
އެސްޓީއޯއިން ހުޅުމާލެ ފޭސް 2ގައި އެކުންފުނީގެ ފިހާރައެއް ހުޅުވައިފި
ރޯދަ މާޓގެ ނަމުގައި އެސްޓީއޯއިން އެކުންފުނީގެ ފިހާރައެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ.

މިފިހާރަ ހުޅުވާފައިވަނީ އަލަށް މީހުން އާބާދު ވަމުންދާ، ފޭސް 2ގެ ވިނަރެސްޓް 9 ގެ ގްރައުންޑް ފްލޯގައެވެ. އިއްޔެ ހަވީރު މިފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރުއާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ބައިވެރިވެވަޑައިގެންނެވިއެވެ.
"މި ހުޅުވުނު ފިހާރައިން ރޯދަ މަހު ހުޅުމާލެ 2 ގަ އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ. މި ފިހާރައިގަވެސް ހަރުތައް އަމިއްލަ ވިޔަފާރިތަކަށް ވަނީ ދޫކުރެވިފަ. އަދި ހެދިކާ ހަދާ އަމިއްލަ ފަރާތްތަކަށް ވެސް ޖާގަ ދެވޭނެ. އެންމެނަށްވެސް ލުއިފަސޭހަ ރޯދަމަހަކަށް އެދެން" އަމްރު ވިދާޅުވިއެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، މިފިހާރައިން އެސްޓީއޯއިން ވިއްކާ މުދާ ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށްވެސް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ރޯދަމަހަށް ޚާއްސަކޮށްގެން އެކުންފުނިން ރާއްޖެ އެތެރެކޮށްފައިވާ، ފިޔާ، އަލުވި އަދި ބިސްވެސް އެފިހާރައިން ލިބެން ހުންނާނެއެވެ.
ހުޅުމާލެ ފޭސް 2 އަކީ މިވަގުތު އެންމެ ގިނަ މީހުން އާބާދު ވަމުން އަންނަ ސަރަހައްދެވެ. ފާއިތުވި 2 އަހަރުގެ ތެރޭގައި ހުޅާމާލެ ފޭސް 2 ގައި ވަޒަންވެރިވި މީހުންގެ އަދަދު ބައި ލައްކައަށް އަރާނެކަމަށް ވަނީ ލަފާކުރެވިފައެވެ.