
"އަނެއްކާވެސް ދޫކޮށްލާ، ދޫކޮށްލާ ކިޔަން ތިބޭނީތޯ، މިނިވަންކަމާއެކު ތަރައްޤީގެ މަގުގައި ކުރިއަށްދާނީތޯ؟"
އަނެއްކާވެސް މަގުމަތިވެ ދޫކޮށްލާ، ދޫކޮށްލާ ގޮވަން ތިބޭނީތޯ ނުވަތަ މިނިވަންކަމާއެކު ތަރައްޤީގެ މަގުގައި ކުރިއަށްދާނީތޯ އެމްޑީޕީގެ ރިޔާސީ ކެންޑޮޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ސުވާލު އުފައްދަވައިފިއެވެ.

ރިޔާސީ ކެމްޕެއިންގައި ރޭ ފުވައްމުލަކު ސިޓީގައި، އެސިޓީގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްޑީޕީއަށް ވެރިކަމުގައި ދެމިތިބެވެން އޮތް މަގަކީ އެމަނިކުފާނަށް ރިޔާސީ ޓިކެޓް ލިބި އިންތިޚާބުގައި ވާދަކުރެވުންކަމަށެވެ. އެހެން ނޫންނަމަ އޮތީ އަނެއްކާވެސް މަގުމަތިވެ ދޫކޮށްލާ،ދޫކޮށްލާ، ދޫކޮށްލާ ގޮވަން ތިބުންކަމަށް ވިދާޅުވިއެވެ. އެމަނިކުފާން އެއިޝާރާތްކުރެއްވީ ވެރިކަން ގެއްލިއްޖެނަމަ ލީޑަރުން އަލުން ޖަލަށް ދާންޖެހި، ލީޑަރުން މިނިވަންކުރަން މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރަން ޖެހޭނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރާއްޖޭގައި ސުލުހައާއި, އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް ކުރާ މަސައްކަތެއްކަމަށެވެ.. ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި, ޝުއޫރު ފާޅުކުރުމާއި, ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެއްކަމަށެވެ. އަދި ތައުލީމީ ހޭލުންތެރި, ޚިދުމަތްތެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ދެމެހެއްޓުމުގެ މަސައްކަތްކަމަށެވެ. އެމަނިކުފާން ކުރައްވަނީ ޞިއްޙީ ޚިދުމަތް ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްއްކަމަށް ވިދާޅުވިއެވެ. ވިދާޅުވީ މިއީ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިތިބި ދިވެހި ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ ރަށެއް ނުބަލާ ހަމަހަމަކޮށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ދެމެހެއްޓުމަށްޓަކައި ކުރާ ކެމްޕޭނެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ އެމްޑީޕީ ޕްރައިމަރީއެއްކަމަށް ވިޔަސް ވިސްނާ ފިކުރުކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. ފުވައްމުލަކުގެ ރައްޔިތުން ޚާއްޞަކޮށް އެމްޑީޕީގެ މެންބަރުން މީގެކުރިންވެސް ކަންކަން ނިންމާފައިވަނީ ވަރަށް ވިސްނުންތެރިކަމާއެކުކަން ފާހަގަކުރައްވާ ވިދާޅުވީ މިޕްރައިމަރީގައިވެސް ފުވައްމުލަކު އެމްޑީޕީ މެންބަރުން ގޮތެއް ނިންމާނީ އެމަނިކުފާން އިޝާރާތްކުރެއްވި ކަންތައްތަކަސް ބެލުމަށްފަހުކަމަށެވެ.
މުޅިރާއްޖެއާއި ފުވައްމުލަކު ސިޓީއަށް އަޅުގަނޑުމެން މިގެންނަ އިސްލާހީ ބަދަލުތަކާއި ތަރައްޤީ ހުއްޓުމަކަށް ގެނެސް ފަހަތަށް ދާނީތޯ, ނޫނީ މިކަންކަމާއިއެކު ކުރިއަށްދާނީތޯ މިއީ މިއަދު އަޅުގަނޑުމެން ކުރިމަތީގައި އޮތް ސުވާލަކީ. ވަރަށް ސާފް. އެއްގޮތަކީ އެދާގޮތަށްގޮސް ހުރިހާކަމެއް ހުއްޓުމަކަށް އައުން, އަނެއްކާވެސް ދޫކޮށްލާ, ދޫކޮށްލާ ދޫކޮށްލާ ގޮވަން ތިބުން. އެކަންކުރާނީތޯ ނޫނިއްޔާ މިދެންނެވި ގޮތަށް ތައުލީމާއި ސިއްހަތާއި އަސާސީ ޚިދުމަތްތަކާއި މިނިވަންކަމާއި މިކަންކަން ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން މިކުރި މަސައްކަތްތަކާއިގެން ކުރިއަށްދާނީތޯ އޮތް ސުވާލު.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެން މިބޭނުންވާ ބަދަލު ރާއްޖެއަށް ގެނެވޭނީ އަޅުގަނޑުމެން މިބޭނުންވާ ތަރައްޤީއާގެން ކުރިއަށްދެވޭނީ އެމަނިކުފާނަށް ވެރިކަމުގައި ހުރެވިގެންކަމަށެވެ. ވެރިކަމަށް އާދެވޭ މަގު ވަރަށް ސާފްކޮށް މިއަދު އަޅުގަނޑުމެން އެންމެނަށް އެބައިނގޭކަމަށާއި، އެހެންވީމާ އެކަމަސް ވިސްނަވާފަ ވެރިކަމަށް އެމްޑީޕީއަށް އާދެވޭނެމަގު އިހުތިޔާރު ކުރުމަށް އެމަނިކުފާން އެދިވަޑައިގެންނެވިއެވެ.