
ރައީސް ޔާމީނާއެކު ކުރާނެ މަސައްކަތެއް ނޯންނާނެ- ރައީސް
ކުރީގެ ރައީސް އަބުދުالله ޔާމީނާއެކު ކުރައްވާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެކަމަށާއި، އެކުގައި މަސައްކަތް ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ސާފްކޮށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި މިރޭ މާލޭގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެންނަށް ނުކުރެވޭނެ އަދި ކުރަން ހެޔޮނުވާވަރުގެ ކަންކަން ހުންނާނެކަމަށެވެ. އެއީ ޑިމޮކްރަސީއަށްޓަކައިވެސް، ރާއްޖޭގެ ނިޒާމް ހަމަމަގުން ހިންގުމަށްޓަކައިވެސް އަދި ޚުދު އަޅުގަނޑުމެންނަށްޓަކައިވެސް އެކަން އޮތްގޮތްކަމަށެވެ. އެއްވެ ތިބި ގިނަ އަދަދެއްގެ ބަޔަކަށް އިޝާރާތްކުރައްވާ އެމަނިކުފާން ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ތިޔަބޭފުޅުންނަށް ކުރި އަނިޔާތަކާއި، ދެއްކި ބިރާއި، އޭގެ ފަހަތުގައި ތިބި މީހުން އެމަނިކުފާނަށް އޯކޭ ނޫންކަމަށެވެ.
އެމީހުންނާއެކީގައި އަޅުގަނޑު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ. ރައީސް ޔާމީން އޯކޭއެއްނޫން، އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ މިމޭރުމުން މިހާ ސާފްކޮށް ވިދާޅުވެފައި މިވަނީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައީސް ޔާމީނަށް ވަރަށްބޮޑަށް ތައުރީފް ކުރައްވާފައި ވަނިކޮށެވެ. އެގޮތުން ޔާމީނަކީ ވިޝަނަރީ ލީޑަރެއްކަމަށާއި، އިންޑިޔާ އައުޓް ފިޔަވާ އެހެން ކަންކަމާމެދު ރައީސް ޔާމީނާ ހިޔާލު އެއްގޮތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެފައިވާތީ އެމްޑީޕީގެ ކުރީގެ ޗެއަރޕަސަން އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ވަނީ މިރޭ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.