ކުޑަގިރި ---

މާޒީގެ ތެރެއަށް ގެއްލުނު ކުޑަބަނޑޮހުގެ ހަނދާންތަކާއި އުފާ ކުޑަގިރިއަށް!

އާދީއްތަ 12 ފެބްރުއަރީ 2023 | އައުޓްރީޗް

ބައިބޯ ތޮއްޖެހިފައިވާ މާލޭގައި، ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ކަމާއި އެކު ޕިކްނިކް ހަދާލަން، އެތައް ޒަމާނެއް ވަންދެން އޮތް ރަށަކީ ކުޑަ ބަނޑޮހެވެ. ޚިދުމަތްތައް އެންމެ ފުރިހަމަ ނޫނަސް، ކުޑަބަނޑޮހަކީ، މާލެ ސަރަހައްދުގެ ރައްޔިތުނަށް އޭރު ނުހަނު ބޭނުންތެރި ތަނެކެވެ. އެތައް ހަނދާނަކާއި ގުޅިފައިވާ ތަނެކެވެ.

Advertisement


މާލެ އަތޮޅުގައި ހުރި ރަށްތައް ފަޅުރަށްތަކާއި ފަޅުތައް ރިޒޯޓްތައް ހެދުމަށް ދޫކުރެވެމުން އައިރު ރިޒޯޓްހެދުމަށް ދޫނުކޮށް، 1981 ވަނަ އަހަރުންފެށިގެން ކުޑަބަނޑޮސް ބާއްވާފައި އޮތީ، މާލޭގެ ރައްޔިތުން ދަތުރުދިޔުމަށެވެ. ގާތްގަނޑަކަށް 31 އަހަރު ވާންދެން ކުޑަބަނޑޮސް ކޮންމެ ދުވަހަކުމެ އެތައް ބަޔަކު އެރަށަށް ދަތުރުގޮސް އުފާ ހޯދާ ރަށެއްގެ ގޮތުގައެވެ. އޭރު ކުޑަބަނޑޮހުގައި ހުރީ އެޒަމާނާއި ގުޅޭ ވަސީލަތްތަކެވެ. ލަފާފުރުމަށް ޖެޓީއެއް ހަދާފައިވާއިރު، ރަށުތެރޭގައި ނަމާދުކުރާނެ ތަނަކާއި އާއްމު ފާޚާނާ ބަރިއެއް ފިޔަވައި މާގިނަ ޚިދުމަތްތަކެއް ނެތެވެ. ފެރީ ދޯނިފަހަރު ކުއްޔަށް ނަގައިގެން އެރަށަށް ޕިކްނިކްދާ މީހުން ދަނީ، ހުރިހާ އެއްޗެއް ހިފައިގެންނެވެ. ބައެއް ފަހަރު ގޭގައި ކައްކައިގެން އަނެއްބައިފަހަރު ކައްކާނޭ އެއްޗިއްސާ ތެލިތަށި އުނދުން ފަދަ ތަކެތި ހިފައިގެންނެވެ. ރަށުގައި ކުޅިވަރުކުޅޭނޭ ޚާއްސަ ތަންތަނެއް ނުހުރެއެވެ. ދަތުރުދާ އެންމެންނަށްވެސް އޮޮންނަނީ ގޮނޑު ދޮށާއި މޫދެވެ.

"ކުޑަބަނޑޮހަށް އޭރު ދަތުރުދާން ވެއްޖިއްޔާ، ފުރަތަމަ އަޅުގަނޑުމެން ޖެހޭނީ އެރޭ ހޭލައި ތިބެން. ހޭލައި ތިބެ، އެއް ގެޔަކުން ރޮށި، އަނެއް ގެޔަކުން ރިހަ، އަނެއް ގެޔަކުން މަސްބަތް ނަމަވެސް ހަދައި ތައްޔާރުވެގެން، ހެނދުނު ދޯންޏެއްގައި ފުރައިގެން ކުޑަބަނޑޮހަށް ދާނީ." ކުޑަބަނޑޮހަށް ކުރެއްވި ޕިކްނިކް ދަތުރުތަކުގެ ހަނދާން އައު ކުރައްވައި، ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް އައިލާތަކާއި އެކު ދަތުރު ދިޔުމަށް އޮތް ހަމައެކަނިރަށް، ކުޑަބަނޑޮސް ރިޒޯޓަކަށް ހެއްދެވުމަށް ނިންމަވައި، އޭރުގެ ސަރުކާރުގެ މަސްލަހަތު އޮތް ފަރާތަކަށް ސަރުކާރުން ދެއްވި ދެއްވުމަކީ، މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް އޭރުގެ ސަރުކާރުން ދިން އިޢާދަ ނުކުރެވޭނެ އަނިޔާއެކެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުން ސަލާމަތްވެ ހިތްފަސޭޙަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މާލޭގެ ރައްޔިތުންނަށް އޮތް ފުރުޞަތު މުޅިން ބަންދުވެގެން ދިޔަކަމެކެވެ. އޭރުގެ ސަރުކާރުން އެނިންމުން ނިންމެވީ މާލޭގެ ރައްޔިތުން ދެކޭ ގޮތެއް އައްސަވާލެއްވުމެއްވެސް ނެތިއެވެ. 

މާލޭގެ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް މާލެ ކައިރީގައި ރަށެއް އޮތުމުގެ މުހިއްމުކަން ކުރީގެ ސަރުކާރުތަކަށްވެސް ވިސްނުނެވެ. އެކަމުގެ ޕްލޭންތައްވެސް ހެއްދެވިއެވެ. އެކަމަކު އެކަންކަން އެއީ ހަމައެކަނި ކަރުދާހުގައި ކުރެހުނު ޚިޔާލުތަކަކަށް ވެގެން ނިމުނީއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްމާލެ ސަރަހައްދުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުޙިއްމު އެއް ވަޢުދަކީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ކައިރީގައި، ޕިކްނިކް ދެވޭނެ ރަށެއް ހެއްދެވުމެވެ. މިގޮތުން މާލެ އާއި 15 ވަރަކަށް މިނިޓްގެ ރާސްތާއެއްގައި އޮތް ބަންގަލްފަޅުގައި ރަށެއް ތަރައްޤީކުރުމަށް ނިންމައި ސަރުކާރުން އެރަށުގެ ބިންހިއްކުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއަށެވެ. 

މަސްނޫޢީ ރަށެއް އުފައްދައި ޕިކްނިކް ދިޔުމަށް ބޭނުންވާނެ ވަސީލަތްތައް ޤާއިމް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ގޮންޖެހުން ބޮޑު މަސައްކަތެކެވެ. ކުޑަގިރީގެ ނަމުން ނަންދީފައިވާ ޕިކްނިކް އައިލެންޑްގެ ބިން ހިއްކައި ރިވެޓްމަންޓްޖަހައި އެރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތްކޮށްފައިވަނީ އެމްޓީސީސީންނެވެ. އެރަށުގެ ބިންހިއްކުމުގެ ގޮންޖެހުން ބޮޑު މަސައްކަތް އެމްޓީސީސީން ނިންމާލައި އަދި ރަށްތަރައްޤީކޮށް ހުޅުވާލި އިރު، އެރަށުގެ ފަރަކީ ދިރުން ހުރި ފަރަކަށް ވުމަކީ ފާހަގަކުރަންޖެހޭ ކާމިޔާބީއެކެވެ.

"އަޅުގަނޑުމެން މިއަދު ޔަޤީންކަން އަރުވަން ބޭނުންވަނީ، މި ރަށް ޑިޒައިން ކުރެވިފައި މިވަނީ އިރާދަކުރެއްވިއްޔާ، ޒަމާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި. ޢާއިލާތަކަށް ހިތްހަމަޖެހިގެން، ރައްޓެހިންނާ އެކީގައި ވަގުތު ހޭދުކުރެވޭ ގޮތަށް." ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވިއެވެ.

ކުޑަގިރި ތަރައްޤީކޮށް ހުޅުވުމާއި ހަމައަށް ގިނަ ދުވަސްތަކެއް ވޭތުވެގެން ދިޔައިރު އެކަމަށް ގިނަ ބައެއްގެ ފާޑު ކިޔުންތައްވެސް އަމާޒު ވިއެވެ. އެހެން ނަމަވެސް ތަފާތު އެކި ތާރީޚުރައް ދެއްވުމަށް ފަހުގައިވެސް ރަށް އާއްމުންނަސް ހުޅުވާނުލެވި ލަސްވެގެން ދިޔައީ މަޤުބޫލު އެތައް ސަބަބަކާއި ހެދިއެވެ. ދޮންވެލި ފިނޮޅެއްގައި ގަސްހެދި ރަށެއްގެ ސިފަ އަންނަން އެތައްދިހަ އަހަރެއް ވޭތުވެގެން ދާއިރު، ހިއްކައިގެން ވުޖޫދަށް ގެނައި ކުޑަގިރި ފެހިކޮށްލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް ހޮނިހިރު ދުވަހު އެރަށް ހުޅުވި އިރު ވަނީ، ގަސް އިންދައި އެރަށް ފެހިކުރުމުގެ މަސައްކަތްތައް ވަރަށް ބޮޑަށް ކޮށްފައެވެ.

މީގެ އިތުރުން ކުޑަ ބަނޑޮހާއި ޚިލާފަށް ކުޑަގިރީގައި ޒަމާނީ ގިނަ ޚިދުމަތްތައް ވަނީ ޤާއިމްކޮށްފައެވެ. ފެރީގެ ނިޒާމާއި، ލަފާފުރޭނެ ފަސޭހަ ގޮތްތަކާއި، ދަތުރުދާ މީހުންނަށް ކުޅުމަށް ދަނޑުތަކާއި ކޯޓުތަކާއި، ވޯޓަރ ސްލައިޑްތައް ވަނީ ހަދާފައެވެ. ވޯޓަރ ސްޕޯޓްސް އާއި ޑައިވިންގ ޚިދުމަތައި ފިހާރަ އާއި ރެސްޓޯރެންޓްގެ ޚިދުމަތްތަކަކީ، ކުޑަބަނޑޮހުން ލިބުނު ޚިދުމަތްތަކެއް ނޫނެވެ.

އަދި ދަތުރުދާ މީހުންނަށް ޚާއްސަކޮށް ބާބަކިއު އޭރިއާތަކާއި، ކުޑަތައް ޖަހައި، އަދި އަށިތައް ހަދާފައި ވުމަކީ، ވެސް ޒަމާނާއި އެއްގޮތަށް ގެނެސްފައިވާ މުހިއްމު ޚިދުމަތްތަކެކެވެ. މީގެ އިތުރުން ކުޑަގިރިއަކީ، ކުޅެދޭ މީހުންނާއި ނުކުޅޭދޭ މީހުން ތަފާތު ނުވާނެހެން ހުރިހާ ބަޔަކަށްވެސް ޚިދުމަތްތައް ހޯދޭނެ ގޮތަށް ވަޞީލަތްތައް ތަރައްޤީ ކުރެވިފައިވާ ރަށެކެވެ.

"ކުޑަގިރިއަކީ ތިޔަބޭފުޅުންގެ ރަށެއް. މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ރަށެއް. މި ރަށަށް ކުޑަކުދިންނާއި، ދުވަސްވީ މީހުންނާއި، ނުކުޅެދޭ މީހުންނާއި، ޢާއިލާތައް އަންނާނެ." ކުޑަގިރި ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒަމާނާއި ގުޅޭ ގޮތަށް ކަންކަމާއި އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން، ޕިކްނިކް ދާން ބޭނުންވާ ފަރާތްތަކުން ދުރާލައި އިންތިޒާމްތައް ހަމަޖެއްސޭނެ ގޮތަށް، ކުޑަގިރިއަށް ޚާއްސަ ވެބްސައިޓަކާއި، އެޕްލިކޭޝަނެއް އެރަށް ހިންގައި ބަލަހައްޓާ އެޗްޑީސީން ވަނީ ތަޢާރަފްކޮށްފައެވެ. އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު އާތިފް ވިދާޅުވީ، ދަތުރުދާ މީހުންގެ ޚިޔާލާއި އެއްގޮތަށް އަދިވެސް އެރަށުގައި ޚިދުމަތްތަށް ފުރިހަމަކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ދަތުރުދިޔުމަށް އޮތް ކުޑަބަނޑޮސް ގެއްލުނުތާ 10 އަހަރު ފަހުން، މާލެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެން މިދިޔައީ، ކުޑަބަނޑޮހަށް ވުރެ މާފުރިހަމަ އެހެން ރަށެކެވެ. ކުޑަބަނޑޮސް މާޒީއަށްވެ، ކުޑަގިރި ދިރިގެން އައީއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.