ރައީސް އައްޑޫސިޓީގެ ރައްޔިތުންނާ ސަލާމްކުރައްވާއިރު އަރިހުގައި މޭޔަރު ނިޒާރު

އައްޑޫ ސިޓީގެ ރައްޔިތުން ހުށަހެޅި ހުރިހާކަމެއް ފުރިހަމަކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ސަރުކާރުން ކުރައްވައިފި- މޭޔަރު ނިޒާރު

ހުކުރު 13 ޖެނުއަރީ 2023 | އައުޓްރީޗް

އައްޑޫ ސިޓީގެ ރައްޔިތުން 2018 ވަނަ އަހަރު ހުށަހެޅި ހުރިހާކަމެއް ފުރިހަމަކުރެއްވުމަށް ކުރަންވަންޖެހޭ ކަންކަން ސަރުކާރުން ކުރައްވައިފިކަމަށް އެސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement


މޭޔަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން ފޭދޫން ވަރަށް ވަރަށް އުފަލާއެކު މަރުހަބާ ދަންނަވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އެސިޓީއަސް ވަޑައިގެންނެވުމުން އެސިޓީގެ ރައްޔިތުންނަށް ވަރަށްބޮޑު އުފަލެއް ލިބިއްޖެކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން އުފާވަނީ ރައީސް އައްޑޫ ސިޓީގެ ރައްޔިތުންނަށް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަކުރެއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ސަރުކާރުން ފުރިހަމަކުރަންޖެހޭ ހުރިހާ މަސައްކަތެއް ފުރިހަމަކުރައްވާފަ އަނެއް ދައުރަށް ކުރިމަތިލައްވާ އަޅުގަނޑުމެންގެ ތާއީދު ހޯއްދަވަން ވަޑައިގެންނެވީމަ.

އައްޑޫސިޓީގެ ތަރައްޤީއަށް ހުށަހެޅި މެނިފެސްޓޯގެ ވާހަކަ ފައްޓަވަމުން މޭޔަރު ވިދާޅުވީ މެނިފެސްޓޯ ހުށަހެޅީ އައްޑޫ ސިޓީގެ ރައްޔިތުންކަމަށެވެ. އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލައަށް ލިޔެ ރައީސްއަށް ހުށަހެޅުއްވި މެނިފެންސްޓޯއިން ހަމަ އެއްވެސްކަމެއް އުނިނުކުރައްވާ ފުރިހަމަކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.  

ތަފްޞީލަށް ދަމުން މޭޔަރު ފެއްޓެވީ އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއާ ހަމައިންނެވެ. އައްޑޫސިޓީގައި 100 ކިލޯމީޓަރުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ހުރިހާ ރަށެއްގައި ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. ވިދާޅުވީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ދާނީ މަގުތައް ފުރިހަމަކުރުމަށްފަހުކަމަށެވެ. އައްޑޫސިޓީގެ ބިންހިއްކުމަކީ ރާއްޖޭގެ ތާރީޚުގައިވެސް އެއް ރަށެއްގެ ބިން ހިއްކުމަށް އެންމެ ގިނަ ފަސް އަޅަންޖެހޭ ޕްރޮޖެކްޓްކަން ފާހަގަކުރެއްވުމަށްފަހު މޭޔަރު ވިދާޅުވީ 198 ހެކްޓަރުގެ ބިން އައްޑޫ ސިޓީގެ ބިމަށް އިތުރުކުރެވޭނެކަމަށެވެ. އެކަމުގެ އަމަލީ މަސައްކަތްވެސް ފެށިގެން މިހާރު ކުރިއަަށްދާކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ޖޫން މަހުގެ ކުރިން ޖައްރާފް އައިސް ވެލިއަޅަން ފަށާނެކަމަށް ވިދާޅުވިއެވެ. އައްޑޫ ރައްޔިތުންގެ އުއްމީދުތައް އެންމެ ބޮޑަށް ގުޅިފައިވާ އައްޑޫ ސިޓީގެ އެއަރޕޯރޓް ތަރައްޤީކުރުމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް އިރާދަކުރެއްވިއްޔާ މިމަސްތެރޭގައި ބަޔަކާއެކު ސޮއިކުރެވޭނެކަންވެސް މޭޔަރު އިއުލާންކުރެއްވިއެވެ. މީގެއިތުރުން އައްޑޫ ސިޓީގެ މީދޫ، ހުޅުދޫ، މަރަދޫ ބަނދަރުގެ މަސައްކަތް މުޅިން ނިމި، ހިތަދޫ ބަނދަރުގެ %80 މަސައްކަތް ނިމިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. ފޭދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ސޮއިކޮށް ފޮނުވުމުން މަސައްކަތް ފެށޭ ހިސާބަށް އައިސްފައިވާކަމަށް ވިދާޅުވިއެވެ. 

މޭޔަރު ވިދާޅުވީ މިހާރު ލިބެނީ ތަރައްޤީގެ އުނދަގުލުގެ ކޯލްތައް ކަމަށާއި، މަގުކޮންނާތީ ގެއަށް ވަންނަން އުނދަގޫވުން ފަދަ ކޯލްތަކަށް ކޮންމެ ދުވަހަކު ޖަވާބުދެއްވަން ޖެހޭކަމަށެވެ. ތަރައްޤީގެ މަޝްރޫއެއް ނުހިނގާ އެއްވެސް ތަނެއް އައްޑޫސިޓީގައި ނެތްކަމަށް މޭޔަރު ވިދާޅުވިއެވެ.

އައްޑޫސިޓީއަކީ އެއްރަށެއްގައި އާބާދީވެފައި އޮތް އެންމެ ބޮޑު ބައްރުކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ އައްޑޫސިޓީ ތަރައްޤީކުރުމަކީ ކޮންމެ ސަރުކާރަކަށްވެސް ގޮންޖެހުން ބޮޑުކަމެއްކަމަށެވެ. އެހެންނަމަވެސް ކުރަންޖެހޭ ކަންކަން ރަނގަޅު ރޭވުންތެރިކަމާއެކު ޕްލޭންކޮށްގެން ކޮށްފިނަމަ ކުރެވޭނެކަމުގެ ހެކި އައްޑޫސިޓީގެ ހުރިހާ ރަށްތަކުން ފެންނަމުންދާކަމަށް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުން އިބްރާހީމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރަކަށް ވޯޓްލާން ޖެހެޔޭ. އަޅުގަނޑުމެން އެދުނު ހުރިހާކަމެއް ފުރިހަމަކުރައްވާފަ ވަޑައިގެންނެވީމަ އައްޑޫސިޓީގެ ހުރިހާ ރައްޔިތުން ވޯޓްދޭން ޖެހޭ. 

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދުކުރައްވާ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ޕާޓީ ވެރިކަމަށް ގެނެވޭނެ ސިޔާސަތެއް އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަތްޕުޅުގައިކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ވިދާޅުވީ ޕްރައިމަރިއަށްފަހު ހުރިހާ ރައްޔިތުންގެ ތާއީދާއެކު ވެރިކަމަށް ގެނެވޭނެ ކެންޑިޑޭޓެއްގެ ގޮތުގައި މިވަގުތު ފެންނަން ހުރީ އިބްރާހީމް މުޙައްމަދު ޞާލިހުކަމަށެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.