
ފަރެސް މާތޮޑާ އެއާޕޯޓު ހުޅުއްވައި ދެއްވުމަށް ރައީސް މާދަމާ އެރަށަށް ވަޑައިގަންނަވަނީ
ގދ. ފަރެސް މާތޮޑާ އެއާޕޯޓު ހުޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ އެރަށަށް ވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ރައިސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދެވެ.
ފަރެސް މާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށް އެކުންފުނިން މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގައެވެ. 145 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ފަރެސްމާތޮޑާ އެއާޕޯޓަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ފެންވަރު ރަނގަޅު ޒަމާނީ އެއާޕޯޓެވެ.
ފަރެސް މާތޮޑާ އެއާޕޯޓަށް އިއްޔެވަނީ ޓެސްޓް ފްލައިޓްވެސް ޖައްސާފައެވެ. އެންމެ ފުރަތަމަ އެ އެއާޕޯޓަށް ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482 ބޯޓެވެ. މިއީ، ޑޭޝް 8 - 300 މަރުކާގެ މަތިންދާ ބޯޓެކެވެ. ޓެސްޓު ފްލައިޓް ޖައްސާފައި ވަނީ މިއަދު 17:28 ހާއިރުގައެވެ.
ފަރެސް މާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުން އޮންނާނީ މާދަމާއެވެ. އަދި ބުރާސްފަތި ދުވަހު މޯލްޑިވިއަނުން އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ވަނީ ހަމަޖައްސފައެވެ. މިގޮތުން، މިވަގުތު އެއާޕޯޓަށް މޯލްޑިވިއަނުން ކުރާނީ ހަފްތާއަކު 2 ދަތުރެވެ.
މިމަހުގެ 16 އަދި 19 ވަނަ ދުވަހު ފަރެސް މާތޮޑާއަށް މޯލްޑިވިއަންއިން ދަތުރު ކުރާ ފަސިންޖަރުންނަށް ޚާއްސަ ފެއާއެއް އެ އެއާލައިނުން ވަނީ ހަމަޖައްސާފައެވެ.