީ ފޮތިގަނޑެއް ނުވަތަ ފައިސާ ދޭނެއެވެ. އައިސަ ހަދިޔާއަށް ދޭނީ ތަފާތު ބާވަތް ބާވަތުގެ މޭވާއިން ފުރާފައިވާ މޭވާޓުކުރިއެކެވެ.

ބަކުރު ދިޔަތާ މާގިނައިރެއް ނުވެ އައިސަގެ ދެދަރީންވެސް ހިނގައްޖެއެވެ. އޭރު އިޝާނަމާދު ވަގުތުވެއްޖެއެވެ. އައިސަ ގޮސް ނަމާދު ކުރިއެވެ. އަދި އޭނާގެ ހަޔާތާއި މެދު ކަލާންގެ ހަޟުރަތުގައި ފަރިޔާދު ކުރިއެވެ. ނަމާދުކޮށް ދުޢާ ކުރުމަށް ފަހު، އަލަތު ކައިވެނީގެ ފުރަތަމަރޭ ރީތިވެގެން ނުކުތް ގޮތަށް އައިސަ ނުކުތެވެ. ގޭތެރޭގައިވެސް އަދި ދެކެންވެސް ރީއްޗޭ ބުނާނެ މީހަކު ނެތަސް އޭނާ ނުކުތީ ވަރަށް ބޮޑަށް ރީތިވެގެންނެވެ. އެއީ އޭނާގެ ފިރިމީހާ ހަސަނުގެ އެދުމެކެވެ. ކޮންމެ އީދު ވިލޭރެއަކީ އެމީހުންނަށް އަންނަ ބޮޑު އީދެކެވެ. ކައިވެނީގެ އަހަރުމަތި ދުވަސް އެމީހުން ފާހަގަކުރާ ރެއަށްވާތީއެވެ.

ކަސަބު ހިރު އެޅި ރަތް ލިބާހާއި ކަޅުފޭލީގައި އައިސަ ފެންނަލެއް ނުހަނު ފުރިހަމައެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި އަޅައި ކޮނޑުމައްޗައް ބައެއް ވައްޓާލާފައި އޮތް ނަލަ ބުރުގާގެ ތެރެއިން އައިސަ މޫނު ފެންނައިރު ހީވަނީ ވިހި ފަންސަވީސް އަހަރުގެ ޒުވާނެއް ހެންނެވެ. އަތުގައި އަޅާފައިވާ ރަނުގެ ތަކަހޮޅިއާއި ކަރުގައި އަޅާފައިވާ ރަނުގެ ފައްޓަރުބައިން ވިދުންތައް ފާޅުވަމުންދިޔައެވެ. ކަންފަތުގައި ލާފައިވާ މުންޖާއި ބޮލުގެ އިސްތަށިގަނޑުގެ ތެރޭން ނިއްކުރި މައްޗަށް ވައްޓާލާފައިވާ ބިނދިޔާއަށްވެސް ވަށައިގެންހުރި ބައްތިތަކުގެ އަލި އެޅުމާއި އެކު ވިދަމުން ދިޔައެވެ.

އައިސަ އައިސް އުނދޯލީގައި އިށީނެވެ. އޭނާގެ ފެންކަޅިވެފައިވާ ދެލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަތައް އޮހިގަތެވެ. ލޯބިވީ ފިރިއަކާ ވަކިން އޭނާ ބާވީސް އަހަރު މިފުރިހަމަ ކުރީއެވެ. ކުދި ކުދިވެފައިވާ ހިތަކާއި އެކުގައެވެ. ފިރިމީހާގެ ސުންނަތްތައް ފުރިހަމަ ކުރަމުންނެވެ. އޭނާ އެދުނު ގޮތަށް ކަންތައް ކުރަމުންނެވެ. އޭނާ އެދުނީ އޭނާ ނެތަސް މިރޭ އައިސަ ފާހަގަކުރާށެވެ. އޭނާގެ ހަނދާނާއި ޒިކުރާ އާކުރާށެވެ. އީދު ހަދިޔާ ހިފައިގެން އޭނާ އެނބުރި އަންނާނެ ކަމަށް ޔަޤީންކޮށްގެންނެވެ.

ހުދުކަންނޭލާއި ކަފަ ބާލީސްތައް ޖަހާފައިވާ އުނދޯލީގައި އައިސަ އޮށޯތެވެ. ހިތައް ކެތް ނުވެގެން އޭނާއަށް ރޮވެން ފަށައިފިއެވެ. ފިރިމީހާގެ ހަނދާނުގައެވެ. 22 އަހަރުވީ އިރު ދެން ހަސަނު އެނބުރި ނާންނާނެ ކަމުގެ އިހްސާސްތައް އައިސަގެ ހިތަށްވެސް އައީ ވަންނަމުންނެވެ. މިހުރިހާ ދުވަހު އޭނާ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިނަމަވެސް އައިސަ އަށް ޚަބަރެއް ފޮނުވާނެއެވެ. ވީގޮތް އަންގާނެއެވެ. މިބޮޑު ދުނިޔެއަށް އައިސަ އެކަނި ދޫކޮށެއް ނުލާނެއެވެ. އެއީ އެއަށްވުރެ އޯގާތެރި މާތް އިންސާނެކެވެ.

ހަސަނު ފުރީ އައިސައާއި އިންތާ ފަސްއަހަރު ފުރެން ކައިރިވެފައިވަނިކޮށެވެ. ކުރިންވެސް ކުރި މަސައްކަތަށް ބޭރު ދަތުރުކުރާށެވެ. ދެއަންހެންދަރީން ތިބުމާއި އެކު ހަސަނުވެސް ބޭނުންވީ އެކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭށެވެ. އެކުދިންނަށްޓަކައި ފައިސާ އެއްކޮށްދޭށެވެ.

ހަސަނު ދަތުރު ކުރާންދާން މާލެ ފުރި ރެއަކީ އައިސަގެ ހިތުން ނުފިލާނެ ރެއެކެވެ. އެރޭ ފުރަންވާންދެން އެދެމީހުން ވަގުތު ހޭދަކުރީ އުނދޯލީގައެވެ. ވަދާއުގެ ސަލާމާއި ވަދާއީ ވަސިއްޔަތް ކުރުމުގައެވެ. އެކަކު އަނެކަކަށް ވަފާތެރިކަންމަތީ ދެމި ތިބުމަށް ވަޢުދު ވުމުގައެވެ.

ހަސަނު ފުރައިގެން ހިނގައްޖެއެވެ. އައިސަ އެކަނިވީއެވެ. އެހެން ނަމަވެސް ފިރިމިހާގެ ހަނދާންތައް ގޭގެ ކޮންމެ އެއްޗެއް އާކޮށްދެމުން ދިޔައެވެ. މާޒީވީ އުފާވެރި ދުވަސްތައް ކަރުނައިގެ ދުވަސްތަކަށް ފަހު އެނބުރި އަންނާނެކަމުގައި ބުނެދެމުން ދިޔައެވެ.

ދެކުދިން ގޮވައިގެން އައިސަ އެކަނިވެރި ކަމާއި އެކު، އެހެނަސް ކެތްތެރިކަމާއި އެކު ދިރިއުޅެމުން އައެވެ. ކޮންމެ ހަތަރު މަހަކުން ނުވަތަ ހަމަހަކުން އައިސައަށް ހަސަނު ފޮނުވާ ޑޮލަރު ލިބެއެވެ. ހަދިޔާއާއި ސިޓީ ލިބެއެވެ. އެއްސިޓީ ލިބުމާއި އެކު އަނެއް ސިޓީ ލިބޭނޭ ވަގުތަކަށް އައިސަ އިންތިޒާރުކޮށްކޮށް ހުރީ ކެތްތެރި ކަމެއް ނެތިއެވެ.

ހަސަނު ފުރައިގެން ދިޔަތާ ހަތަރު ވަނަ އަހަރު ފުރި ފަސްވަނަ އަހަރުގައި ގަވާއިދުން ލިބެމުން އައި ޑޮލަރާއި ޕާރުސަލް ނުލިބި ލަސްވެއްޖެއެވެ. އައިސަ ކަންބޮޑުކަމާއި އެކު ދުވަސްތައް ގުނަމުން ދަނިކޮށް އޭގެ ހަފްތާއެއް ފަހުން ރޭޑިޔޯއިން ކީ ޚަބަރަކުން އައިސަގެ ހަޔާތް ބަނަވެއްޖެއެވެ. ހަސަނު ދަތުރު ކުރަންދިޔަ ބޯޓުގެއްލުނީއެވެ. އެމެރިކާގެ ލޮސް އެންޖެލިސް ބަނދަރުން ސައުތު އެފްރިކާއަށް ފުރި ބޯޓު ބާމިއުޑަރ އާއި ހަމައިން ވީނުވީ ގޮތެއް ނޭނގި ގެއްލުނީއެވެ.

އެދުވަހަށްފަހު އައިސަ ގުނަމުން އައީ ނިހާއީ ހިތާމައިގެ ދުވަސްތަކެވެ. އެހެނަސް އޭނާ އުންމީދުކޮށްގެން ހުރީ ހަސަނުގެ ހަބަރެއް ލިބޭނޭ ކަމަށެވެ. އޭނާގެ ދެދަރީންނަށްޓަކައި އޭނާ ކަނޑައެޅި ޢަޒުމް މާތްރަސްކަލާންގެ ގެއްލެނި ނުކުރައްވާނެ ކަމަށެވެ.

އައިސަ އުނދޯލީގައި އޮތެވެ. ފިރިމީހާގެ ހަސަނަށް ކުރާ އިންތިޒާރުގައެވެ. އެނބުރި އަންނާނެ ކަމުގެ ޔަޤީންކަމެއް ނެތަސް ހުވަފެނުގައިވެސް ފެނުން އެދިގެންނެވެ. ހަސަނު މަރުވީ ކަމުގައި ޤަބޫލުކުރާކަށް އައިސަ އަކަށް ފަސޭހަ އެއް ނޫނެވެ. އެގޮތް އޭނާ ޤަބޫލެއްވެސް ނުކުރާނެއެވެ. އެހެނަސް ވަގުތާއި ޒަމާން ހަސަނު މިދުނިޔޭގައި ނެތްކަމުގައި ޤަބޫލު ކުރުމަށް އައިސައަށްވަނީ މަޖުބޫރު ކުރުވާފައެވެ. އައިސަވެސް މިއަދު އައު ހަޔާތެއް ފަށަން ބޭނުންވެއެވެ. މުސްކުޅިވެ އެކަނިވެރިވާ ދުވަހުގައި އެހީތެރިއަކު ބޭނުންވެއެވެ. އެކަމަކު އޭނާގެ ތަޤުދީރުގައި ލިޔެވިގެން ވަނީ އެކަނިވެރިކަމެވެ.

އުނދޯލީގައި އޮވެ އައިސަ އޭނާގެ މާޒީއާއި މެދު ވިސްނަމުން ދިޔައެވެ. ހަސަނުގެ މަތިން ހަނދާންކުރައް އޮއްވައި ނިދީގެ ވަރުގަދަ ބާރާއި އެކު އޭނާގެ ދެލޯ މެރިއްޖެއެވެ.

ހުދުކަފުން ފޮތީގެ ހެދުމެއްގައި އައިސަ ގޮނޑު ދޮށާއި ދިމާއަށް ހިނގަމުން ދިޔައެވެ. ގޮނޑުދޮށަށް ފޭބި ތަނާ އައިސައަށް ފެނުނީ ގޮނޑުދޮށުގައި ރާޅުޖަހާ ފަށުގައި ފުރޮޅި ފުރޮޅި އޮތް ފުޅިއެކެވެ. އައިސަ ގޮސް އެފުޅި ނެގިއެވެ. ކަނޑުގައި ގިނަ ދުވަސްވުމުގެ ސަބަބުން ފުޅީގެ ތުނބުގައިވަނީ ފެއްސާއި ރިދަލި ޖަހާފައެވެ. އައިސަ ފުޅީގެ މަތިގަނޑު ނައްޓާލުމާއި އެކު ފުޅީގެ ތެރެއިން އެރި އޮލަ ދުންގަނޑެއްގެ ތެރޭން ފާޅުވީ ހަސަނެވެ. އައިސަ ރޮއި ގަތެވެ. މަގޭ ހަސަނާއޭ ހަސަނުގެ އިންތިޒާރުގައި މުޅި އުމުރު ދުއްވާލައިފީމޭ އަދި ތިޔަ އާދެވުނީހޭ ބުންޏެވެ. އަދި އައިސަ ހަސަނުގެ ގައިގައި އޮޅުލައިގަންނަން އުޅުނެވެ. ނަމަވެސް އައިސަ އަކަށް ހަސަނުގަޔަކު އަތެއް ނުލެވުނެވެ. ހަސަނު ހުރީ އައިސައާއި ނުހަނު ގާތުގައި ހިނިތުންވެގެންނެވެ. އެހެން ނަމަވެސް އަނގަޔަކުން ބަހެއް ނުބުނެއެވެ. އިރުކޮޅަކުން ދިޔަ ނުދިޔަ ތަނެއް ނޭނގި އައިސައަށް ހަސަނު ގެއްލިއްޖެއެވެ.

ހޭލެވުމާއި އެކު އައިސަ ފުންމައިގެން ތެދުވެ އިށީނެވެ. ފެނުނު ހުވަފެނާއި މެދު ވިސްނާލިއެވެ. ގޮނޑު ދޮށުގައި ރާޅުޖަހާފަށުގައި އޮތް ފުޅިއެއް އޭނާއަށް ހުވަފެނުން ފެނުނު ސަބަބަކާއި މެދުގައެވެ. އިރުކޮޅަކުން ހަނދާނަށް އަތުވެއްޖެއެވެ. ގޮނޑުދޮށުން މިއަދު އޭނާއަށް އެފުޅި ފެނުނު ހަނދާނެވެ. އޭގައި އައިސައަށް އޮތް ސިއްރެއް އެބައޮތޭ ވިސްނުނީ މީހަކު ކަންފަތްދޮށުގައި އެވާހަކަ ބުނި ފަދައިންނެވެ.

އައިސަ ތެދުވިއެވެ. ދަނޑިއެއްގައި އަޅުވާފައި ހުރި ބޮޑު ފަސްލޭނު ބައްތިއެއް ނެގިއެވެ. އަދި އެހިފައިގެން ހިނގައިގަތީ ވަލުފަރާތު މަގުން ގޮނޑުދޮށާއި ދިމާއަށެވެ. އެފުޅި ފެނޭތޯ ބެލުމަށެވެ. އެފުޅި ލައްވެފައި އޮތް ދިމާ އައިސައަށް އެނގޭތީއެވެ. ކަސަބު ހިރުއެޅި ރަތްލިބާހެއްގައި ހުރި އައިސަ އެއް އަތުން ފަސްލޭނު ބައްތިއެއް ހިފައިގެން އަނެއް އަތުން ދަތިޖެހެމުންދާ ކަނޑިކީގައި ކުޑަކޮށް ހިފަހައްޓާލައިގެން ގޮނޑުދޮށާއި ދިމާއަށް ހިނގަމުން ދިޔައިރު އޭނާގެ އަތުގައި އަޅާފައިވާ ތަކަހޮޅިތަކުންނާއި ފައިގެ ގިގުނިން އާދަޔާ ޚިލާފް މިޔުޒިކެއް ވަނީ އުފައްދާފައެވެ. ދެކޭ މީހަކު ބުނާނީ އޭނާއަކީ އިންސާނެއް ނޫންކަމަށެވެ. ހާއްސަކޮށް ބައްތީގެ އަލި ތިރިން މައްޗަށް ކުރިމަތިން އޭނާގެ މޫނަށް އެޅިފައި ހުރި އެމަންޒަރު ސިފަވަނީވެސް އާދަޔާ ޚިލާފު ސިހުރުވެރި ގޮތަކަށެވެ.

ދެފަރާތުގެ ގަސްތައް ހެދިފައި އޮތް މަގުގެ މެދުންގޮސް އައިސަ ގޮނޑުދޮށަށް ފައިބައިފިއެވެ. މެދު އުޑުން ވީއްލާފައިވާ ފަޅިހަނދުގެ މިލަ ހަނދުވަރުން ގޮނޑުދޮށް އޮތީ އަލިކޮށެވެ. ހުދު ދޮންވެލިގަނޑުމަތީގައި އޮތް ކޮންމެ އެއްޗެއް ފާޅުވެ އެނގެއެވެ. ދެވަން ވެއްޔަށް ވުރެ ތަންކޮޅެއް މޫދާއި ގާތުގައި ގޮނޑު ދޮށަށް ލައްވި އެފުޅި އޮތެވެ.

އައިސަ އެދިޔަ ގޮތަށް ގޮސް ފުޅި ނެގިއެވެ. ދުވަސްވެ ފެހިޖަހާ ރިނދަލިޖަހާފައިވާ ފުޅިއެކެވެ. އެކަމަކު އެފުޅި ހިއްލާލުމާއި އެކު އޭގެތެރެއިން އެއްޗެއް ތެޅުވުނު އަޑު އައިސަގެ ކަންފަތުގައި ޖެހުނެވެ. ބައްތި ފަސްގަނޑުމަތީ ބަހައްޓާފައި އައިސައެރުނީ ފެނުކޮޅަށެވެ. ރިނދަލިތައް ނައްޓުވާލައި ފެހިޖަހާފައިވާ ފުޅި، ނިކަން ރަނގަޅަށް ކަށިވެލިލައި އައިސަ ދޮވެލިއެވެ. ލޮނުގަނޑުގެ ތެރެއިން ފުޅި ނަގައި ހަނދުވަރުގެ އަލީގައި އައިސަ ބަލާލިއެވެ. އޭގައި އޮތީ އޮޅާފައިވާ ކަރުދާސްތަކެކެވެ. ދެން ކޮންމެވެސް ކަހަލަ މައުދަނެއްގެ އެއްޗެކެވެ.

ބައްތި ދޮށަށް އައިސް، އައިސަ ފުޅީގެ މަތި ނައްޓުވާލިއެވެ. އެއާއިއެކު ވައިރޯޅިއެއްވެސް ނުވާ އެހިމޭން ރޭގައި ފުރަގަހުން ކުއްލިއަކަށް އައި ރޯޅިއެއް އައިސަގެ ބުރުގާގެ ކަންގަނޑު މޫނުމައްޗަށް ވައްޓާލިއެވެ. ބުރުގާ ރަނގަޅުކޮށްލަމުން އައިސަ ފުރަގަހަށް އެނބުރި ބަލާލީ މީހަކު ހުރީ ކަމަށް ގަތް ބިރާއި އެކުގައެވެ. އެކަމަކު މީހެއްގެ ހިލަމެއްވެސް ނެތެވެ. ދުރުދުރަށް ދާންދެން އޮތީ ހިމޭން ކަމެވެ. ހުސްކަމެވެ.

އައިސަ ފުޅީގެ މަތީގައި އަޅުވާފައި ހުރި ތަޅުނައްޓުވާލައި، އުނގުރި ލުއްސާލިއެވެ. އަދި އަތްމައްޗަށް ބަންޑުން ޖެހިއެވެ. ފުޅީގެ ތެރެއިން އައިސަގެ އަތްމައްޗަށް ވެއްޓުނީ ރަނުގެ ވަރުގަދަ ހަތަރު ކެވެލި ގަނޑާއި އަނގޮޓިއެވެ. ދެން އޮޅާފައިވާ ކަރުދާސްތަކެކެވެ. އަނގޮޓިއާއި ކެވެލިތައް ލިބާހުގެ ޖީބުގެ ތެރެއަށް ވައްޓާލުމަށް ފަހު އޮޅާފައިވާ ކަރުދާސް ގަނޑުގައި އަޅާފައިވާ ރަބަރު ނައްޓުވާލަށް ހިފާލުމާއި އެކު ނުލާހިކު ފަސޭހައިން ބުރިވެގެން ހިނގައްޖެއެވެ.

އައިސަ ނިއުޅުވާލިއެވެ. އެއީ ނޯޓަކާއި އެކު އޮޅާފައިވާ ޑޮލަރުތަކެކެވެ. އައިސަގެ ލޯ ބޮޑުވެގެންދިޔައީ އެޑޮލަރުތައް ފެނިފައެއް ނޫނެވެ. ދިވެހިބަހުން ލިޔެފައިވާ އެނޯޓު ކޮޅާއި އޭގައިވާ އަތު ލިޔުން ފެނިފައެވެ. އެއީ އައިސަގެ ފިރިމީހާ ހަސަނުގެ އަތުލިޔުމެވެ. އެއަތުލިޔުން އޭނާއަށް އޮޅޭނީ ކިހިނެއް ހެއްޔެވެ؟ އައިސަ ނޯޓު ކޮޅު ކިޔާލިއެވެ. އޭގައި ހަސަނު ލިޔެފައި އޮތެވެ.

"ލޯބިވާ އައިސާއެވެ. އެމެރިކާ ބަނދަރުން ފުރައިގެން ދަތުރު ކުރަނިކޮށް ބޯޓުގައި ރޯވެ މިއޮތް އަނދަނީއެވެ. ކަނޑު އެހާމެ ގަދައެވެ. ސަލާމަތްވާނެ ކަމުގެ އުންމީދު ކެނޑިއްޖެއެވެ. މީގައި މިވަނީ އަހަރެން ކުދިންނަށާއި އައިސައަށްގަތް އީދު ހަދިޔާއެވެ. އަދި އަތުގައި ޖަމާގައި ހުރިފައިސާއެވެ. މާތްﷲ އާއި ވަކީލުކޮށް ކަނޑުމެދަށް މިދޫކޮށްލީ، މިއަމާނާތް އޭގެ ވެރިޔާއަށް ﷲ ރައްދުކޮށްދެއްވާނެކަން ފުރިހަމައަށް އީމާންވާ ހާލުގައެވެ."

އައިސަގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ރޮއެގަނެވުނެވެ. އޭނާގެ ހަސަނު މަރުވީއެވެ. 22 އަހަރު ފަހުން ކަނޑުގެ އޮޔާއި ރާޅުތަކުގެ ތެރޭގައި އޭނާއަށް ގެނެސްދިން އީދު ހަދިޔާ އަކީ މިއީ އެވެ. ކުރާނެ ކަމެއް ނެތެވެ. ތަޤުދީރެވެ. އެއަކަށް އެކަކަށްވެސް ބާރެއް ނުފޯރުވޭނެއެވެ.

އެތައް އިރަކު ރޮއެ ހިތާމަކުރުމަށް ފުޅީގައި ހުރި ތަކެތި ޖީބަށްލައިގެން އަދި ފުޅިއާއި ބައްތި ހިފައިގެން އައިސަ ގޭދޮށަށް ހިނގައިގަތެވެ. މީހުން އުޅޭ ހިސާބުން ބަކުރު އުޅޭ ގެއާއި ހަމަށް އައިރު އަވަށު އެންމެން އެގެއަށް ވަދެ ތިބީމާ ބޭރުގައި ބައްތިއާއި ހުސްފުޅި ބަހައްޓާފައި އައިސަވެސް ވަނީ އެގޭތެރެއަށެވެ. އޭރު ދިމާ އެނދުގައި ބަކުރު ބާއްވާފައި އޮތެވެ. އޭނާގެ މޭމަތީގައި އެކަކު ފޮތިގަނޑަކާއި އެކު އަތް އަޅައިގެން ހުރި އިރު އޭނާގެ މޭމަތި އޮތީ ލެއިން ކަޅިވެފައެވެ. އާދަޔާ ޚިލާފަށް އައިސަ ރީތިވެގެން ހުރުމުން އެންމެންގެ ލޮލުގައިވެސް އެކަން އަޅައިގަތެވެ. އެންމެ ބޮޑަށް އަޅައިގަތީ މަރަށް ފުރާނައަށް ދެމިދެމިއޮތް ބަކުރެވެ. އައިސަ ފެނުމުން އޭނާ ހިނިތުންވެލިއެވެ. އަދި ހުއްޓަހުއްޓާފައި ބުނަންފެށިއެވެ.

"އައިސާ އެވެ. އަހަރެންނަށް މަޢާފްކުރާށެވެ. އައިސަ އާއި ހަސަނު ދުރުކުރުވަން އަހަރެން ހާދަ ސިހުރެއް ހެދީމެވެ. ހަސަނު ދަތުރު ކުރި ބޯޓު ގެއްލުނީ އަހަރެން ރަތްހާލެއް ކަތިލައި ކަނޑަށް ލޭދައްކައިގެން ސިހުރު ހެދި ރޭގައެވެ. އައިސަ ހާސިލްކުރަން އަހަރެން ނުކުރާކަމެއް ނެތެވެ. އެކަމަކު އެކަމެއް ނުވިއެވެ. ނަމަވެސް އަހަރެންގެ ހިތުގެ އެއްކަމެއް ﷲ ފުއްދަވައި ދެއްވައިފިއެވެ. އެއީ މިދުނިޔެމަތިންއ އަހަރެން ދެކޭ އެންމެ ފަހު އެއްޗަކީ، އައުކައިވެންޏަކަށް ވާފަދަ ޒީނަތްތެރި ކަމެއްގައި އައިސަ ހުއްޓައި ދެކޭ އައިސަގެ މޫނުކަމުގައިވުމެވެ. މައާފްކުރާށެވެ."

ބަކުރުގެ އެބަސްތަކާއި އިއުތިރާފުން އައިސައަށްވެސް އެހެން މީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. ބަކުރުގެ ފަހުނޭވާ އުފުރިގެން ދިޔައީ އެވަގުތުއެވެ. އައިސަ ގެއިން ނުކުންނަށް އެނބުރިލިވަގުތު އަންހެނަކު ބުނި އަޑު އިވުނެވެ. މިރޭވެސް ބަކުރު އައިސަ ފަހަތުން ދަނިކޮށް ވަލު މަގުގެ އެއްފަރާތުގައި ކާށިހެހެން ބަޔަކު ޖަހާފައި ހުރި ފޭރާއެއް މައްޗަށް ވެއްޓި އެމުނުނީއެވެ. އޭނާ އެތަނުން ނަގައިގެން ގެއަށް ގެނައީ ބަޔަކަށް އޭނާ ކުކުރާ އަޑު އިވިގެން ހޯދަނިކޮށް ފެނިގެންނެވެ.

އެވާހަކަ އަޑުއަހާލަން ފިޔަވަޅަކަށް މަޑުކޮށްލުމަށް ފަހު އައިސަ ބާރު ހިނގުމުގައި ގެއިން ނުކުތެވެ. އަދި ބުރުގާގެ ކަނުން އޭނާ ލޯފޮހެލިއެވެ.

އޭގެފަހުން މަރުވާންދެންވެސް އައިސަ އުޅުނީ އެކަނިވެރި ދިރިއުޅުމެކެވެ.

(ނިމުނީ)




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.